ނެގި ސާމްޕަލްތައް ނެގަޓިވްވުމުން ދާންދޫ ހުޅުވާލައިފި

ގއ. ދާންދޫ: އެރަށް މީހާރު ވަނީ އާންމު ހާލަތައް ގެނެސްފައި ---

ކޮވިޑް19 ރޯގާ ފެތުރުނު ގއ. ދާންދޫ އާންމު ހާލަތަކަށް ގެނެސް އަރައި ފޭބުން ހުއްދަ ކޮށްފި އެވެ.

ކޮވިޑް ކޭސްތަކެއް ފެނިގެން ދާންދޫއަށް އަރާ ފޭބުން މަނާ ކުރީ މިދިޔަ މަހު 14 ވަނަ ދުވަހު އެވެ.

ދާންދޫ ކައުންސިލުގެ ރައީސް އިސްމާއިލް މުހައްމަދު "ސަން"އަށް މިއަދު ވިދާޅުވީ، ހުރިހާ ރޭންޑަމް ސާމްޕަލްއެއް ނެގަޓިވްވެފައިވާ ކަމަށާއި މިއަދު ހެނދުނުގެ ވަގުތެއްގައި އެޗްޕީއޭއިން އެރަށް މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ.

"މިއަދު ހެނދުނު 11:54ގައި މޮނީޓަރިންއިން ނަގައިފި. 100އަށްވުރެ ގިނަ ރޭންޑަމް ސާމްޕަލް ނެގި، ހުރިހާ ސާމްޕަލްއެއްވެސް ނެގަޓިވް،" އިސްމާއިލް މުހައްމަދު ވިދާޅުވި އެވެ.

ދާންދުއިން ކޮވިޑަށް ޕޮޒިޓިވްވީ، ޖުމްލަ 13 މީހުންނެވެ. އޭގެ ތެރެއިން އެކަކު ފިޔަވައި އެންމެން މިހާރު ވަނީ ބަލިން ފަސޭހަ ވެފަ އެވެ. ބަލިން ރަނގަޅު ނުވާ މީހާގެ ހާލުވެސް ރަނގަޅުކަމަށް އިސްމާއިލް މުހައްމަދު ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް 16،600އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، 14،556 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ. ބައްޔަށް މިހާރު ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 2،039 އެކެވެ. ބަލީގައި މަރުވި މީހުންގެ އަދަދަކީ 55 އެވެ.

comment ކޮމެންޓް