އަބޫދާބީގެ ގްރީންލިސްޓުން ރާއްޖެ ނަގައިފި

އަބޫދާބީ--

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ވެރިކަންކުރާ އެމިރޭޓް އަބޫދާބީގެ ގްރީންލިސްޓުން ރާއްޖެ އުނިކޮށްފިއެވެ މިއާއެކު ރާއްޖެއިން އަބޫދާބީއަށް ދާ މީހުން ކަރަންޓީނުވާން ޖެހޭނެއެވެ.

އަބޫދާބީގެ ގްރީން ލިސްޓަށް ގެނައި ބަދަލާއެކު މިހާރު ކަރަންޓީނުވުމަކާ ނުލާ އެ ގައުމަށް އެތެރެވެވޭނީ 12 މަންޒިލަކުން ދަތުރު ކުރާ މީހުންނަށެވެ. މީގެ ކުރިން އެ އަދަދު އޮތީ 17 ގައެވެ.

އަބޫދާބީގެ ގްރީންލިސްޓުން ރާއްޖެ އުނިކޮށްފައިވަނީ މި އަހަރު ފެށުނު ފަހުން ރާއްޖޭގައި ކޮވިޑް19ގެ ކޭސްތައް އިތުރުވެފައި ވަނިކޮށެވެ.

ގްރީން ލިސްޓުގައި ހިމެނޭ ގައުމުތަކުން އަބޫދާބީއަށް އެތެރެވާނަމަ ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ. ނަމަވެސް ޕީސީއާރު ޓެސްޓެއް ހަދަން ޖެހެއެވެ.

އަބޫދާބީގެ ގްރީން ލިސްޓުން އުނިކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެއާއި ބަހްރެއިން، ގަތަރު، ތައިލެންޑް، އޮމާން އަދި ފޯކްލޭންޑް އައިލެންޑްސް ހިމެނެއެވެ.

އެކަމަކު ބޫޓާންއާއި އަޔަލޭންޑް ވަނީ ގްރީން ލިސްޓަށް އިތުރު ކޮށްފައެވެ.

ފަތުރުވެރިންނަށް އަބޫދާބީ ހުޅުވާލީ މިދިޔަ ޑިިސެމްބަރު މަހުއެވެ. އަބޫދާބީއަށް ދާ މީހުން ނެގެޓިވް ޕީސީއާރު ޓެސްޓު ރެޒަލްޓެއް ހުށަހަޅަން ޖެހޭއިރު ގްރީން ލިސްޓުގައި ހިމެނޭ ގައުމުތަކުން ދާ މީހުން އަބޫދާބީއަށް ދާތާ ހަ ދުވަސް ފަހުންވެސް ޕީސީއާރު ޓެސްޓެއް ހަދަން ޖެހެއެވެ.

މުޅި ޔޫއޭއީގައި ކޮވިޑް ކޭސްތައް އަނެއްކާވެސް އިތުރުވާން ފަށާފައިވާއިރު އެ ގައުމުގެ ހުރިހާ އެމިރޭޓެއްގައި އެއްވުންތައް މަނާކޮށް ފިލްމު ތިއޭޓަރުތައް ވަނީ ބަންދުކޮށްފައެވެ. މޯލްތަކަށް ވައްދާ މީހުންގެ އަދަދުވެސް މަދުކޮށްފައިވާއިރުޖިމްތަކާއި ޕޫލްތައް އަދި ރެސްޓޯރެންޓުތަކާއި ކެފޭތަކުގެ ކެޕޭސިޓީވެސް ވަނީ ލިމިޓުކޮށްފައެވެ.

ޔޫއޭއީގެ ދުބާއީއާއި އަބޫދާބީއަކީ ދިވެހިންގެ މެދުގައި މަގުބޫލު މަންޒިލްތަކެވެ. ދުބާއީއާއި އަބޫދާބީއަށް ވިޔަފާރި އަދި ޗުއްޓީ ދަތުރުތަކުގައި ދާ ދިވެހިންގެ އަދަދު އިތުރުވާއިރު މިއީ ރާޢްޖޭގެ ފަތުރުވެރިކަމުގައިވެސް މުހިއްމު މަންޒިލެކެވެ.

އަބޫދާބީގެ އިއްތިހާދު އެއާވޭސްއިން ރާއްޖެއަށް ސީދާ ދަތުރުތައް ބާއްވައެވެ.

comment ކޮމެންޓް