ހުޅުމާލޭގެ ނުނިމި ހުރި މަގުތައް ހަދަން ނެގި ލޯނަށް ސަރުކާރު ގެރެންޓީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހެދި މަގުތައް-- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ނުހަދާހުރި މަގުތަކާއި ފުރަތަމަ ފިޔަވަހީގެ ނުނިމި ހުރި މަގުތައް ހަދަން އިންޑިއާގެ އެގްޒިމް ބޭންކުން ނަގާ 19.25 މިލިއަން ޑޮލަރު (296.83 މިލިއަން ރުފިޔާ)ގެ ލޯނަށް ސަރުކާރުން ގެރެންޓީ ދީފި އެވެ.

ސަރުކާރުގެ ލޯނުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށް ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހުށަހަޅާފައިވާ މައުލޫމާތު ކޮމެޓީގެ މެންބަރުންނާ ހިއްސާ ކުރައްވައި އެ ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ވިދާޅުވީ ހުޅުމާލޭ ފުރަތަމަ އަދި ދެ ވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަޝްރޫއަށް ފައިސާ ހޯދުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާއި އިންޑިއަން އެގްޒިމް ބޭންކާ ދެމެދު ސޮއިކޮށްފައި ވަނީ 2020 އޮގަސްޓު 27ގައި ކަމަށެވެ.

އަދި އެ ލޯނަށް އޮކްޓޯބަރު 2020ގައި ސަރުކާރުން ގެރެންޓީ ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ މަޝްރޫއަކީ އެގްޒިމް ބޭންކުން 100 ޕަސެންޓް ފައިނޭންސް ކުރާ މަޝްރޫއެކެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ މަގު ހެދުމުގެ ފުރަތަމަ މަޝްރޫއުގެ މަސައްކަތް ވެސް ކޮށްފައި ވަނީ އިންޑިއާގެ މޯހަން އަޝޯކާ ބިލްޑްކޮން އެލްއެލްޕީ (މޯހަންމުތާ) ކުންފުނިންނެވެ.

މަގު ހެދުމުގެ ދެ ވަނަ ފިޔަވައްސަށް އިންޑިއަން އެގްޒިމް އިން ގެރެންޓީދިން އިރު އެ މަސައްކަތް ވެސް ކުރާނީ އިންޑިއާ ކުންފުންޏަކުންނެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރިއަށް ގެންދާ މަޝްރޫއަކަށް އިންޑިއަން އެގްޒިމް ބޭންކުން ފައިނޭންސް ކުރާއިރު އެ ލޯނަށް ސަރުކާރުގެ ސޮވެރިން ގެރެންޓީ ހޯދުމުގެ މަަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް