ފޮރިން އިމާރާތުގެ ނަމަކަށް "ފަތުހުﷲ ޖަމީލް ބިލްޑިންގ"

ފޮރިން މިނިސްޓްރީ ހިންގާ ބިލްޑިންގެ ބޭރުގައި ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލުގެ ނަން ޖަހާފައި

ފޮރިން މިނިސްޓްރީ ހިންގާ އިމާރާތުގެ ނަން ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލަށް ހާއްސަކޮށް، "ފަތުހުﷲ ޖަމީލް ބިލްޑިންގ" އަށް ބަދަލުކޮށްފި އެވެ.

ފަތުހުﷲ ޖަމީލަކީ ރާއްޖޭގެ ހާރިޖީ ވަޒީރުކަން މެދުކެނޑުމެއް ނެތި 27 އަހަރު ކުރެއްވި ބޭފުޅެކެވެ.

ފޮރިން މިނިސްޓްރީ ހިންގާ އިމާރާތުގެ ނަން ބަދަލުކުރުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ. މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާ ގުޅޭ މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށެވެ.

އެ އިމާރާތުގެ މަރާމާތުގެ މަސައްކަތަށް ފޮރިނ މިނިސްޓްރީގެ ހިންގުން، އެމްޓީސީސީގެ ސޯމިލް ރީލޮކޭޝަން އިމާރާތަށް ބަދަލުކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އިމާރާތުގެ ނަން ބަދަލުކޮށްފައި ވާއިރު، ވަރަށް އަވަހަށް ކުރިން އެ އިމާރާތް އަލުން ބޭނުންކުރަން ފަށާނެ އެވެ.

ފަތުހުﷲ ޖަމީލް އަވަހާރަވުމާ ގުޅިގެން ސަރުކާރުން ބޭއްވި ތައުބީންގެ ޖަލްސާގައި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައި ވަނީ ރިޔާތަކެއްގެ ބައްޓަމަށް ހުރި ފޮރިން މިނިސްޓްރީގެ އިމާރާތަކީ ވެސް ފަތުހުﷲ ޖަމީލްގެ ކުރެއްސެވުމެއްގެ މައްޗަށް ބިނާކުރައްވާފައިވާ ތަނެއް ކަމަށެވެ. އަދި އެ އިމާރާތް ބިނާކުރެއްވުމަށްޓަކައި ޗައިނާ ސަރުކާރުގެ ހިލޭ އެހީ ހޯއްދަވައި އެ މަސައްކަތް ފެއްޓެވީ ވެސް ފަތުހުﷲ ޖަމީލް ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ ހާރިޖިއްޔާ މި ހުރި އިމާރާތުން ރަމްޒުކޮށްދޭ ރިޔާތަކުގައި ވައި އަޅައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ކުރިއަށްދާ ކޮންމެ ދިއުމެއްގައި އެ ރިޔަލުން ގޮވާނެ އަޑަކީ އަލްއުސްތާޒް ފަތުހުﷲ ޖަމީލްގެ ނަންފުޅު. އަދި ހަމަ އެއާއެކު އެއް ނަމަކުން އެ އިމާރާތަށް ސިފަކޮށް މީހަކު އެއްޗެއް ބުނަން ބޭނުން ނަމަ ބުނެވޭނީ ވެސް އަލްއުސްތާޒް ފަތުހުﷲ ޖަމީލްގެ ނަންފުޅު،" ޝާހިދު ވިދާޅުވެފައިވެ އެވެ.

ފަތުހުﷲ ޖަމީލް، ސަރުކާރަށް ހިދުމަތް ކުރައްވަން ފައްޓަވާފައިވަނީ، 18 ނޮވެމްބަރު 1969 ގައި މަޖީދިއްޔާ ސްކޫލްގެ ޓީޗަރުކަމުންނެވެ. އެމަނިކުފާނު އެންމެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވަނީ، ރާއްޖޭގެ ހާރިޖީ ވުޒާރާގައެވެ. އެގޮތުން، މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ވަކީލު ކަމުގެ މަގާމާއި، އދ. ގައި ހުންނަވާ ދިވެހިރާއްޖޭގެ ޕާމަނަންޓް ރެޕްރެޒެންޓެޓިވް ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް އެކްސްޓާނަލް އެފެއާޒްގެ ނައިބު ކަމުގެ މަގާމު ފުރުއްވާފައިވެ އެވެ.

މިނިސްޓަރ އޮފް އެކްސްޓަނަލް އެފެއާޒް ކަމުގެ މަގާމަށް އެމަނިކުފާނު އައްޔަން ކުރެވުނީ، ރައީސް އިބްރާހީމް ނާސިރުގެ ދައުރުގައި، 14 މާޗް 1978 ގައެވެ. އޭގެފަހުން، ރައީސް މައުމޫން އަބްދުލްގައްޔޫމް 11 ނޮވެމްބަރ 1978 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓާ އޮފް ފޮރިން އެފެއާޒް ކަމުގެ އައްޔަން ކުރެއްވީވެސް ފަތުހުﷲ ޖަމީލެވެ.

އެމަގާމުން 14 ޖުލައި 2005 ގައި އެމަނިކުފާނު އިސްތިއުފާ ދެއްވުމާ ގުޅިގެން، ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށް ހަމަޖެއްސެވި އެވެ. ފަތުހުﷲ ޖަމީލު އެންމެފަހުން ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއާ މިނިސްޓަރު ކަމުގެ މަގާމުގަ އެވެ. އަދި ފަހުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފަތުހުﷲ ޖަމީލަށް ވަނީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވެވި އިއްޒަތްތެރިޔާ ކަން ވެސް ދެއްވާފަ އެވެ.

ފަތުހުﷲ ޖަމީލަކީ، މިނިސްޓާ އޮފް ސްޓޭޓް ފޯ ޕްލޭނިން އެންޑް އެންވަޔަރަންމަންޓް ކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ވެސް އެމަނިކުފާނު ކުރައްވާފައިވެ އެވެ.

ފަތުހުﷲ ޖަމީލަކީ، އެންމެ ގިނަ ދުވަސް ވަންދެން ރާއްޖޭގެ ހާރިޖީ ވަޒީރުކަން ކުރެއްވި ބޭފުޅެވެ. އެ މަގާމުގައި ހުންނަވައިގެން، ރާއްޖެ ބައިނަލްއަގުވާމީ މައިދާނަށް ތައާރަފް ކުރެއްވުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވި އެވެ.

ރާއްޖެއަކީ ބައިނަލްއަގުވާމީ މުޖްތަމައު ގަބޫލުކުރާ ޒިންމާދާރު، ހާރިޖީ ސިޔާސަތު ބިނާކޮށްފައިވާ ގައުމެއްކަން، ބޭރު ދުނިޔެއަށް ހާމަކޮށްދެއްވުމުގައި ފަތުހުﷲ ޖަމީލު މުހިންމު ދައުރެއް އަދާކުރެއްވި އެވެ.

އަދި ރާއްޖެއަށް ބޭނުންވި ތަރައްގީގެ އެހީތައް ހޯއްދަވައިދެއްވުމުގައާއި، ރާއްޖެއަށް ސިޔާސީގޮތުންނާއި، ސަގާފީގޮތުން، ބައިނަލްއަގުވާމީ މުޖްތަމައުގެ އެއްބާރުލުން ހޯއްދަވައިދެއްވުމަށްވެސް އަގުހުރި މަސައްކަތްތަކެއް ކުރެއްވި އެވެ. ހަމައެއާއެކު، ބައިނަލްއަގުވާމީ މުޖްތަމައުގެ މާލީ އިދާރާތަކާއި، އެހެން މުއައްސަސާތަކާ ދެމެދު ގުޅުން އުފައްދަވައި، އެކަމަށްވެސް ގިނަގުނަ މަސައްކަތްޕުޅުތަކެއްވަނީ ކުރައްވާފަ އެވެ.

ފަތުހުﷲ ޖަމީލު، އަވަހާރަވީ 2012 ވަނަ އަހަރުގެ މާޗު މަހުގެ ފުރަތަމަ ދުވަހުގެ ރޭ، ހިތްޕުޅުގެ އާލާސްކަންފުޅެއްގައި ފަރުވާދެމުން ދަނިކޮށް، ހާލުކޮޅު ވަރަށް ސީރިއަސްވެ، ސިންގަޕޫރު ޖެނެރަލް ހޮސްޕިޓަލްގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 69 އަހަރެވެ.

comment ކޮމެންޓް