އދއިން ލީބިޔާގައި ވަގުތީ ރައީސަކާއި ބޮޑުވަޒީރެއް ހޮވައިފި

ލީބިޔާގެ ވަގުތީ އައު ރައީސް އާއި ވަގުތީ އައު ބޮޑުވަޒީރު

ޖެނީވާ (ފެބްރުއަރީ 6): ސިޔާސީ ކޯޅުންތަކާ ގުޅިގެން ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައިވާ އުތުރު އެފްރިކާގެ އަރަބި ގައުމެއް ކަމަށްވާ ލީބިޔާގައި އާ ވަގުތީ ސަރުކާރެއް އދ. ގެ ބެލުމުގެ ދަށުން ހޮވައިފިއެވެ.

މިސަރުކާރުގައި ހިމެނެނީ ވަގުތީ ރިޔާސި މަޖިލީހަކާއި ވަގުތީ ބޮޑުވަޒީރެކެވެ. ކެބިނެޓް މެންބަރުން އައްޔަންކުރާނީ ރިޔާސީ މަޖިލީހުގެ މަޝްވަރާއާއެކު ބޮޑުވަޒީރެވެ. ލިބިޔާގެ އައު ވަގުތީ ސަރުކާރުގެ ރިޔާސީ މަޖިލީހާއި ބޮޑުވަޒީރު ހޮވާފައިވަނީ ލީބިޔާގެ މައްސަލަ ހައްލުކުރުމަށް އދ. ން ކަނޑައަޅާފައިވާ މަންދޫބުގެ ބެލުމުގެ ދަށުން ސުވިޒަލޭންޑްގެ ޖެނީވާގައި ކުރިޔަށް ގެންދާ ލީބިޔާގެ މުސްތަގްބަލާބެހޭ ފޯރަމް އިންނެވެ. މި ފޯރަމްގެ ނަމަކީ "ލީބިޔަން ޕޮލިޓިކަލް ޑައިލޮގް ފޯރަމް (އެލްޕީޑީއެފް)" އެވެ.

ޖެނީވާގައި ކުރިޔަށްދާ ލީބިޔަން ޕޮލިޓިކަލް ޑައިލޮގް ފޯރަމް

ލީބިޔާގައި ކުރިން އޮތް ދެސަރުކާރުގެ ވެރިންނާއި އެދެ ސަރުކާރަށް ސަޕޯޓްކުރާ ލީބިޔާގެ ނުފޫޒުގަދަ ބޭފުޅުންނެވެ. ލީބިޔާގެ މުސްތަގްބަލާބެހޭ ފޯރަމުން ލީބިޔާގެ ވަގުތީ ރިޔާސި މަޖިލީހާއި ވަގުތީ ބޮޑުވަޒީރު ހޮވީ އެފޯރަމްގައި ބައިވެރިވި ލީބިޔާގެ މި ފަރާތްތަކުގެ މެދުގައި ބޭއްވި އިންތިޚާބަކުންނެވެ. ރިޔާސި މަޖިލީހެއް ހޮވުމުގެ އިތުރުން އެ މަޖިލީހުގެ ރައީސްވެސް ހޮވީ މި ފޯރަމްގައި ބޭއްވި އިންތިޚާބުންނެވެ.

ވަގުތީ ރިޔާސީ މަޖިލީހުގެ ރައީސަކަށް ހޮވިވަޑައިގަތީ ވިޔަފާރި ވެރިއެއްކަމަށްވާ މުހައްމަދު ޔޫނުސް މަންފީއެވެ. ބޮޑުވަޒީރަކަށް ހޮވިވަޑައިގެންފައި ވަނީ އަބްދުލްހަމީދު މުޙައްމަދު ދްބައިބާއެވެ. ރިޔާސީ މަޖިލީހުގެ ދެ މެންބަރުންގެ ގޮތުގައި ހޮވިވަޑައިގަތީ މުސާ އަލްކައުނީއާއި ޢަބްދުﷲ ޙުސައިން އައްލާފީއެވެ. މިއާއެކު ލީބިޔާގެ މައްސަލަ ހައްލުވުމުގެ ކޮޅުމަތިމިވަނީ ފެނިފައެވެ. އައު ވަގުތީ ސަރުކާރާއެކު ލިބިޔާގައި މިވަނީ އެއްސަރުކާރު އުފެދިފައެވެ.

2011 ވަނައަހަރު އަވަހާރަކޮށްލި ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލްގައްޒާފި

ލީބިޔާގައި ދެ ސަރުކާރު އުފެދުނީ 2011 ވަނައަހަރު ލީބިއާގެ ޒައީމް ކާނަލް މުޢައްމަރުލް ޤައްޒާފީގެ ވެރިކަން ގަދަބާރުން އޭނާ އަވަހާރަކޮށްލުމަށްފަހު ލީބިޔާގައި ހިނގަމުންދާ ހަމަނުޖެހުމާ ލޭއޮހޮރުވުންތައް ދާޚިލީ ހަނގުރާމައަކަށް ބަދަލުވި ހިސާބުންނެވެ. މި ހަނގުރާމައިގާ ލީބިޔާގެ ހަތަރު ސިޓީއެއްވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެއީ ބެންގާޒީ، ދަރްނާ، ސިރުތު، އަދި މިސްރާތާއެވެ. ލީބިޔާގެ ވަގުތީ ރިޔާސި މަޖިލީހުގެ ރައީސާއި އެމަޖިލީހުގެ މެންބަރުންނާއި ވަގުތީ ބޮޑުވަޒީރު ވަނީ ލީބިޔާގައި އިންތިޚާބެއް ބާއްވައިގެން ލީބިޔާގައި ރައްޔިތުން އިންތިޚާބުކުރާ ޑިމޮކްރެޓިކް ސަރުކާރެއް ގެނައުމަށް އދ. ން އެކުލަވާލާފައިވާ މަގުޗާޓާ އެއްގޮތަށް ކުރިއަށް ދިޔުމަށް އެއްބަސްވެ އެކަމާބެހޭ ލިޔުންތަކުގައި ސޮއިކޮށް ހުވާވެސް ކުރައްވާފައެވެ.

މި ލިޔުންތަކުގައިވާގޮތުން މިއަހަރުގެ ޑިސެންބަރު 24 ގައި ލީބިޔާގައި އިންތިހާބެއް ބާއްވައިގެން އިންތިހާބީ ސަރުކާރެއް ވުޖޫދަށް ގެންނަންޖެހެއެވެ. މިކަން ކޮށް ނިންމުމަށްފަހު އދ. ގެ ބެލުމުގެ ދަށުން އެކުލަވާލި ވަގުތީ ސަރުކާރު މަގާމުން ދުރުވެ އިންތިޚާބީ ސަރުކާރާ ވެރިކަން ހަވާލުކުރަންޖެހޭނެއެވެ.

ގައްޒާފީގެ ވެރިކަން ވައްޓާލުމަށްފަހު ލީބިޔާގެ އުފެދުނު ހަމަނުޖެހުންތަކުގައި އަރަބި އަދި އަރަބި ނޫން ބައެއް ގައުމުތައް ވަރަށް ބޮޑު ދައުރެއް އަދާކުރިއެވެ. އޭގެތެރޭގައި މިސްރު، ޔޫއޭއީ، ސައޫދީ، ގަތަރު، ތުރުކީ، އަދި ފަރަންސޭސިވިލާތާއި އިޓަލީ ހިމެނެއެވެ. މީގެތެރެއިންވެސް ލީބިޔާގެ ވާދަވެރި ހަނގުރާމަވެރި ފަރާތްތަކަށް އެއްކޮޅުން އެހީތެރިވީ މިސްރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އަނެއްކޮޅަށް އެންމެ ބޮޑަށް އެހީތެރިވީ ތުރުކީއާއި ގަތަރުންނެވެ. ލީބިޔާގެ ދާޚިލީ ހަނގުރާމަ ހުއްޓުމަކަށް އައިސް ސުލްހައަށް މަގުފަހިވީ މިސްރާއި ތުރުކީ ލީބިޔާގެ މައްސަލާގައި ސިއްރިއްޔާތުގައި އެއްގަލަކަށް އަރައި ޔޫއެއީއާއި މިސްރުގެ ގުޅުންތަކަށް ލޮޅުން އެރި ހިސާބުންނެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް