ފުރަތަމަ އާދައިގެ ރޯގާއެއް، ހާސްވަމުން ހާސްވަމުން ގޮސް މަރު

ދުބާއީގައި ކޮވިޑަށް ފަރުވާދެނިކޮށް މަރުވި އަހުމަދު އިޔާދު، 38 --

އެޗްޑީސީގެ ސީނިއާ ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އަބްދުﷲ އިޔާދު އަހުމަދު، 38 އާ އަހަރުގެ ޗުއްޓީ ނަގައިގެން ދުބާއީއަށް ފުރީ މެލޭޝިޔާގައި އޭނާއާ އެކު ކިޔަވަން އުޅުނު ރަހުމަތްތެރިއެއްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށް ލިބުނު ދައުވަތަކާ އެކު އެވެ.

އަނބިމީހާ ވެސް ގޮވައިގެން އަދި އިތުރު ރަށްޓެއްސަކާ އެކު އިޔާދު ދުބާއީއަށް ފުރީ ރަހުމަތްތެރިޔާގެ ކައިވެނީގެ އުފަލުގައި ބައިވެރިވުމުގެ އިތުރަށް އުފާވެރި ޗުއްޓީއެއް ވެސް ހޭދަކުރުމަށެވެ. އެހެން ނަމަވެސް ދުބާއީއަށް ގޮސް ރަނގަޅަށް ޗުއްޓީ ނުފެށި އުޅެނިކޮށް ޖެނުއަރީ ފުރަތަމަ ހަފްތާގެ ތެރޭ އިޔާދު ހެދި ޓެސްޓުން އޭނާއަށް ކޮވިޑް ޖެހިފައިވާކަން ޔަގީންވި އެވެ. އަދި އޭނާގެ ދިވެހި ރަހުމްތެރިޔާ ވެސް ބައްޔަށް ޕޮޒިޓިވްވި އެވެ.

އިޔާދުގެ އުފާވެރި ޗުއްޓީ ދަތުރަށް ކޮވިޑްގެ ހިޔަނި އެޅުނު ނަމަވެސް އޭނާ އުންމީދުކޮށްގެން ހުރީ ކޮވިޑުން އަވަހަށް ރަނގަޅުވެ ސަލާމަތްވެ ހެޔޮ ހާލުގައި ރާއްޖެ އާދެވޭނެ ކަމަށެވެ. އެކަމަކު ކަންކަން މެދުވެރިވީ ހީކުރި ގޮތަކަށް ނޫނެވެ. ތަގުދީރުގައި ރާވާފައި އޮތީ މުޅީން އެހެން ރޭވުމެކެވެ.

އިޔާދުގެ އާއިލާގެ މެންބަރަކު މިއަދު "ސަން"އަށް ބުނީ އެންމެ ފުރަތަމަ އިޔާދުގެ ކިބައިން އެއްވެސް ސީރިއަސް އަލާމާތެއް ނުފެނެ އެވެ. ޕޮޒިޓިވްވީ އިރު ހުރީ އާދައިގެ ރޯގާއެއްގެ އަލާމާތްތަކެވެ. ބައެއް ފަހަރު ވަރަށް މަޑު ހުމެއް ހުންނަ ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް އިޔާދުގެ ގައިން ބަލީގެ އަލާމާތްތައް ނުފިލާ އެ އަލާމާތްތައް ދިޔައީ އިތުރަށް ބޮޑުވަމުންނެވެ. އެންމެ ފަހުން ޖެނުއަރީ ދެވަނަ ހަފްތާގައި ކުއްލިއަކަށް ނޭވާއަށް އުނދަގޫވާން ފެށި އެވެ.

"އެ ހިސާބުން ތިއްތި [އިޔާދު] އަޅުގަނޑު ކައިރީ ބުނި ނޭވާއަށް އުނދަގޫ އެބަވެޔޭ. ވަރަށް ބިރުވެރިޔޭ. ބިރު އެބަ ގަނެޔޭ އެ ހިސާބުން ދެން ހޮސްޕިޓަލަށް ދިޔައީ،" މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާ އާއިލާގެ އެ މެންބަރު ބުންޏެވެ.

ހޮސްޕިޓަލަށް ދިޔައިރު ވެސް އިޔާދުގެ ހާލަތު ސީރިއަސް ކަމަށް ހީކުރެވިފައެއް ނެތެވެ. ނޭވާއަށް އުނދަގޫވުމަކީ ކޮވިޑުގެ އާންމު އަލާމާތެކެވެ. އަދި ސީރިއަސް ނުވެ ބަލިން ސަލާމަތްވާ އާންމު މީހުނަށް ވެސް އެ އުނދަގުލާ ކުރިމަތިވެ އެވެ. އެހެން ނަމަވެސް ހޮސްޕިޓަލުން ހެދި ޓެސްޓްތަކުން އިނގުނީ ކޮވިޑުގެ ސަބަބުން އިޔާދުގެ ކިޑްނީ އާއި ފުއްޕާމެއަށް ވެސް އަސަރުކުރަން ފަށާފައިވާ ކަމެވެ.

"އެ ހިސާބުން ތިއްތި [އިޔާދު] ވަގުތުން އައިސީޔޫއަށް ލީ. އެއާ އެކު ކިޑްނީ އިމްޕްރޫވްވި. އެކަމަކު ފުއްޕާމޭ އިންޕްރޫވްއެއް ނުވި،" އާއިލާގެ މެންބަރު ކިޔައިދިނެވެ.

ފުއްޕާމޭގެ ހާލަތު ރަނގަޅުނުވެ އިޔާދުގެ ހާލަތު މަޑުމަޑުން ދަށަށް ގޮސް، ޖެނުއަރީ 19 ވަނަ ދުވަހު އެންމެ ފަހުން ނޭވާލާން ދެން ގުޅަން ޖެހުނީ ވެންޓިލޭޓަރާ އެވެ. "ކޯމާ"އެއްގައި އޮންނަތާ 20 އަކަށް ދުވަސް ފަހުން އިޔާދު ކޮވިޑް ބަލީގައި ދުނިޔެ ދޫކުރީ ދުބާއީއަށް މިއަދުގެ އެންމެ ހެނދުނުގެ ވަގުތު އެވެ.

"ދުބާއީ ހޮސްޕިޓަލުން މަރުވި ސަބަބަކަށް އޮތީ ސެޕްޓިކް ޝޮކް ކަމަށް،" އާއިލާގެ މެންބަރު ބުންޏެވެ. ސެޕްޓިކް ޝޮކަކީ އިންފެކްޝަނެއް ލޭގެ ތެރެއަށް ފޭދި މީހާ ސީރިއަސް ކޮށްލާ ހާލަތެވެ. ޑޮކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާ އިޔާދުގެ އާއިލާގެ މެންބަރުވެސް ބުނީ ކޮވިޑުގައި ހާލު ބޮޑުވާ މީހުން އާންމުކޮށް މަރުވަނީ ސެޕްޓިކް ޝޮކްގެ ސަބަބުން ކަމަށެވެ.

"ތިއްތިއަކީ [އިޔާދު] އަކީ އެއްވެސް މެޑިކަލް ކޮންޑިޝަނެއް ހުންނަ މީހެއް ނޫން. ސިނގިރޭޓްވެސް ބޯ މީހެއް ނޫން،" އާއިލާގެ މެންބަރު ކިޔައިދިނެވެ.

ދުބާއީގައި ކޮވިޑަށް ފަރުވާދެނިކޮށް މަރުވި އަހުމަދު އިޔާދު، 38: އޭނާ އަކީ ކުޅަދާނަ ކުރިކެޓް ޕްލެޔަރެއް އަދި ކެޕްޓަނެއް --

ކޮވިޑު ބަލީގެ ނުރައްކާ އެކި މީހުންނަށް ފޯރަނީ އެކި ވަރަށް އެކި ގޮތަށެވެ. ބައެއް މީހުންގެ އަލާމާތް އެގޮތަކަށް ނުފެނިވެސް ބަލި ފަސޭހަވެދެ އެވެ.

އިޔާދުއާ އެކު ކޮވިޑަށް ޕޮޒިޓިވްވި ދިވެހި ކުއްޖާގެ ހާލު ރަނގަޅެވެ. އޭނާގެ އެއްވެސް ސީރިއަސް މައްސަލައެއް ނެތްކަން އެނގިފައިވެ އެވެ.

މާޗް، 2017 އިން ފެށިގެން އެޗްޑީސީގެ ސީނިއާ ޓެކްނިކަލް އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން އައި އިޔާދުގެ މަރާ އެކު އޭނާއާ އެކު މަސައްކަތް ކުރާ އެތައް ބަޔަކަށް ވަނީ ކުއްލި ސިހުމެއް ލިބިފަ އެވެ. މީހުންނާ ގުޅޭ ހެޔޮ މިޒާޖެއްގެ އިޔާދު އެ މީހުންނާ މިހާ އަވަހަށް ވަކިވެދާނެ ކަމަށް އެ މީހުންނަށް ތިބީ އަދިވެސް ގަބޫލު ނުކުރެވިފަ އެވެ. އިޔާދު ނެގި ކުރު ޗުއްޓީ އެއީ ދާއިމީ ގޮތެއްގައި ވަކިވުން ކަމަށް އެ މީހުންނަށް ތިބީ އަދިވެސް ގަބޫލު ނުކުރެވިފަ އެވެ. ނަމަވެސް އެ ކުރު ޗުއްޓީ ދަތުރު ބަދަލުވެގެން މި ދިޔައީ އިޔާދު އެ މީހުންނަށް އަބަދަށްޓަކައި ކީ އަލްވަދާއު އަކަށެވެ.

ކަން ދިމާކުރި ގޮތުން ރަހުމަތްތެރިޔާގެ މޫނު ދެކިލުމުގެ ނަސީބުވެސް އެ މީހުންނަށް ނުލިބުނެވެ. ދުބާއީގެ އުސޫލުތައް އޮންނަ ގޮތުން ކޮވިޑުގައި މަރުވާ މީހުންގެ ހަށިތައް އެ ގައުމުން ބޭރު ކުރުމުގެ ހުއްދަ ނުދޭތީ އިޔާދުގެ ހަށިގަނޑު ރާއްޖެ ގެނެވޭ ގޮތެއް ނުވި އެވެ. ރާއްޖޭގައި އިޔާދަށް ގައިބަށް ކަށުނަމާދު ކުރާނެ އެވެ.

ދުބާއީގައި ކޮވިޑަށް ފަރުވާދެނިކޮށް މަރުވި އަހުމަދު އިޔާދު، 38: އޭނާ އަކީ ކުޅަދާނަ ކުރިކެޓް ޕްލެޔަރެއް އަދި ކެޕްޓަނެއް --

އިޔާދަކީ ރާއްޖޭގެ ކުރިކެޓްގެ ދަނޑުގައިވެސް ގަދަ ނަމެކެވެ. އޭނާގެ ވަކިވުމާ އެކު ކުރިކެޓް ދާއިރާގެ އެންމެންނަށް ވެސް މިއަދަކީ ހިތާމަވެރި ދުވަހެކެވެ. ކުރިކެޓުގެ ދަނޑުގައި "ލެއްގި"ގެ ނަމުން އިޔާދު މަޝްހޫރުވެފައިވާ އިރު އޭނާ އަކީ ހުނަރުވެރި ކުޅުންތެރިއެއް އެކަންޏެއް ނޫނެވެ. އޭނާ އަކީ ކުރިކެޓް ކުލަބުތަކުގެ ވެސް ހިންގުންތެރި އެކެވެ. ޓީމް ކެޕްޓަނެކެވެ.

ކުރިކެޓް ބޯޑު އޮފް މޯލްޑިވްސްއިން ބުނީ ލެއްގިގެ ވަކިވުމަކީ ކުރިކެޓުގެ ދަނޑަށް ލިބުނު ދާއިމީ ފަޅުކަމެއް ކަމަށެވެ. މުޅި ދިވެހި ކުރިކެޓް ޓީމަށް ގެއްލިގެން އެ ދިޔައީ ހުނަރުވެރިއެކެވެ. ލީޑަރެކެވެ. އެއީ ފޫބެއްދޭނޭ ފަޅުކަމެއް ނޫނެވެ.

comment ކޮމެންޓް