ގްރީންސްޓްރީޓްސް އިންވެސް ގޮވާލީ ލީގު އަލުން ފެށުމަށް

ގްރީންސްޓްރީޓްސް ގެ ކުޅުންތެރިން މެޗަށް ނުކުތުމުގެ ކުރިން --- ފޮޓޯ/ އެފްއޭއެމް

ކުރިއެކޭ އެއްފަދައިން، ކަނޑައެޅޭ ގައިޑްލައިންތަކާއި އެއްގޮތަށް ލީގުގެ ކުޅުން އަލުން ކުރިއަށް ގެންދަން ފުރުސަތު ދިނުމަށް ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ގްރީންސްޓްރީޓްސްއިން ގޮވާލައިފި އެވެ.

މިދިޔަ އޮކްޓޫބަރު މަހު ކްލަބްތަކުން މި ފަހަރުގެ ލީގަށް ޕްރެކްޓިސްތައް ފެށީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އެފްއޭއެމުން މަޝްވަރާކޮށްގެން ކަނޑައެޅި ގައިޑްލައިނެއްގެ ތެރެއިންނެވެ. އަދި އޭރު ފުޓްބޯޅަ ފަށަން އެޗްޕީއޭ އިން ދިނީ ވެސް ހާއްސަ ހުއްދައެކެވެ. މިހާތަނަށް ހުރިހާ މެޗެއް ގައިޑްލައިނުގެ ތެރެއިން ކުރިއަށް ގެންދިޔަ ނަމަވެސް އެޗްޕީއޭ އިން ފަހުން އާންމުކުރި ފިޔަވަޅުތަކުގެ ތެރެެއިން ލީގު މެދުކަނޑާލަން ނިންމުމަމާ ގުޅިގެން ފުޓުބޯޅައަށް ހީނުކުރާފަދަ ގެއްލުންތަކެއް ލިބޭނެ ކަމަށް ބުނެ ފުޓުބޯޅަ އާއިލާއިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކަކުން މިހާތަނަށް ބަޔާން ނެރެފައިވާ އިރު، ގްރީންސްޓްރީޓްސްއިން ރޭ އާއްމު ކުރި ބަޔާނުގައި ބުނީ، އެޗްޕީއޭއިން ކުރިން ދިން ހާއްސަ ހުއްދައާ އެކު ލީގު ފަށައިގެން އައިސް މެދުކަނޑާލަންދެން ވެސް ހުރިހާ ކުލަބަކާއި، ކުޅުންތެރިން އަދި އެފްއޭއެމުން ވެސް އަމަލު ކުރަމުން އައީ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ. އަދި މި ހާއްސަ ހުއްދަ މިހާރު ވެސް ދިނުމަކީ ކުލަބުގެ ބޮޑު އެދުމެއް ކަމަށް ގްރީންސްޓްރީޓްސްއިން ވަނީ ބުނެފަ އެވެ.

"އެހެން ގައުމުތަކުގައި ވެސް ކޮވިޑްގެ ނުރައްކާ ބޮޑުވެފައި އޮތް ހާލަތުގައި ވެސް ލީގުގެ މެޗުތައް ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސައިދީފައިވާ އިރު، އަޅުގަނޑުމެންނަށް އެފުރުސަތު ހަނިވެގެންދާތަން ފެނުމަކީ ދިވެހި ފުޓުބޯޅައަށް ލިބޭބ ބޮޑު ހީނަރުކަމެއް." ގްރީންސްޓްރީސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ގްރީންސްޓްރީޓްސްއިން އިތުރަށް ބުނީ، ލީގު މިވަގުތު މެދުކެނޑިފައި އޮތް ނަމަވެސް ފަރިތަކުރުންތަކަށް ފުރުސަތު ދިނުމަށް އެދޭ ކަމަށާއި، ހާއްސަ ހުއްދައެއްގެ ދަށުން ލީގު އަލުން ފެށޭނެ ގޮތެއް ހޯދައިދިނުމަކީ ދިވެހި ފުޓުބޯޅައަށް ބަރޯސާ ވެގެން ތިބޭ އާއިލާތައް ސަލާމަތް ކުރެވެން އޮތް ހަމައެކަނި ގޮތް ކަމަށެވެ.

ކްލަބްތަކުން އެންމެ ހިތްހަމަނުޖެހޭ އަނެއް ކަމަކީ އެހެން ކުޅިވަރުތަކުގެ ބައެއް ހަރަކާތްތައް ކުރިއަށް ގެންދަން އެޗްޕީއޭ މެދުވެރިކޮށް ހާއްސަ ހުއްދައެއް ދޭތީ އެވެ.

comment ކޮމެންޓް