ހުޅުމާލޭގައި 2000 ފްލެޓް އަޅަން އިންޑިއާ ކުންފުންޏަކަށް

ފެބްރުއަރީ 23، 2020: ހުޅުމާލޭގައި ހަދަމުންދާ ހިޔާ މަސްރޫއުގެ ފްލެޓްތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި 2000 ފްލެޓް އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެންބީސީސީ (އިންޑިއާ) ލިމިޓެޑް އާއެކު ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) ކޮންޓްރެކްޓުގައި ސޮއިކޮށްފި އެވެ.

އެންބީސީސީ އަކީ ޕްރޮޖެކްޓް މެނޭޖްމަންޓް، ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް އަދި އީޕީސީ ކޮންޓްރެކްޓިންގެ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ އިންޑިއާ ސަރުކާރުގެ 100 ޕަސެންޓު ހިއްސާވާ ކުންފުންޏެކެވެ.

މި މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ ހުޅުވާލެ ދެވަނަ ފިޔަވަހީގަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ އެ ޕްރޮޖެކްޓުގައި ހިމެނެނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓާއި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓު ކަމަށެވެ.

މި މަޝްރޫއަށް 130 މިލިއަން ޑޮލަރު ހަރަދުކުރަން ނިންމާފައި ވާއިރު، މިއީ ސަރުކާރުގެ ސޮވެރިންގ ގެރެންޓީގެ ދަށުން އިންޑިއާ އެކްސްޕޯޓު-އިމްޕޯޓު ބޭންކުގެ ލޯނެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި 2019 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުންފުންޏެއް އުފެއްދެވީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް، އެއް ފުރާޅެއްގެ ދަށުން ހިންގުމަށެވެ.

comment ކޮމެންޓް