ގޭސް ސިލިންޑަރު ސަޕްލައިކުރާ ކުންފުނިން އިކުރާމަށް ދަތުރެއް ދިން މައްސަލަ ބަލަނީ

މޯލްޑިވް ގޭސްގެ އެކްޓިން އެމްޑީ އަލީ އިކްރާމް --- ފޮޓޯ/ ކުޅުދުއްފުށީ އޮންލައިން

މޯލްޑިވް ގޭސްގެ އެކްޓިން އެމްޑީގެ މަގާމުގައި ހުންނެވި އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކުރާމްގެ ސީރިއަސް ދެ މައްސަލައެއް ރައްޔިތުންގެ މަޖިލީހިގެ އެސްއޯއީ ކޮމެޓީ އިން ބަލަން ފަށައިފި އެވެ.

ކޮމެޓީން ބަލަމުންދަނީ މޯލްޑިވް ގޭހަށް އޮކްސިޖަން ސިލިންޑަރު ސަޕްލައި ކުރުމުގައި އޮތް ކޮރަޕްޝަނުގެ މައްސަލައެއްގެ އިތުރުން އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެކެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލާގައި އިކްރާމު މިހާރުވެސް ހުންނެވީ ސަސްޕެންޝަނުގަ އެވެ.

މޯލްޑިވްސް ގޭހަށް އޮކްސިޖަން ސިލިންޑަރު ސަޕްލައި ކުރާ ކުންފުންޏެއްގެ ޚަރަދުގައި އިކުރާމު ސިންގަޕޫރަށް ކުރެއްވި ދަތުރަކާ ގުޅޭ މައްސަލަ އެއް ކޮމެޓީ އަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދެވެ.

އެ ދަތުރާ ގުޅޭ ލިޔެކިޔުންތައް ހޯދަން މަޖިލީހުން މޯލްޑިވް ގޭހުގެ ބެލެނިވެރި ކުންފުނި އެސްޓީއޯގައި އެދިފައިވާނެ ކަމަށް ކޮމެޓީގެ މުގައްރިރު އިލްޔާސް ލަބީބު މިއަދު ވިދާޅުވި އެވެ.

މިވަގުތުު އެސްޓީއޯ އިން ހިއްސާކޮށްފައި އޮތީ ދަތުރުގެ އިކެލްޓްރިކް ޓިކެޓަކާއި ރިސިޓެއް ކަމަށާއި އިތުރު މައުލޫމާތު ހޯދަން އަނެއްކާވެސް އެދިފައިވާނެ ކަމަށް މުގައްރިރު ވިދާޅުވި އެވެ.

މައުލޫމާތު ފުރިހަމަވުމުން އެ މައްސަލަ އަލުން ކޮމެޓީ ގައި ތާވަލުކުރާނެ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް