ވެކްސިނަށް ފަހު ބޯންވީ ކުރުނބާ ފެން

ފެބްރުއަރީ 4، 2021: ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނާއި، ޓޫރިޒަމް ދާއިރާއާއި ގުޅުން ހުރި ފަންނުވެރިންނަށް ކޮވިޑް ވެކްސިން ދޭން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ގެ ވެކްސިނަށް އެންމެންގެވެސް ސަމާލުކަން މިވަނީ ހުއްޓިފަ އެވެ. މިހާތަނަށް މުޅި ރާއްޖޭގައި ވެކްސިން ޖަހާފައިވާ މީހުންގެ އަދަދު 10،000 އާއި ގާތްކުރާއިރު، ގިނަ ބައެއް ހާސްވަނީ ވެކްސިނަށްފަހު މީހާއަށް ވެދާނެ ގޮތަކާއި މެދު އެވެ.

ރާއްޖޭގައި މިހާތަނަށް ޖަހާފައިވަނީ އޮސްފޯޑާއި އެކްސްޓްރާޒިނިކާއިން އުފައްދާ އިންޑިއާގެ ސިރަމް ފެކްޓްރީގައި ތައްޔާރުކުރާ ކޮވިޝީލް ވެކްސިނެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، ވެކްސިންއަށް ފަހު ހުން އައުމާއި ގައިގައި ރިއްސުމާއި ވަރުބަލިކަން ގިނަ ބަޔަކަށް ކުރމަތިކުރުވަ އެވެ. އެއީ އާދައިގެ ކަމެކެވެ.

ގާތްގަނޑަކަށް 2-3 ދުވަސް ވާންދެން މި އަލާމާތްތައް ފެންނަން ހުންނައިރު، ޑައިޓީޝަން އާސިޔާ އަބްދުލް ރަހީމް މިވަނީ ވެކްސިނަށް ފަހު ކުރިމަތިވާ ބައެއް އުނދަގޫތަކުގެ ވޭން ކުޑަކުރަން ކެއުމާއި ބުޔުން ބައްޓަން ކުރާނެ ގޮތެއް ވިދާޅުވެ ދެއްވައިފަ އެވެ.

ދަތުރުވެރީންގެ މާރުކޭޓުގައި ވިއްކާންހުރި ކުރުނބާތަކެއް. ކުރުނބާ ހަދާފައި 1.5 ލިޓަރުގެ ފުޅިއަކަށް އަޅާފައި މާރުކޭޓުން ވިއްކަނީ 85 ރުފިޔާއަށް އަދި 100 ރުފިޔާއަށް -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ވެކްސިން ޖެހުމަށްފަހު ގިނައިން ބޯންވީ ކުރުނބާ ފެން

މިގޮތުން އާސިޔާ ވިދާޅުވީ، ވެކްސިން ޖަހާނަމަ ދުރާލާ ކުރުނބާ ގެއަށް ހޯދައި ތައްޔާރުކޮށްފައި ބެހެއްޓުމަކީ ކޮންމެހެންވެސް މުހިންމު ކަމެއް ކަމަށެވެ.

ވެކްސިންއަށްފަހު ގިނަބަޔަކު ހުން އަންނަ ވަގުތަކީ ހަށިގަނޑުން ގިނަ އަަދަދެއްގެ ފެން، ސާފު ފެނާއި، އިލެކްޓްރޯލައިޓްގެ ގޮތުގައި ދޫވެގެންދާ ވަގުތެވެ. އަދި މީހާ އެހާބޮޑަށް ވަރުބަލިކޮށްލަނީ ވެސް މިހާ ގިނަ އަދަދެއްގެ ފެން ހަށިގަނޑުން ދޫވެގެން ދާތީ އެވެ.

ހަށިގަނޑުން ބީވާ ލޮނުގެ މާއްދާތަކުގައ ތެރޭގައި ސޯޑިއަމް އާއި ޕޮޓޭސިއަމް ހިމެނޭއިރު މީގެެތެރެއިން ޕޮޓޭސިއަމް އެންމެ ފަސޭހައިން އަނބުރާ ހަށިގަނޑަށް ލިއްބައިދޭނެ ގުދުރަތީ ކާނާއަކީ ކުރުނބާ އެވެ. އަދި މި ހާލަތުގައި ބޯންވެސް އެންމެ ފަސޭހަ އެކައްޗަކީ ކުރުނބާ ފެނެވެ.

"މި ނޫންވެސް އެއްޗެހި ހުރޭ، މިސާލަކަށް ދޮންކެޔޮއަކީވެސް ގިނަ އަދަދަކަށް ޕޮޓޭސިއަމް ހިމެނޭ އެއްޗެއް. އެހެންނަމަވެސް މިކަހަލަ ހާލަތެއްގައި ދޮންކެޔޮ ކާން ބުންޏަސް އެއީ ކުރަން އުނަދަގޫވާނެ ކަމެއް. ހަމައެގޮތަށް މުރަނގަ ފަތްވެސް އެއީ ކާން ވަރަށް ރަނގަޅު އެއްޗެއް އެކަމަކު ބަލިވެ ހުންއައިސް އޮންނައިރު ކާން އެހާ ފަސޭހައެއްޗެއް ނޫން. އެހެންވީމަ ހަމަ ފަސޭހައިން ލިބޭ އަދި ފެނާއި، ޕޮޓޭސިއަމް އަދި ހަކުރު ހުންނަ އެއްޗެއް ކުރުނބާ އަކީ" އާސިޔާ ވިދާޅުވި އެވެ.

މި ހާލަތުގައި ހަކުރުވެސް މުހިންމުވަނީ ހަށިގަނޑުން ފެން މަދުވެ، މީހާގެ ގައިން ވަރުދެރަވާތީ އެވެ.

ކުރުނބާފެނަށް ހަކުރު ނާޅާތި

ގިނަ ގެ ތަކުގައި ކުރުނބާ ފެން ތައްޔާރުކުރާއިރު ހަކުރު އެޅުމަކީވެސް ވަރަށް އާންމުކޮށް ކޮށްއުޅޭ ކަމެކެވެ. އެހެންނަމަވެސް އިތުރަށް އަޅާ ހަކުރުގެ ސަބަބުން ހަކުރުގެ މިންވަރު މާ ބޮޑަށް މަތިވެދާނެކަމަށް އާސިޔާ ވިދާޅުވި އެވެ. އަދި ހަމައެޔާއެކު މި ހާލަތުގައި ބޮޑަށް އެދެވިގެންވަނީ ކުރުނބާގައި ހުންނަ ހެވާވެސް ނުކައި، ހަމައެކަނި ކުރުނބާ ފެން އެކަނި ބޯލުމެވެ.

ހަކުރު ބައްޔާއި ކިޑްނީގެ މައްސަލަ ހުންނަ މީހުންނަށް ރަނގަޅެއް ނޫން

ކުރުނބާ ފެނަކީ ރަހަމީރު ހައްޓަށް ލުއި އަދި ފަސޭހައިން ލިބޭ އެއްޗެއް ނަމަވެސް، ކުރުނބާ ބުއިމުން ދުރުހެލިވާންޖެހޭ އަދި ބުއިމުގެ ކުރިން ސިއްހީ މާހިރެއްގެ ލަފާ ހޯދަންޖެހޭ ބައެއްވެސް އެބަތިއްބެވެ.

މިގޮތުން ހަކުރުބަލި ހުންނަ ފަރާތްތަކާއި ކިޑްނީގެ މައްސަލަތައް ހުންނަ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އާސިޔާ އިރުޝާދު ދެއްވި އެވެ.

ކުރުނބާ ފެނުގައި ގުލްކޯސްއާއި ޕޮޓޭސިއަމް ގިނައަދަދަކަށް ހުރުމުން ނިކަން ފަސޭހައިން ލޭގެ ތެރެއަށް ގުލްކޯސް ދަމައިގަންނައިރު ކުއްލިއަކަށް މީހާގެ ހަކުރުމައްޗަށް ގޮސް މީހާގެ ރިކަވަރީއަށްވުރެ، އިތުރަށް ބަލިވާން މަގުފަހިވާނެ އެވެ.

ހަމައެޔާއެކު ކިޑްނީ ބަލިތަކުގައި އުޅޭ މީހުންގެ ހަށިގަނޑުގައި ހާއްސަކޮށް ޑައެލަސިސް ހަދާނަމަ ޕޮޓޭސިއަމް އިތުރުވުމަކީ ވަރަށް އާންމުކަމެކެވެ. އެ މާއްދާ މާ ބޮޑަށް އިތުރުވެއްޖެނަމަ ހިތުގެ ވިންދު އަވަސްވެ ހަށިގަނޑަށް ނުރައްކާވެދާނެ އެވެ.

އެހެންކަމުން ކިޑްނީ މައްސަލަތައް ހުންނަ ފަރާތްތަކުން ކުރުނބާފަަދަ އެއްޗެއް ބޭނުންކުރާނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަކީ މުހިންމުކަމެކެވެ.

ރަނގަޅީ ރޯދައަށް ހުރެ ވެކްސިން ނުޖެހުން

ވެކްސިނާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަދި ނެޝެނަލް ސްޓިއަރިން ކޮމިޓީގެ މެންބަރެއް ކަމުގައިވާ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާުވާގޮތުގައި ވެކްސިން ޖެހުމަސްފަހު ގިނަ ބަޔަކަށް ހުންއައިސް ގައިގައި ރިއްސައެވެ.

ގިނަ ފަހަރު މި އަލާމާތްތައް ވެކްސިން ޖަހާތާ 12 ގަޑިއިރު ފަހުން ފެންނަން ފަށާއިރު ޕެރެސެޓަމޯލް ބޭނުންކުރުން ރަނގަޅުވާނެ އެވެ.

ހަމައެޔާޢެކު ވެކްސިންއަށްފަހު ވަރުބަލިވެ ފެންބޮވާ ގޮތް ވާތީ ރޯދައަށްހުރެ ވެކްސިން ޖެހުމަކީ އެދެވިގެންވާ ގޮތެއް ނޫންކަމުގައިވެސް ޑރ. ފައިސަލް ވަނީ ޓްވިޓާގައި ވިދާޅުވެފަ އެވެ. އަދި ވެކްސިން ޖަހަން ދިއުމުގެ ކުރިން ވީހާވެސް ރަނގަޅާށް ނކޭން ބައްލަވައިގެން ވަޑައިގަތުމަކީވެސް މުހިންމު ކަމެއް ކަމުގައި ޑރ.ފައިސަލް ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް