ސޯޝަލް ސެންޓަރުގެ ވެކްސިން ކިޔޫ ދިގުވެއްޖެ، މާދަމާ ވެކްސިން ޖަހަން މަޑުކޮށްލާ!

ފެބްރުއަރީ 4، 2021: ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނާއި، ޓޫރިޒަމް ދާއިރާއާއި ގުޅުން ހުރި ފަންނުވެރިންނަށް ކޮވިޑް ވެކްސިން ދޭން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ވެކްސިން ޖެހުމަށް ސޯޝަލް ސެންޓަރުގައި ކިޔޫ ހަދާފައިވާ މީހުންގެ އަދަދު މާބޮޑަށް އިތުރުވުމާ ގުޅިގެން، މިއަދު ވެކްސިން ޖަހަން ރާވަމުންދާ ފަރާތްތައް މާދަމާގެ ވަގުތަކަށް ބަދަލުކޮށްލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފި އެވެ.

މިހާރު މާލެ ސަރަހައްދުގައި ހަ ވެކްސިނޭޝަން ސެންޓަރެއް ވަނީ ގާއިމުކޮށްފަ އެވެ. އަދި މިއަދު އުމުރުން 55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ވަނީ ފަށައިފަ އެވެ.

އެޗްޕީއޭ އިން ވަނީ ކޮވިޑް19 ވެކްސިން ޕްރޮގުރާމަށް ރައްޔިތުން ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ނަމަވެސް ސޯޝަލް ސެންޓަރުގައި ކިޔޫ ދިގުވެ މީހުން ގިނަވަމުންދާތީ މިއަދު ވެކްސިން ޖަހަން ރާވަމުންދާ ފަރާތްތައް މާދަމާގެ ވަގުތަކަށް ބަދަލުކޮށްލުމަށް އިލްތިމާސްކުރަން،" އެޗްޕީއޭ އިން ބުންޏެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދު 14:30 ގައި ސޯޝަލް ސެންޓަރަށް ވެކްސިން ޖަހަން އަންނަ މީހުންނަށް އެ ސެންޓަރު ވަނީ ބަންދުކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އިއްޔެއާ ހަމައަށް ރާއްޖެއިން 4،269 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އެއީ މާލެ ސަރަހައްދުން 3،573 މީހުން އަދި އަތޮޅުތަކުން 696 މީހުންނެވެ.

ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ހަދިޔާކޮށްފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.

ޗައިނާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފަ އެވެ. އެގައުމުން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް އެވެ.

އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ.

comment ކޮމެންޓް