އައްޑޫ ކްލަސްޓާ: ޕޮޒިޓިވް މީހުންގެ އަދަދު 40 އަށް އަރައިފި

އައްޑޫ ސިޓީ، ހުޅުމީދޫ

އައްޑޫ ސިޓީން ފެނިފައިވާ ކޮވިޑް19ގެ ދެ ކްލަސްޓާއިން މިހާތަނަށް 40 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އައްޑުއިން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްތަކެއް ފެނުނީ ހުޅުދޫ މީދޫ އިންނެވެ. ހަތަރެއް ފެބުރުއަރީގައި ހުޅުދޫ މީދޫގެ އެމްޓީސީސީގެ ވޯކްސައިޓެއްގައި މަސައްކަތްކުރާ ހަތަރު މީހަކު އަލާމާތް ހުރެގެން ޓެސްޓުކުރި އިރު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

އަދި އެ ސައިޓުގައި އިތުރު 56 މީހަކު ތިބުމާއެކު އެ މީހުންގެ ސާމްޕަލް ވެސް ވަނީ ޓެސްޓުކޮށްފަ އެވެ. ފަހެއް ފެބުރުއަރީގައި އޭގެތެރެއިން އިތުރު 19 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.

އެޗްއީއޯސީން މިރޭ ބުނީ މިހާރު ހުޅުދޫ މީދޫގައި 25 އެކްޓިވް ކޭސް އެބަތިބި ކަމަށެވެ.

ދެން ކްލަސްޓާއެއް އުފެދިގެން ދިޔައީ އައްޑޫ ސިޓީ ހިތަދޫގަ އެވެ. އެންމެ ފުރަތަމަ ހިތަދުއިން ޕޮޒިޓިވްވި ދެމީހުންގެ ކޮންޓެކްޓެއް ގދ. ތިނަދުއިން ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

އަދި މި މަހުގެ ހަ ވަނަ ދުވަހު އެމީހުންގެ އިތުރު ދެ ކޮންޓެކްޓެއް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެޗްއީއޯސީން ބުނީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ ތެރެއިން މިއަދު އިތުރު 10 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ހިތަދޫ ކްލަސްޓާއިން މިހާތަނަށް 15 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ބުންޏެވެ.

އެޗްއީއޯސީން ބުނީ ހިތަދޫ ކްލަސްޓާގެ ކޮންޓެކްޓްޓުން ގުޅިފައިވާ ހަތަރު ރަށުގައި ވެސް އެބަތިބި ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގައި އެ ކްލަސްޓާގެ 44 ކޮންޓެކްޓުން އަދި ތިނަދޫގައި 25 ކޮންޓެކްޓުން އެބަތިބި ކަމަށް އެޗްއީއޯސީން ބުންޏެވެ.

ގުޅިފައިވާ ރަށްތަކުގައި ކޮންޓެކްޓުން ތިބުމުން، ހުރިހާ ރައްޔިތުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްއީއޯސީން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ކްލަސްޓާގެ ކޮންޓެކްޓަކަށް ވާނަމަ ލަސްނުކޮށް އައްޑޫ ސިޓީގެ ހޮޓްލައިން އަށް ގުޅާ ރިޕޯޓުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އައްޑޫގެ ކޭސްތަކާ ގުޅިގެން އައްޑޫ ސިޓީ އާއި ތިނަދޫ ވެސް އޮތީ މޮނިޓަރިންގ ހާލަތުގަ އެވެ.

comment ކޮމެންޓް