އިންޑިއާގެ 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވެޕް ފައިސާ ލަންކާއިން އަނބުރާ ދައްކައިފި

ސީބީއެސްއެލްއިން ވަނީ ރިޒާވް ބޭންކް އޮފް އިންޑިއާއާ އެކު ހެދި ކަރެންސީ ސްވެޕް އެއްބަސްވުމުގެ ފައިސާ އަނބުރާ ދައްކާފަ -- ފޮޓޯ: ރޮއިޓާސް

ކޮލަމްބޯ (ފެބްރުއަރީ 7): ސެންޓްރަލް ބޭންކް އޮފް ސްރީލަންކާ (ސީބީއެސްއެލް)އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)އާ އެކު ހެދި ކަރެންސީ ސްވެޕް އެއްބަސްވުމުގެ ފައިސާ ލަންކާއިން އަނބުރާ ދައްކައިފި އެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހުން ރިޕޯޓު ކުރި ގޮތުގައި ސީބީއެސްއެލްއިން މިދިޔަ ޖުލައި މަހު އާރުބީއައިއާ އެކު ހެދި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވެޕް ފައިސާ އަނބުރާ ދެއްކީ މިދިޔަ ހަފްތާގަ އެވެ.

ސީބީއެސްއެލްއިން ބުނި ގޮތުގައި އެ ފައިސާ އަނބުރާ ދައްކާފައި ވަނީ ދެ ބޭންކުން މީގެ ކުރިން އެއްބަސްވެފައިވާ ތާރިހުގަ އެވެ. އަދި އެ ފައިސާ ދައްކަން ޖެހޭ ތާރިހުގެ ކުރިން ފައިސާ ދައްކަން އިންޑިއާއިން އެދުނު ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ.

"ސީބީއެސްއެލްއިން ރިޒާވް ބޭންކް އޮފް އިންޑިއާއާ އެކު ހެދި ސްވެޕް ފެސިލިޓީ އަނބުރާ ދެއްކީ ތާވަލާ އެއްގޮތަށް. ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ގޮތާ ހިލާފަށް، އެ ފައިސާ މާ އަވަހަށް އަނބުރާ ދައްކަން އިންޑިއާއިން އެދިފައެއް ނުވޭ،" ސީބީއެސްއެލްގެ ޓުވީޓެއްގައިވެ އެވެ.

ސީބީއެސްއެލް އާއި އާރުބީއައި އިން މިދިޔަ އަހަރު އެ އެއްބަސްވުން ހެދީ އިންޑިއާގެ 'ކަރެންސީ ސްވެޕް އެރޭންޖްމެންޓް ފޯ ސާކް މެމްބާ ކަންޓްރީސް ފްރޭމްވޯކު'ގެ ދަށުންނެވެ. އެއީ ސާކް ގައުމުތަކުގެ ޝޯޓް ޓާމް ފޮރިން އެކްސްޗޭންޖް ލިކުއިޑިޓީ ދެމެހެއްޓުމަށާއި ބޭރުގެ ފައިސާގެ ރިޒާވް އިތުރު ކުރުމަށް އެހީވުމުގެ ގޮތުން އިންޑިއާއިން ތައާރަފް ކުރި ފްރޭމްވޯކެކެވެ. އަދި 2019 ވަނަ އަހަރު އެ ފްރޭމްވޯކަށް ގެނައި އިސްލާހެއްގައި ވަނީ، ސާކްގެ ގައުމަކަށް ބޭނުންވެއްޖެ ނަމަ ލޯނުގެ ގޮތުގައި ނެގޭނެ 400 މިލިއަން ޑޮލަރުގެ ސްޓޭންޑް-ބައި ފެސިލިޓީއެއް އެ ފްރޭމްވޯކުގައި ހިމަނާފަ އެވެ. ސާދަ ނޮވެމްބަރު 2019އިގައި އަމަލު ކުރަން ފެށި އެ ފެސިލިޓީ ދެމި އޮންނާނީ 13 ނޮވެމްބަރު 2022އާ ޖެހެން ދެނެވެ.

އެ ފެސިލިޓީގެ ގަވާއިދުގައިވާ ގޮތުން ކޮންމެ ލޯނެއް އަނބުރާ ދައްކަން ދޭނީ ތިން މަހުގެ މުއްދަތެކެވެ. އަދި އެ މުއްދަތު އިތުރު ކުރެވޭނީ ގިނަވެގެން ދެ ފަހަރެވެ.

ލަންކާގެ ނިއުސްވަޔާ ނޫހަށް މައުލޫމާތު ދެއްވި އިންޑިއާގެ ހައި ކޮމިޝަންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ޖުލައިގެ މަހުގެ 31ގައި ސީބީއެސްއެލް އާއި އާރުބީއައި އިން ކަރެންސީ ސްވެޕް އެއްބަސްވުން ފުރަތަމަ ހެދީ ތިން މަސް ދުވަހުގެ މުއްދަތަށެވެ. އަދި ސީބީއެސްއެލްގެ އެދުމުގެ މަތިން އެ އެއްބަސްވުމަށް ތިން މަސް އިތުރުކޮށް، ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު މި މަހުގެ އެކަކަށް ހެދީ އެވެ.

ނަމަވެސް އެ މުއްދަތު އަނެއްކާވެސް އިތުރު ކުރެވެން އޮތީ ލަންކާއިން އައިއެމްއެފް ޕްރޮގްރާމަކަށް އެއްބަސްވެފައި އޮތް ނަމަ އެވެ. އަދި އެފަދަ އެއްބަސްވުމެއް ނެތުމުން މުއްދަތު އިތުރު ކުރެވެން ނެތީ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

comment ކޮމެންޓް