ޔާމީންގެ އާއިލާ އެދެނީ ދައުލަތުގެ ފަރާތުން ސީދާ ޕީޖީ ޝަމީމް ވަކާލާތު ކުރަން

ޔާމީން ރަޝީދު އަދި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ---

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ހިނގާ ޝަރީއަތުގައި ދައުލަތުގެ ފަރާތުން ސީދާ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަކާލާތު ކުރެއްވުމަށް ޔާމީންގެ އާއިލާއިން އެދިއްޖެ އެވެ.

ޔާމީން މާރާލީ އޭޕްރިލް، 23، 2017 ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ މަސައްކަތް ކުރާ މޯލްޑިވްްސް ސްޓޮކް އެކްޗޭންޖުން ނުކުމެގެން އޭނާ ދިރިއުޅޭ މ. ސްޕެޓިއުލާ ގެއަށް ވަންތަނާ އެ ގޭގެ ސިޑި ކައިރީގައި ބަޔަކު ތޫނު އެއްޗެހިން ހަމަލާދީ އެވެ. އޭނާ މަރާލީ ދީނީ ގޮތުން ހައްދުފަނައަޅާފައި ތިބި ބަޔަކާ އުފެދުނު ހިލާފުތަކެއްގެ ސަބަބުން ކަމަށް މީގެ ކުރިން ފުލުހުންނާއި މަރުކޮމިޝަނުންވެސް ބުނެފައިވެ އެވެ. އެ މައްސަލައިގައި ހަ މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.

އެ އަޑުއެހުމަށް ފަހު، ޔާމީންއާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ހަނދާނުގައި އުފެއްދި އެސޯސިއޭޝަން ފޯ ޑިމޮކްރެސީ އިން ދަ މޯލްޑިވްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ގާނޫނުއަސާސީގަައި ލިބިދީފައިވާ އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތް ކުރުމުގެ ހައްގު ކަށަވަރުކުރުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިގެން ޔާމީންގެ ފަރާތުން ޕީޖީގެ އަރިހުން ބައެއް ކަންތަކެއް އެދިފައިވާނެ ކަމަށެވެ.

އާއިލާއިން އެދުނު ކަންކަމުގެ ތެރޭގައި، ޔާމީންގެ މައްސަލައިގެ ޝަރީއަތުގައި ދައުލަތުގެ ފަރާތުން، ސީދާ ޕީޖީ ޝަމީމް ވަކާލާތު ކުރެއްވުން ހިމެނެ އެވެ. ރިލްވާން އަބްދުﷲގެ މައްސަލައިގެ ހުކުމުގައި، ދައުވާ ސާބިތު ކުރުމަށް ދިމާވި އެއް ހުރަހަކީ ދައުލަތުގެ ފަރުވާކުޑަކަންކަން ކަމަށް ބުނެފައިވާކަން ޔާމީންގެ އާއިލާއިން ފާހަގަކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ޔާމީންގެ މައްސަލައިގައިވެސް ދައުލަތުގެ ފަރާތުން އެކަށީގެންވާ ވަރަށް މަސައްކަތް ކުރާތަން ނުފެންނަ ކަމަށް ބުނެފައިވާ ކަމަށްވެ އެވެ.

އޭގެ އިތުރުން، ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ށ)ގައިވާ ގޮތަށް ހާމަކަންބޮޑުކޮށް ޝަރީއަތް ކުރިއަށްގެންދަން އާންމުންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކު ކޯޓުގެ އަޑުއެހުމަށް ވަދެވޭނެ ގޮތެއް ނުވަތަ ގިނަ ބަޔަކަށް އަޑުއިވޭނެ ގޮތަށް ހުޅުވާލެވިފައިވާ އަޑުއެހުންތަކެއް ބޭއްވުމަށްވެސް އާއިލާއިން އެދިފައިވެ އެވެ.

ގިނަ ދުވަސްތަކެއް ފަހުން އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލުން ވަނީ އެ މީހުންނަށް ޖަލުގައި ލިބޭ އަނިޔާތަކުގެ ވާހަކަތަކާއި ފުލުހުންގެ ތަހުގީގާ ބެހޭގޮތުން ކުރިން ދައްކާފައި ހުރި ބައެއް ވާހަކަ އަނެއްކާވެސް ދައްކައިފަ އެވެ. އަޑުއެހުމުގެ ބޮޑު ބައެއް ހޭދަވީ އެކަމަށެވެ.

މިހާރު ޔާމީންގެ ރަޝީދުގެ މަރުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ ގާޒީ އާދަމް މުހައްމަދެވެ. މީގެ ކުރިން އެ މައްސަލައަކީ މިހާރު ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާފައިވާ ގާޒީ އަލީ ރަޝީދު ހުސައިން، ކްރިމިނަލް ކޯޓުގައި މަސައްކަތްކުރެއްވި އިރު އޭނާ ބެއްލެވި މައްސަލައެކެވެ. އޭގެ ކުރިން އެހެން ގާޒީއަކުވެސް އެ މައްސަލަ ބެއްލެވި އެވެ.

އިއްޔެގެ އަޑުއެހުމުގައި ޔާމީން ރަޝީދަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ ޝަރީއަތުގެ މަޖިލީހުގައި ދައްކާފަ އެވެ.

ޔާމީން މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

އޭގެ ތެރެއިން ޔާމީނަށް އަމަލީ ގޮތުން ހަމަލާ ދިން ކަމަށް ދައުލަތުން ތުހުމަތު ކުރަނީ ހައިޝަމް އަށާއި ޒިހާނަށެވެ. ދެން ތިބި އެންމެނަކީ އޭނާ މަރާލުމަށް އެ މީހުންނާއެކު ގުޅިގެން މަސައްކަތް ކުރި މީހުން ކަމަށް ދައުލަތުން ބުނެ އެވެ.

comment ކޮމެންޓް