ވެކްސިނާ މެދު ޝައްކު އުފެދޭ ހަބަރު ޝާއިއުނުކުރަން އިލްތިމާސްކޮށްފި

ފެބްރުއަރީ 4، 2021: ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނާއި، ޓޫރިޒަމް ދާއިރާއާއި ގުޅުން ހުރި ފަންނުވެރިންނަށް ކޮވިޑް ވެކްސިން ދޭން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ވެކްސިންގެ ރައްކާތެރިކަމާމެދު ރައްޔިތުންގެ މެދުގައި ޝައްކާއި ވަހުމް އުފެދޭގޮތަށް، ހަގީގަތާހިލާފު ދޮގު ހަބަރާއި މައުލޫމާތު ނުފެތުރުމަށާއި، ވެކްސިންގެ މައުލޫމާތު އާންމުކުރުމުގައި ސައްހަ ތެދު މައުލޫމާތު ގެނެސްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެމްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބައެއް މީޑިއާތަކުން ކޮވިޑް19 އާ ގުޅޭ ހަބަރާއި މައުލޫމާތު ގެނެސްދިނުމުގައި، ވެކްސިންތަކުގެ ރައްކާތެރިކަމާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދި އިތުބާރު ގެއްލޭގޮތަށް ހަބަރާއި މައުލޫމާތު ޝާއިއުކޮށް ފަތުރަމުންދާކަން އެ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެފަދަ ހަބަރާއި މައުލޫމާތުގެ ސަބަބުން އިޖުތިމާއީ އެތައް މައްސަލަތަކެއް އުފެދެމުންދާކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ވެސް އެ ކައުންސިލަށް ލިބެމުން އަންނަ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"އެހެންކަމުން، ކޮވިޑް19 ވެކްސިނާ ގުޅޭ ހަބަރާއި މައުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ރާއްޖޭގައި ދިނުމަށް ކަމާބެހޭ ފަރާތްތަކުން މިވަގުތު ހުއްދަ ދީފައިވާ ވެކްސިންތަކުގެ ރައްކާތެރިކަމާމެދު ރައްޔިތުންގެ މެދުގައި ޝައްކާއި ވަހުމް އުފެދޭގޮތަށް، ހަގީގަތާހިލާފު ދޮގު ހަބަރާއި މައުލޫމާތު ނުފެތުރުމަށާއި، ވެކްސިންގެ މައުލޫމާތު އާންމުކުރުމުގައި ސައްހަ ތެދު މައުލޫމާތު ގެނެސްދިނުމަށް މި ކައުންސިލުން އިލްތިމާސް ކުރަމެވެ." ބަޔާނުގައިވެ އެވެ.

އެމްއެމްސީން ބުނީ ކޮވިޑް19 ވެކްސިންއާ ގުޅެގޮތުން މަައުލޫމާތު ފެތުރުމުގައި އޭގެ ސައްހަ މައުލޫމާތު ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރުމަށާއި، ވެކްސިން އާ ގުޅޭ މައުލޫމާތާ ހަވާލާދޭ މަސްދަރުތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ބައިނަލްއަގުވާމީ އިދާރާތަކުގެ މިންގަނޑުތަކާއި އެއްގޮތަށް ޝާއިއުކޮށްފައިވާ މައުލޫމާތުކަން ކަށަވަރުކުރުމަކީ ނޫސްވެރިންގެ ފަރުދީ އަދު ޕްރޮފެޝަނަލަ ޒިންމާއެއްކަން ރާއްޖޭގެ ނޫސްވެރިންނާއި މީޑިއާތަކުގެ އިސްވެރިންނަށް ހަނދާންކޮށްދޭ ކަމަށެވެ.

އޭގެ އިތުރުން ކޮވިޑް19 އާ ގުޅޭ ހަބަރާއި މައުލޫމަތު ފެތުރުމުގައި ނޫސްވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ކޮންމެހެން ހިފަހައްޓަންޖެހޭ އުސޫލުތައް ބަޔާންކުރުމަށް އެ ކައުންސިލުން އެކުލަވާލާފައިވާ ކޮވިޑް19 ނޫސްވެރިންގެ އަތްމަތީ ފޮތުގައި ދީފައިވާ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

ކޮވިޑް19 ވެކްސިން އަށް އާންމުން އިތުރަށް ހޭލުންތެރިކުރުމަށާއި ސައްހަ މައުލޫމާތު މިހާރުވެސް ގެނެސްދޭ މީޑިއާތަކުގެ މަސައްކަތް މީޑިއާ ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެގޮތުގެ މަތިން ގެނެސްދޭ ކޮންޓެންޓް މިހާރަށް ވުރެ އިތުރުކުރުމަށް ވަނީ ބާރުއަޅައިފަ އެވެ.

comment ކޮމެންޓް