މުއިއްޒު ރަސްމީކޮށް ކެމްޕޭން ފައްޓަވައިފި، މައި އަމާޒަކީ ގެދޮރުވެރިކަން ކަށަވަރުކޮށްދިނުން

ފެބްރުއަރީ 6، 2021: މާލޭ ސިޓީ ކައުންސިލަށް ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު އޭނާގެ ކެމްޕޭން ރަސްމީކޮށް ފައްޓަވައިފި އެވެ.

މުއިއްޒު ކެމްޕޭން ފެއްޓެވީ މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާގެ ކެމްޕޭންގެ ޝިއާރަކީ "ރައްޔިތުން އެދޭ އަމާޒަށް" އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ފާހަގަކުރެއްވީ މާލޭގެ ރައްޔިތުން އެންމެ ބޮޑަށް އެދޭ އަމާޒަކީ ގެދޮރުވެރިކަން ކަށަވަރުކުރުން ކަމަށެވެ. އަދި އެއީ ކޮންމެ ރައްޔިތެއްގެވެސް އަސާސީ ހައްގެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގެދޮރުވެރިކަމަކީ ހަމަ ޝައްކެއް ނެތް ގޮތުގައި ކޮންމެ ރައްޔިތެއްގެވެސް އަސާސީ ހައްގެއް. ގެދޮރެއް ލިބިގެން ދެން އެހެން ކަމަކާ ވިސްނޭނީވެސް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައްޔިތުން ގެދޮރުވެރި ކުރުމުގެ އަމާޒަށް ރައްޔިތުންގެ އަޑު އިއްވައިދިނުމުގައި ފަހަތަނަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރެޔާ ދުވާލު އެ މަސައްކަތް ކުރަން ޖެހުނަސް އެކަން ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުން ގެދޮރުވެރިކުރުމުގެ އަމާޒަށް ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންނާއެކީގައި ރައްޔިތުންގެ އަޑު މި ސަރުކާރަށް އިއްވައިދިނުމުގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ ފަހަތަކަށް ނުޖެހޭނަން. ރެއާ ދުވާލު މަސައްކަތް ކުރަން ޖެހުނަސް އަޅުގަނޑު މިހިރީ އިދާރަކުރެއްވިއްޔާ އެ މަސައްކަތް ކުރުމަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ގެދޮރުވެރިކަން ދޭން ކުރިއަށް ގެންދިޔަ ހައުސިން މަޝްރޫއުތަކާ ބެހޭގޮތުންވެސް އޭނާ ވާހަކަދެއްކެވި އެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު އަޅާފައި ހުރި ކޮންމެ ގާބުރިއަކީ ކުރީ ސަރުކާރުގައި ފެށި މަޝްރޫއުތަކުގެ ގާބުރި ކަމަށްވެސް ވިދާޅުވި އެވެ. ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ހައުސިން ޔުނިޓު އެޅިގެން ދިޔައީވެސް މިދިޔަ ސަރުކާރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގެދުވެރޮކަން ކަށަވަރުކޮށްދިނުމަށް އެންމެ ބޮޑެތި މަސައްކަތްތަކެއް ކޯށްދެއްވީ މިދިޔަ ސަރުކާރުގައި ކަމަށެވެ. އެެހެންކަމުން، އޭނާ ވާހަކަ ދައްކަވަނީ ނަތީޖާ ނެރުމުގެ ތަޖުރިބާއާއެކީ ކަމަށް ވިދާޅުވި އެވެ.

"ނަތީޖާ ނެރެދިނުމުގެ ތަޖުރިބާގެ އަލީގައި އަޅުގަނޑު މި ވާހަކަ ދައްކަނީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ފެބްރުއަރީ 6، 2021: މާލޭ ސިޓީ ކައުންސިލަށް ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީ ސަރުކާރުގެ ހައުސިން މަޝްރޫއުތަކާ މެދު މިހާރުގެ ސަރުކާރުން އަމަލު ކުރާ ގޮތާ މެދު ޑރ. މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ، ކުރީ ސަރުކާރުގައި ގުޅީފަޅުންނާއި ފުށިދިއްގަރުފަޅުން ގޯތި ދޫކުރުމަށް ލިޔުން ދިން ނަމަވެސް، މި ސަރުކާރުން އެ ކަމަށް ހެއްދެވި ގޮތަކީ ކޮބާތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ރައްޔިތުން ހައްލު ބޭނުންވާ އެހެން ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ވެހިކަލްތައް ޕާކްކޮށްފައި ހުންނަ ގޮތުން ގެދޮރަށް ވަންނަން އުނދަގޫވާތީ އެކަމުގެ ޝަކުވާ ބައެއް މީހުން ކުރާ ކަމަށެވެ. އެއީވެސް ހައްލުކޮށްގެން ދިރިއުޅުމަށް ބޮޑެތި ތަފާތުތައް ގެނެވޭނެ ކުދިކުދި ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން މަގުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަޝްރޫއުވެސް މިހާރަށް ވުރެ ރަނގަޅަށް ހިންގަން ޖެހޭ ކަމަށާއި އެކަން ކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުން އެދޭ ގޮތަށް މާލެއަކީ ރީތި، ހިތްފަސޭހަ ފެހި ތަނަކަށް ހަދައިދިނުމަށް ބޭނުންފުޅުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ހަނި ގޯޅިތަކަކީ ވެހިކަލްތަކުގެ ނުރައްކަލެއް ނެތި ކުޑަކުދިންނަށް ނުކުމެ އުޅެވޭ ފަދަ ތަންތަނަށް ހަދަން ބޭނުންފުޅުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕާކުތައްވެސް ރީތިކޮށް ބަހައްޓަން ބޭނުންފުޅުވާ ކަމަށެވެ. ކުރިން ހެދާފައި ހުރި ޕާކުތައްވެސް މިހާރު ދަނީ ވީރާނާވަމުން ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް