އިސްރާއީލުގައި "ފޭކު ހަބަރު" ފެތުރުމުގެ ސަބަބުން ވެކްސިން ޖެހުން 50 ޕަސެންޓު ދަށަށް

އިސްރާއީލުން ދަނީ ފައިޒާ ކޮވިޑް ވެކްސިން ދެމުން -- ފޮޓޯ: ރޮއިޓާސް

ގުދުސް (ފެބްރުއަރީ 8): އިސްރާއީލުގައި ކޮވިޑް-19 ވެކްސިނާ ބެހޭ ސައްހަ ނޫން މައުލޫމާތު ފެތުރުމުގެ ސަބަބުން އެގައުމުގައި ވެކްސިން ޖަހާ މިންވަރު 50 ޕަސެންޓު ދަށްވެއްޖެ ކަމަށް އެގައުމުގެ އެންމެ ބޮޑު އެއް ވެކްސިނޭޝަން ޕްރޮގްރާމްގައި އިސްކޮށް ހުންނަވާ ކަލަނިތު ކަޔޭ ވިދާޅުވެއްޖެ އެވެ.

ކަޔޭ ވިދާޅުވި ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ 19ގައި އިސްރާއީލްގައި ފައިޒާގެ ކޮވިޑް ވެކްސިން ދޭން ފެށި އިރު ކޮންމެ ދުވަހަކު 100،000 އާއި 120،000އާ ދެމެދުގެ އަދަދަކަށް މީހުން ވެކްސިން ޖަހަން ދެ އެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި އެ އަދަދުގެ ދެބައިކުޅަ އެއްބަޔާ އެއްވަރަށް ވެސް މީހުން ވެކްސިން ޖަހަން ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަޔޭ ވިދާޅުވި ގޮތުގައި ވެކްސިން ޖެހުން މިހާރު މަދުވެފައިވާ ސަބަބުތަކުގެ ތެރޭގައި ސޯޝަލް މީޑިއާ އާއި ނޫސްތަކުގައި ސައްހަ ނޫން ހަބަރު ފެތުރުން ހިމެނެ އެވެ.

"ފާއިތުވި ދުވަސްތަކުގައި އޭގެ ދެބައިކުޅަ އެއްބަޔާ އެއްވަރަށްވެސް [މީހުން ނާދޭ]... ބައެއް މީހުންނަށް ވެކްސިންގެ މުހިއްމުކަމެއް ނޭނގޭ. ސޯޝަލް މީޑިއާއާއި ނޫސްތަކުގައި ހުންނަ ފޭކު ހަބަރުގެ ސަބަބުން [ވެކްސިން ޕްރޮގްރާމަށް] ގެއްލުންވޭ،" ކަޔޭ ވިދާޅުވި އެވެ.

އިސްރާއީލުގެ އާބާދިގެ ނުވަ މިލިއަން މީހުންގެ ތެރެއިން 3.4 މިލިއަން މީހުންނަށް މިހާތަނަށް ވެކްސިން ދީފައިވެ އެވެ. އޭގެ ތެރެއިން ދެ މިލިއަން މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒްވެސް ވަނީ ދީފަ އެވެ. އަދި އެގައުމުން ވަނީ 16 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖަހަން ހުޅުވާލާފަ އެވެ.

އިސްރާއީލްގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެގައުމުގެ އާބާދީގެ 60 އަހަރުން މަތީގެ މީހުންގެ ތެރެއިން 92.8 ޕަސެންޓު މީހުންނަށް މިހާރު ވަނީ ވެކްސިންގެ އެއް ޑޯޒް ދީފައި ނުވަތަ ކޮވިޑް-19 ޖެހި ރަނގަޅުވެފަ އެވެ.

އެ މިނިސްޓްރީން މިދިޔަ ހަފްތާގައި އާންމު ކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި އެގައުމުގައި ކޮވިޑް ވެކްސިން ޖަހަން ފެށި ފަހުން އެގައުމުގެ 60 އަހަރުން މަތީގެ އާބާދީގައި ބަލި ޖެހޭ މިންވަރު ވަނީ 41 ޕަސެންޓު ދަށްވެފަ އެވެ. އަދި ކޮވިޑް ޖެހިގެން އެ އުމުރުފުރާގެ މީހުން ހޮސްޕިޓަލްގައި އެޑްމިޓު ކުރާ މިންވަރު ވަނީ 31 ޕަސެންޓު ދަށްވެފަ އެވެ. ނަމަވެސް އެގައުމުން ކޮންމެ ދުވަހަކު ފެންނަ އާ ކޭސްތަކުގެ އަދަދު މިހާރު ވަނީ އިތުރުވާން ފަށާފަ އެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި އިނގިރޭސިވިލާތުން ފެނުނު ކޮވިޑްގެ އާ ވޭރިއެންޓު ފެތުރުމާއި ފުރަބަންދުގެ ފިޔަވަޅުތަކާ ހިލާފުވުން ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އިސްރާއީލުން ކޮވިޑްގެ އާ ވޭރިއެންޓު ފެނުމުން މިދިޔަ މަހުގެ އަށެއްގައި ފުރަބަންދު ކުރުމަށް ފަހު އިއްޔެ އެ ފިޔަވަޅުތައް ލުއި ކުރަން ވަނީ ފަށާފަ އެވެ.

comment ކޮމެންޓް