ސިދާތުގެ "މިޝަން މަޖްނޫ"ގެ ޝޫޓިން ފަށައިފި

ފިލްމުގެ ޕޯސްޓަރެއް---

ބޮލީވުޑްގެ ފިލްމީތަރި ސިދާތް މަލްހޯތުރާ ލީޑު ރޯލުން ފެނިގެންދާ ފިލްމު "މިޝަން މަޖްނޫ"ގެ ޝޫޓިން އިއްޔެ ފަށައިފިއެވެ.

ލަކްނޫގައި ފިލްމުގެ ޝޫޓިން ފެށިއިރު ސިދާތު އަދި ފިލްމުގެ ޝޫޓިންއާ ގުޅިފައެއް ނުވެއެވެ. ނަމަވެސް މި މަސްތެރޭ އޭނާ ވެސް ފިލްމުގެ ތަރިންނާ ގުޅޭނެ ކަމަށް ޚަބަރުތައް ބުނެއެވެ.

"މިޝަން މަޖްނޫ"ގެ ނަމުން ނަންދީފައިވާ މި ފިލްމުގައި ސިދާތުއާއެކު ފެނިގެންދާނީ ސައުތު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ބަތަލާ ރަޝްމިކާ މަންޑަނާއެވެ. މި ފިލްމުވެގެންދާނީ އޭނާ ކުޅޭ ފުރަތަމަ ބޮލީވުޑް ފިލްމަށެވެ.

ތުރިލާ ޖޯންރާއަށް ތައްޔާރުކޮށް އުފައްދާފައިވާ އެ ފިލްމުގެ ޕޯސްޓަރުވެސް މިހާރު ދައްކާލައިފައިވާއިރު މިޝަން މަޖްނޫ އަކީ ހަގީގީ ހާދިސާއަކަށް ބިނާކޮށް އުފައްދާ ފިލްމެއްވެސްމެއެވެ. މި ފިލްމުގައި ފެނިގެންދާނީ ޕާކިސްތާނާއި އިންޑިއާގެ ގުޅުން ބަދަލުވާން ދިމާވި ހަގީގީ ސަބަބުތަކެވެ.

އަލަށް ޑައިރެކްޝަނަށް ނުކުންނަ ޝާންތަނޫ ބަގްޗީ ޑައިރެކްޓްކުރާ މި ފިލްމަކީ ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

comment ކޮމެންޓް