ހުއްދަތައް ނެތި ކާޑެއްދޫ އެއާޕޯޓަށް ނޭރުމަށް އެދިއްޖެ

ކާޑެއްދޫ އެއާޕޯޓު

ވަކިގޮތަކަށް އަންގަންދެން، ފުރުމަށް ހުރިހާ ކަމެއް ހަމަޖެހިގެން، ލިޔުމުން ހޯދަންޖެހޭ ހުރިހާ ހުއްދައެއް ހޯދައިގެން މެނުވީ އެއްވެސް ރަށަކުން އެއްވެސް މީހަކު ގދ. ކާޑެއްދޫ އެއާޕޯޓަށް ނޭރުމަށް އެ އެއާޕޯޓުގެ ފަރާތުން އެދިއްޖެ އެވެ.

ކާޑެއްދޫ އެއާޕޯޓުގެ ފަރާތުން މިއަދު ނެރުނު އެންގުމެއްގައި ބުނެފައި ވަނީ އެއާޕޯޓުގެ ހިދުމަތްދިނުމުގައި ސީދާގޮތުންނާއި ނުސީދާގޮތުން ގުޅުންހުރި މީހުންނާއި ކާޑެއްދޫ ސަރަހައްދުގެ ރަށްރަށުގައި ކޮވިޑް19ގެ ވިއުގަ އެޅޭތަން ފެންނަމުން އަންނާތީ، އެންމެންގެ ރައްކާތެރިކަމަށްޓަކައި އެއާޕޯޓުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރަމުން އަންނަ ކަމަށެވެ.

އެންގުމުގައި ބުނެފައި ވަނީ ވަކިގޮތަކަށް އަންގަންދެން، ފުރުމަށް ހުރިހާ ކަމެއް ހަމަޖެހިގެން ލިޔުމުން ހޯދަންޖެހޭ ހުރިހާ ހުއްދައެއް ހޯދައިގެން ކާޑެއްޑޫ އެއާޕޯޓަށް އަންނަ ދަތުރުވެރިންނާއި ފަތުރުވެރިން ފިޔަވައި އިތުރު އެއްވެސް މީހަކު އެއްވެސް ރަށަކުން އައިސް ކާޑެއްދޫ އެއާޕޯޓަށް ނޭރުމަކީ އެއާޕޯޓުގެ ހިދުމަތް ހޯދާ އެންމެންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި ރައްކާތެރިކަމެއް ލިބޭނެ ކަމެއް ކަމަށެވެ.

"މިގޮތުން މި ހާލަތުގައި މި އެއާޕޯޓަށް އެރުން ރަނގަޅު ނޫން ފަރާތްތަކުގެ ތެރޭގައި މިތަނަށް އައިސްގޮސް އުޅޭ އުޅަނދުތަކުގެ ކްރޫއިންނާއި، ކާގޯ ފޮނުވާ ނެގުމަށް އަންނަ ފަރާތްތަކާއި، ފުރާ މީހުންނާއި އެކުގައި އަންނަ ފަރާތްތައް ފަދަ މީހުން ހިމެނެ އެވެ." އެންގުމުގައިވެ އެވެ.

އެހެންކަމުން ފުރަން ދާ ފަސިންޖަރުންނާއި، ފަތުރުވެރިންނާ އެކު ރިސޯޓުތަކުން އަންނަ ވަކި ހާއްސަ ހުއްދަ އޮންނަ ހޯސްޓުން ފިޔަވައި އިތުރު އެއްވެސް ބަޔަކު އެއާޕޯޓަށް ނޭރުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް ބުނެފައިވެ އެވެ.

އަދި ހުރިހާ ފަރާތްތަކުން ވެސް އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި ގިނަގިނައިން އަތްދޮވުމާއި އެއާޕޯޓުގައި ހޭދަކުރާ ވަގުތުގައި މީހުންނާއި ބައްދަލުވުންތައް މަދުކުރުމަށާއި އެއާޕޯޓާއި ޓާމިނަލް ސަރަހައްދުގެ ވަސީލަތްތައް ބޭނުންކުރުން ވީހާވެސް މަދުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެދިފައިވެ އެވެ.

އެކަމުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ، އެއާޕޯޓު އޮފީހުގެ ޑިއުޓީ ފޯނު (7992630) އަށް ގުޅުމަށް ވަނީ އެދިފަ އެވެ. އަދި ކާގޯ ފޮނުވަން އަންނަ ފަރާތްތަކުން ކާޑެއްދޫއަށް ފުރުމުގެ ކުރިން، މޯލްޑިވިއަންގެ ކާޑެއްދޫ ޑިއުޓީ މޮބައިލް (7911768) އަށް ގުޅައި ކާޑެއްދޫ ބަނދަރުން ކާގޯ ނެގޭގޮތް އިންތިޒާމް ކުރުމަށް ވަނީ އެދިފަ އެވެ.

ކާގޯ ބަލާ އަންނަ ފަރާތްތަކަށް ވެސް މޯލްޑިއަން އަށް ގުޅައިގެން ބަނދަރަށް ކާގޯ ގެންދެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް އެންގުމުގައިވެ އެވެ.

ކޮވިޑް ކޭސްތަކެއް ފެނިފައިވާ ގދ. ތިނަދޫއަށް އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ. ތިނަދޫއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ މިމަހު ތިން ވަނަ ދުވަހު އައްޑޫ ސިޓީން އެރަށަށް ދިޔަ މީހެކެވެ.

އެރަށުން ޕޮޒިޓިވްވި މީހަކީ އައްޑޫ ސިޓީ ހިތަދުއިން ޕޮޒިޓިވްވެފައިވާ މީހެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށް ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުންްޏެވެ.

ތިނަދޫގައި ރެންޑޮމް ސާމްޕަލް ނެގުމުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

comment ކޮމެންޓް