ލީގު މެދުކަނޑާލަން ޖެހުމަކީ ކުލަބުތަކަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް: މާޒިޔާ

މާޒިޔާ އިން އޭފްސީ ކަޕަށް ފަރިތަކުރަނީ --- ފޮޓޯ/ މާޒިޔާ

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އަނެއްކާވެސް އިތުރުވާން ފެށުމާއެކު އެޗްޕީއޭއިން ކުޅިވަރު ހަރަކާތްތައް މަނާކުރުމާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުމާއި ކުލަބުތަކުގެ ފަރިތަކުރުންތައް މެދުކަނޑާލަން އެންގުމަކީ ކުލަބުތަކަށް ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއް ކަމަށް މާޒިޔާ ސްޕޯޓްސް ކުލަބުން ބުނެފި އެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އަލުން އިތުރުވާން ފެށުމާ ގުޅިގެން އެޗްޕީއޭއިން އަލަށް ނެރުނު ގައިޑްލައިންތަކާއެކު ދިވެހި ޕްރިމިއާ ލީގު ކުރިއަށް ގެންދަން ހުއްދަ ނުލިބުމުން ލީގު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ކަން އެފްއޭއެމުން ހާމަކުރީ މި މަހުގެ ތިންވަނަ ދުވަހު އެވެ. ލީގުގެ ދެވަނަ ބުރުގެ ދެވަނަ މެޗު ވީކުގެ ކުޅުން ކުރިއަށް ދަނިކޮށް ލީގު މެދުކަނޑާލުމާ ގުޅިގެން ފުޓުބޯޅަ އާއިލާގެ ގިނަ ކަންބޮޑުވުންތަކެއް ވަނީ ސަރުކާރަށާއި، އެޗްޕީއޭއަށް ހުށައަޅައިފަ އެވެ.

އެގޮތުން މާޒިޔާ ސްޕޯޓްސް ކުލަބުން ރޭ ނެރުނު ބަޔާނެއްގައި އެކުލަބުން ބުނީ، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ކުރިއަށް ގެންދިޔައީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށާއި، ލީގުގެ ހުރިހާ ކަމެއް ވެސް ކުރީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.

"މިހާ ކުއްލި ގޮތަކަށް މެދުކަނޑާލުމުގެ ބަދަލުގައި ކްލަބްތަކަށް އެންމެ ކުޑަމިނުން ފަރިތަކުރުންތައް ކުރިއަށްގެންދެވޭނެ މަގެއް ތަނަވަސްކޮށްދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި މި ކްލަބުން ދެކެމެވެ،" މާޒިޔާގެ ބަޔާނުގައިވެ އެވެ.

"އެޗްޕީއޭއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ފުޓުބޯޅައިގެ ހަރަކާތްތައް ހުއްޓާލަން ޖެހުމަކީ ކުލަބުތަކަށް ލިބުނު ވަރަށް ބޮޑު ދެރައެކެވެ. މެޗުތައް މެދުކަނޑާލުމުގެ އިތުރުން ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެ މަގު ބަންދު ކުރަމީ ކުލަބުތަކަށް ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ކުރިމަތިވާނެ ކަމެކެވެ."

މީގެ އިތުރުން ކުއްލިއަކަށް ސީޒަން މެދުކަނޑާލުމުން މާލީ ގޮތުން ދަތިތަކާ ކުރިމަތިވެ، ކްލަބަށް އެކި ގޮތްގޮތުން ގެއްލުން ވާނެ ކަމަށް މާޒިޔާއިން ވަނީ ބުނެގަ އެވެ. އަދ އެންމެ ކުޑަމިނުން ފަރިތަކުރުންތައް ކުރިއަށް ގެންދަންވެސް ފުރުސަތެއް ނެތް ކަމަށް ބުނެ މާޒިޔާއިން ނުރުހުން ފާޅުކޮށްފައިވާއިރު، އެ ކްލަބުގެ ބަޔާނުގައި ބުނެފައި ވަނީ ދުނިޔޭގެ އެހެން ހުރިހާ ތަނެއްގައި ކަހަލަ ގޮތަކަށް ފުޓުބޯޅަ ކުރިއަށް ގެންދަން ގޮތްތަކެއް ހޯދައި ލީގުތައް ކުރިއަށް ގެންދާ ކަމަށާއި އެދުމަކީ ރާއްޖޭގައިވެސް އުސޫލުތަކެއްގެ ތެރެއިން އަލުން ފުޓުބޯޅަ ފެށުމަށް ކަމަށެވެ.

ފުރަތަމަ ޑިވިޝަންގެ އެހެން ކުލަބުތަކުންވެސް ވަނީ މިކަންބޮޑުވުން ފާޅު ކޮށްފަ އެވެ. ޑިސެމްބަރު މަހު ފުޓްބޯޅަ ސީޒަން ފެށުމުގެ ހުއްދަ ދިނީ އެފްއޭއެމުން އެކުލަވާލި ގައިޑްލައިން އެޗްޕީއޭއިން އެޕްރޫވް ކުރުމުންނެވެ.

comment ކޮމެންޓް