މަޖިލިސް ރައީސް އެދިވަޑައިގަތީ ހުއްޖަތް ނުހޯދާ އިންތިހާބު ބޭއްވޭނެ ގޮތެއް ހޯދަން

15 ޖޫން 2020: މަޖިލިސް ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާއި ބައްދަލުކުރެއްވުން - ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ލަސްކުރަން ސަބަބާއި ހުއްޖަތް ހޯދުމުގެ ބަދަލުގައި މިހާރު ކަނޑައަޅާފައިވާ ތާރީހުގައި އިންތިހާބު ބާއްވަން މަސައްކަތްކުރުން އެދެވިގެންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19ގެ ހާލަތުގައި އިންތިހާބު ބޭއްވުމަށް އެޗްޕީއޭއިން އެކުލަވާލި އުސޫލުގެ ސަބަބުން އިންތިހާބު ތާރީހަށް ނުބޭއްވި ލަސްކުރަން ޖެހިދާނެތީ އިލެކްޝަންސް ކޮމިޝަނުނ މިހާރު ވަނީ އެކަން މަޖިލީހުގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އިންތިހާބުގެ ހާއްސަ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

ގާނޫނު އިސްލާހުވުމާއެކު، އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިންތިހާބު ބާއްވަން ނިންމައި އިލެކްޝަންސް ކޮމިޝަނުން ވަނީ މަސައްކަތް ފަށައިފަ އެވެ.

ނަމަވެސް އިންތިހާބަށް އެޗްޕީއޭ އިން އެކުލަވާލި ގައިޑްލައިން އާ އެއްގޮތަށް އިންތިހާބު ބާއްވަން ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް އީސީން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުއްޖަތް ދެއްކުމަށްވުރެ، މިހާރު އޮތް ދުވަހަށް އިންތިހާބު ބޭއްވޭނެ އިންތިޒާމުތައް ހަމަޖެއްސުން މާ އެދެވިގެންވާ ކަމަށެވެ.

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ތާއީދު ކުރަނީ މިހާރު އިއުލާނުކޮށްފައިވާ ގޮތަށް، އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ކައުންސިލް އިންތިހާބު ބާއްވަން ކަމަށް، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވެސް ރޭ ވަނީ ވިދާޅުވެފަ އެވެ.

ނިޔާޒު ވިދާޅުވީ އީސީއަށް ހުރި ގޮންޖެހުންތައް މަޖިލިސް މެދުވެރިކޮށް ހައްލުކޮށްދެއްވާނެ ކަމަށާއި، ނަމަވެސް އެމްޑީޕީން މަޖިލީހުގައި ވަކާލާތު ކުރާނީ އޭޕްރީލް 10 ގައި އިންތިހާބު ބާއްވަން ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް ގެނައި އެއްވަނަ އިސްލާހުގައިވާ ގޮތުން، އިންތިހާބު ބާއްވަން ހުރަސްއެޅޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އިންތިހާބު ބާއްވަން ޖެހޭ މުއްދަތު ހަމަވާ ތާރީހުގެ 30 ދުވަސް ކުރިން އިލެކްޝަންސް ކޮމިޝަނުން އެކަން ސަބަބު ބަޔާންކޮށް މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.

މަޖިލީހުން ވަކި ގޮތެއް ނިންމަންދެން އިންތިހާބުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އީސީން ބުންޏެވެ.

މިދިޔަ އަހަރު ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކުރީ، ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނެއް ވުޖޫދުކޮށްގެންނެވެ.

comment ކޮމެންޓް