ބެންޗުން އަރައި ބަލިވަމުން ދިޔަ ބާސެލޯނާއަށް މެސީ ދިރުން ގެނެސްދީފި

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އަދި ގްރީޒްމަން އުފާފާޅު ކުރަނީ --- ފޮޓޯ// ގެޓީ އިމޭޖެސް

ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސް އަތުން ބަލިވަމުން ދިޔަ ބާސެލޯނާއަށް ބެންޗުން އަރައި އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ދިރުން ގެނެސްދީފި އެވެ.

ބެޓިސްގެ ދަނޑުގައި ރޭ ކުޅުނު ވާދަވެރި މެޗުން ބާސެލޯނާ މޮޅު ހޯދީ 2-3 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު 21 މެޗުން 43 ޕޮއިންޓް ހޯދައިގެން ބާސެލޯނާ ލީގުގެ ދެވަނައަށް ޖެހިލި އިރު، އެ އަދަދަށް ޕޮއިންޓް ހޯދާފައި ރެއާލް މެޑްރިޑް ތިންވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެއްވަނައިގައި އެތުލެޓިކޯ މެޑްރިޑް 19 މެޗު ކުޅެގެން އޮތީ 50 ޕޮއިންޓް ހަމަކޮށްގެންނެވެ.

ރޭގެ މެޗަށް ބާސެލޯނާއިން ނުކުތީ ޓީމުގެ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނެސްގެންނެވެ. މެސީއާއި މިވަގުތު އެންމެ އުންމީދީ ކުޅުމެއް ދައްކަމުން އަންނަ ޕެޑްރީ ވެސް ބެންޗުން ފެށި އިރު، ލިބުނު ކައުންޓާ އެޓޭކެއްގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ރެއާލް ބެޓިސްއިންނެވެ. ބެޓިސްއަށް އެ ގޯލު ޖަހައިދިނީ އެމާސަންގެ ހުރަހަކުން ބޯޔާ އިގްލީސިއަސް އެވެ.

ބެޓިސްއިން ގޯލު ޖަހައި އުންމީދާ އެކު ކުޅެމުން ދިޔައިރު، ބާސެލޯނާއަށް ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތައް ދިޔައީ ބޭނުން ނުކުރެވި އެވެ. އެގޮތުން ޖޯޑީ އަލްބާ ނަގައިދިން ހުރަހެއް ކްލެމަންޓް ލޯންގްލެޓް މުޅުން ހުސްކޮށް ހުރެ ބޮލުން ފޮނުވާލީ އަރިމަތިން ބޭރަށެވެ.

ދެވަނަ ހާފު ފަށައިގެން 57 ވަނަ މިނަޓުގައި މެސީ ވަނީ ކުޅެން ނުކުމެފަ އެވެ. މެސީ ކުޅެން ނުކުންތާ ދެ މިނަޓުވެސް ނުވަނީސް އޭނާ ވަނީ ބާސެލޯނާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އުސްމާން ޑެމްބެލޭ ޖައްސާލި ބޯޅައަކުން މެސީ އެ ގޯލު ޖެހީ ކީޕަރުގެ ކައިރި ކަނަށެވެ. އޭގެ މާގިނައިރުތަކެއް ނުވަނީސް ބާސެލޯނާއަށް ފުރަތަމަ ފަހަރަށް ލީޑު ލިބުނީ ބެޓިސް ކުޅުންތެރިއަކު ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލަކުންނެވެ.

ބާސެލޯނާ ލީޑު ނެގުމުން ބެޓިސްއިން ކުޅުން ރަނގަޅުކޮށް ހަމަލާތައް އިތުރު ކުރި އިރު، އެ ޓީމުން ލިބުނު ހިލޭ ޖެހުމެއްގެ ފައިދާ ނަގައި ނަތީޖާ ހަމަހަމަ ކުރީ ވިކްޓަރ ރުއިޒް އެވެ. އޭނާ އަކީ ބާސެލޯނާގެ ދެވަނަ ލަނޑުގައި ބައިކޮޅަށް ގޯލު ވަން ކުޅުންތެރިޔާއެވެ.

މެޗު ނިމެންދަނިކޮށް ބާސެލޯނާއަށް ތިން ޕޮއިންޓް ޔަގީންކޮށްދިނީ ބެންޗުން ކުޅެން ނުކުން ޓްރިންކާއޯ އެވެ. މިއީ އޭނާ މިހާތަނަށް އެކުލަބަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

comment ކޮމެންޓް