ޒުވާނުންނަށް ބޭނުން ވަނީ ވަޒީފާ، ނާޗަރަންގީ ޖަގަހައެއް ނޫން: ޑރ. ޝަހީމް

އިދިކޮޅުގެ އެޑްވައިޒަރުގެ މަގާމު ހަވާލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. ޝަހީމު --- ފޮޓޯ: ޕީޕީއެމް

ދިވެހި ޒުވާނުންނަށް މިއަދު ބޭނުންވަނީ ރަނގަޅު ވަޒީފާ އާއި އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތް ކަމަށާއި ނާޗަރަންގީ ޖަގަހަތައް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޒުވާނުންނަށް ފަސޭހަކަމާ އެކު މިޔުޒިކް އަޑުއަހާލައި ހާސްކަމެއް ނެތި މަޖާކޮށްލައި، އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކޮށްދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅައިފަ އެވެ.

އެ ގާރަރަކީ، މަޖިލީހުގެ މިދިޔަ ދައުރުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރެކެވެ. އަދި މިއަދުގެ ޖަލްސާގައި އެ ގަރާރަށް ވަނީ ބަހުސްކޮށްފަ އެވެ.

އެ ގަރާރާ ގުޅޭ ގޮތުން ޑރ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނާޗަރަންގީ ޖަގަހަތަކަށް ވުރެ ޒުވާނުންނަށް މިއަދު ބޭނުން ވަނީ އެކަށީގެންވާ ވަޒީފާގެ ފުރުސަތުތަކާއި ހިތް ފަސޭހަ ދިރިއުޅުމާއި ބޯ ހިޔާވަހިކަމާއި ހަރުދަނާ އާއިލާއެއް ބިނާކުރުމާއި އަބުރުވެރި ދިރިއުޅުން ކަމަށެވެ.

"ސިޔާސީ ލީޑަރުން އަމާޒު ހިފަންވީ ޒުވާނުންގެ މުސްތަގުބަލު އުޖާލާކުރުމުގެ މައްޗަށް،" ޝަހީމް ވިދާޅުވި އެވެ.

ޑިގްރީއާއި މާސްޓާޒް ހަދައިގެން ވެސް ވަޒީފާ އެއް ނުލިބި، އާއިލާ އާއި މައިންނަފައިންނަށް ދޭންޖެހޭ އެހީތެރިކަން ދެވޭނޭ ގޮތެއް ނުފެނި އެތައް ޒުވާނުން މަގުމަތިވެފައި ތިބިކަން ޑރ. ޝަހީމް ފާހަގަކުރެއްވި އެވެ.

ޑރ. ޝަހީމް ވިދާޅުވީ ވަޒީފާއަށް ޓަކައި ސަލާން ޖަހަން ޖެހޭ ހާލަތު ނެތިކޮށް ޒުވާނުންގެ އަތުގައި ހިފަންޖެހޭ ކަމަށެވެ.

"އަޅުގަނޑު އެދެނީ ނާޗަރަންގީ ޖަގަހަތަކާއި ނައިޓް ކްލަބްތަކުގެ ޝިކާރަ އަކަށް ޒުވާނުން ވިޔަ ނުދީ ގައުމުގެ މުސްތަގުބަލަށްޓަކައި ޒުވާނުންގެ ޝަހުސިއްޔަތު ބިނާކުރުން. ސިޔާސީ ލީޑަރުންނަށް ގައުމަށް ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތަކީ އެއީ،" އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފު ހުށަހެޅުއްްވި ގަރާރުގެ ތައާރަފްގައި ބުނެފައި ވަނީ، މާލެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކަކަށް ސަރުކާރުން ހައްލު ހޯދަމުންދާއިރު އެ ގަރާރުގެ ބޭނުމަކީ އެފަދަ މަރުކަޒެއް ގާއިމް ކުރުމަކީ ޒުވާނުންގެ މިޔުޒިކްގެ ފަންނު އިތުރަށް ތަރައްގީކުރުމާއި އެފަދަ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުމުގެ މުހިންމުކަން ފާހަގަކޮށް އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވަމުން ގެންދަވާ ހަސަން ލަތީފުގެ ގަރާރުގައި ބުނީ، މާލެއަށް ދިމާވެފައިވާ މައްސަލަތަކަކީ އެ މައްސަލަތަކުން އަރައިގަތުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ މައްސަލަތަކެއް ކަމަށެވެ. އެގޮތުން މާލޭގެ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ ދަތިކަމާއި މަގުތަކުގެ ކާރޫބާރޫ ބޮޑުކަމާއި ވަޒީފާގެ ފުރުސަތުތައް ނެތްކަން އޭނާ ފާހަގަ ކުރެއްވި އެވެ. ސަރުކާރުން އެކަންކަމަށް ހައްލު ހޯދަމުންދާއިރު ވެސް، ހާސްކަމުގެ ތެރޭގައި މާލޭގައި އުޅެން ޖެހިފައިވާ ޒުވާނުންނަށް އެ ހާސްކަމުން މިންޖުކުރެވޭނެ މަރުކަޒެއް ބޭނުންވެފައިވާކަން ގަރާރުގައި ބުނެފައިވެ އެވެ.

"ޒުވާނުންނާއި ރައްޓެހިންނާއި އެކުވެރިންނާއެކު ހީ، ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއް މިޔުޒިކް އަޑުއަހާލައި، ވަގުތު ހޭދަކޮށްލެވޭނެ މަރުކަޒަކަށް މިވަނީ އިންތިހަށް ބޭނުންވެފަ އެވެ. ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހާލަން ޒުވާނުން އެއްވެ އުޅެވޭނެ ތަނެއްގެ މުހިންމުކަން [މިވަނީ] އިތުރުވެފައި." އެމްޑިޕީގެ ފުރަތަމަ ސަރުކާރުގެ ޒުވާނުންނާއި ކުޅިވަރާ ބޭހޭ ވަޒީރު ހަސަން ލަތީފުގެ ގަރާރުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް