ލީގު މެދުކަނޑާލާފައި ނުބޭއްވޭނެ، ކުޅުން އަވަހަށް ފަށަން ޖެހޭ: ބައްސާމް

ފެބްރުއަރީ 19، 2020: 19 އެފްއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ/ އަހްމަދު ސައީދު

ދިވެހި ޕްރިމިއާ ލީގުގެ މެދުކަނޑާލަން އެޗްޕީއޭއިން އެންގުމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާ، މިދިޔަ އަހަރު ފުޓުބޯޅައަށް ލިބުނު ގެއްލުން އަލުން ތަކުރާރުވާން ނޭދޭ ކަމަށް އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އަލުން އިތުރުވާން ފެށުމާ ގުޅިގެން އެޗްޕީއޭއިން އަލަށް ނެރުނު ގައިޑްލައިންތަކާއެކު ދިވެހި ޕްރިމިއާ ލީގު ކުރިއަށް ގެންދަން ހުއްދަ ނުލިބުމުން ލީގު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ކަން އެފްއޭއެމުން ހާމަކުރީ މި މަހުގެ ތިންވަނަ ދުވަހު އެވެ. ލީގުގެ ދެވަނަ ބުރުގެ ދެވަނަ މެޗު ވީކުގެ ކުޅުން ކުރިއަށް ދަނިކޮށް ލީގު މެދުކަނޑާލުމާ ގުޅިގެން ފުޓުބޯޅަ އާއިލާގެ ގިނަ ކަންބޮޑުވުންތަކެއް ވަނީ ސަރުކާރަށާއި، އެޗްޕީއޭއަށް ހުށައަޅައިފަ އެވެ.

އެގޮތުން ފުރަތަމަ ޑިވިޝަނަށް ނިސްބަތްވާ ކުޅުންތެރިންނާއި، ކޯޗުންގެ އިތުރުން ކުލަބުތަކުން ވެސް އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެމުންދާއިރު، މުޅި ފުޓުބޯޅަ އާއިލާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިދިޔަ ސީޒަނުގައި ދިމާވި ގޮތަށް މި ސީޒަން ވެސް ކެންސަލް ކުރަން ޖެހުމެވެ. އަދި ކައިރި މުސްތަގުބަލެއްގައި ލީގުގެ ކުޅުން ނުފެށި، ޓީމުތަކަށް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުލިިބިއްޖެ ނަމަ އެ ހާލަތަށް ގޮސްދާނެ ކަމުގެ ބިރު ހީވެފައިވާ އިރު، އެޗްޕީއޭއިން އޭރު ނެރުނު ގައިޑްލައިންގައި ބުނީ "އެކަނި ކުރާ ކަސްރަތު ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓައިލުން" މި ގަވާއިދު ތަންފީޒް ކުރާނީ ދެ ހަފުތާގެ ނިޔަލަށް ކަމަށެވެ. އެހެން ނަމަވެސް ގައުމުގެ ކޮވިޑް ހާލަތު ރަނގަޅު ނުވާ ނަމަ އެ ގަައިޑްލައިންގެ މުއްދަތު އިތުރު ކުރާނެ ކަމަށް ބެލެވެ އެވެ.

އެފްއޭއެމުގެ ރައީސް ބައްސާމް މިކަންކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން ކުރި ޓްވީޓެއްގައި ވިދާޅުވީ، ފުޓުބޯޅަ އަކީ ހަމައެކަނި ކުޅޭ ކުޅިވަރެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެއީ ގައުމުގެ ކުޅިވަރު ދާއިރާގެ އެތައް އާއިލާތަކެއް ދިރިއުޅުމަށް ކުރާ މަސައްކަތް ކަމަށެވެ.

"އަޅުގަނޑު އެދެނީ ލީގުގެ ކުޅުން ވީހާވެސް އަވަހަކަށް ފެށުމާއި، ކްލަބްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ލިބުން. ވޭތުވެ ދިޔަ އަހަރު ދިމާވި ކަންތައް އަލުން ތަކުރާރުވާން ނޭދެން." ބައްސާމް ވިދާޅުވި އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމުން މަސައްކަތް ފެށިތާ އެތައް ދުވަހެއް ފަހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ދޭން ނިންމީ ކޮވިޑް-19 އިން ރައްކާތެރިވާން ހެދި ހާއްސަ ގައިޑްލައިނެއްގެ ތެރެއިންނެވެ. އެ ގައިޑްލައިނާ އެއްގޮތަށް ބަރާބަރަށް އެފްއޭއެމުންނާއި ކްލަބްތަކުން އަމަލުކުރަމުން ދަނިކޮށް، މިދިޔަ ހަފްތާގައި މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް ގިނަވުމާ އެކު ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހުމަކީ ހީކުރާ ވަރަށް ވުރެ ގެއްލުން ބޮޑު ކަމެއް ކަމަށް ފުޓުބޯޅަ އާއިލާގެ ގިނަ ބަޔަކު ވަނީ ބުނެފަ އެވެ

comment ކޮމެންޓް