ޓްރަމްޕްއާ ޖާސޫސީ މައުލޫމާތު ހިއްސާ ނުކުރާނެ ކަމަށް ބައިޑެން ވިދާޅުވެއްޖެ

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ޖާސޫސީ މައުލޫމާތު ހިއްސާ ނުކުރާނެ ކަމަށް ވިދާޅުވެފަ -- ފޮޓޯ: އޭޕީ

ވޮޝިންޓަން (ޖެނުއަރީ 6): އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ޖާސޫސީ މައުލޫމާތު ހިއްސާ ނުކުރާނެ ކަމަށް އެގައުމުގެ މިހާރުގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ވެރިކަމުގައި ހުންނަވާ ރައީސަކު ބޭނުންފުޅުވާ ނަމަ އެގައުމުގެ ކުރީގެ ރައީސުންނާ ގައުމީ ސަލާމަތާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަކީ އެގައުމުގެ ސަރުކާރުގައި އޮންނަ ސަގާފަތެކެވެ. އަދި އެ ސަގާފަތުގެ މަތިން ޓްރަމްޕްއާ ޖާސޫސީ މައުލޫމާތު ހިއްސާ ކުރާނެތޯ ސުވާލު ކުރުމުން ބައިޑެން ވިދާޅުވީ ޓްރަމްޕްއަށް ސިއްރު ހިފެހެއްޓޭނެ ކަމުގެ އިތުބާރެއް ނެތް ކަމަށެވެ.

"[ޓްރަމްޕްއާ] ޖާސޫސީ މައުލޫމާތު ހިއްސާ ކުރުމުގެ އެއްވެސް ބޭނުމެއް އޮތްހެން އަޅުގަނޑަކަށް ހިއެއް ނުވޭ. އޭނާއަށް އެފަދަ މައުލޫމާތު ދިނުމުގެ ބޭނުމަކީ ކޮބާ؟ އަދި އޭނާއަށް އޮޅުމަކުން އެ ވާހަކަ ދެކެވިދާނެކަން ނޫން އިތުރު ކަމެއް އޭގެ ސަބަބުން ވާނެތޯ؟" ބައިޑެން ވިދާޅުވި އެވެ.

ނިއު ޔޯކް ޓައިމްސްއިން ރިޕޯޓު ކުރި ގޮތުގައި އެއީ އެމެރިކާގެ ރައީސަކު ކުރީގެ ރައީސަކަށް ޖާސޫސީ މައުލޫމާތު ދެއްވަން ދެކޮޅު ހައްދަވާ ފުރަތަމަ ފަހަރެވެ.

ޓްރަމްޕްގެ ވެރިކަމުގައި އޭނާ އާއި އެމެރިކާގެ ޖާސޫސީ އިދާރާތަކާ ދެމެދު އެކި ފަހަރު މަތިން ދެބަސްވުންތައް އުފެދުނެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން މިދިޔަ މަހާ ހަމަޔަށް ދެމިގެން ދިޔަ އެ ސަރުކާރުގައި ހަ ނެޝަނަލް އިންޓެލިޖެންސް ޑިރެކްޓަރުން އައްޔަން ކުރި އެވެ.

މީގެ އިތުރުން 2016 ވަނަ އަހަރު ޓްރަމްޕް ކާމިޔާބު ކުރެއްވި ރިޔާސީ އިންތިހާބަށް ރަޝިއާއިން ނުފޫޒު ފޯރުވުމާ ބެހޭ ގޮތުން އެމެރިކާގެ ޖާސޫސީ އިދާރާތަކުން ނެރުނު ރިޕޯޓުތަކާ މެދު ޓްރަމްޕް ސުވާލު އުފެއްދެވި އެވެ. އަދި 2017 ވަނަ އަހަރު އެމެރިކާގެ އަސްކަރީ އޮޕަރޭޝަނަކާ ބެހޭ ސިއްރު މައުލޫމާތު ޓްރަމްޕް، ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޮފްއާ ހިއްސާ ކުރެއްވި އެވެ.

comment ކޮމެންޓް