މުޒާހަރާގެ ބައިވެރިން ރައީސް ނަޝީދަށް ހަމަލާދޭން އުޅެފައެއް ނުވޭ: އަދުރޭ

ޕިޕީއެމް، ޕީއެންސީން މިއަދު މާލޭގައި ކުރި މުޒާހަރާގެ ތެރެއިން --- ފޮޓޯ/ ޕީޕީއެމް

ސަރުކާރާ އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މިއަދު ކުރިއަށްގެންދިޔަ މުޒާހަރާގައި ރައީސް ނަޝީދަށް ހަމަލާދޭން އުޅުނު ކަމަށް ބުނާ ވާހަކަތައް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދޮގުކުރައްވައިފި އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ކުރި މުޒާހަރާގައި ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެ އެމަނިކުފާނަށް ހަމަލާދޭން އުޅުނުކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލެތް) ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އެ ތުހުމަތުތައް ދޮގުކުރައްވައި "ސަން"އާ ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ މިއަދު ކުރިއަށްގެންދިޔަ ހަރަކާތަކީ ކުރީބައިގައި ރަސްމީކޮށް އިއުލާނުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން--

މުޒާހަރާގެ އެއްވެސް މީހަކު ރައީސް ނަޝީދަށް ހަމަލާދޭން އުޅެފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކަނޑައެޅިގެން ދޮގު ތުހުމަތެއް އެއީ. އޭގެ ބޭނުމަކީ އަޅުގަނޑުމެން ހިންގަމުންދާ ހަރަކާތްތައް ހުއްޓުވާލުމަށް އެހެން ކޮންމެވެސް ވަސީލަތެއްގެ ބޭނުންކުރަން ދުރާލާ ރޭވުމެއްގެ ތެރެއިން ކުރަމުންގެންދާ ކަމެއް. އެއީ ރައީސް ނަޝީދަށް ހަމަލާދޭން ޕީޕީއެމް ޕީއެންސީން އުޅޭކަމުގެ ތުހުމަތު އަޅުވައިގެން ކޮންމެވެސް ކަހަލަ ހަރުކަށި ފިޔަވަޅެއް އެޅުމުގެ ބޭނުމުގައި ކަމަށްވެސް ވެދާނެ،" އަދުރޭ ވިދާޅުވި އެވެ.

ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ވާހަކަ އެންމެ ގަދައަށް ދެއްކި ބަޔަކަށް، އެހެން ބަޔަކު ހިޔާލު ފާޅުކުރަން ފެށުމުން އެކަން ބަލައިނުގަނެވެނީ ކީއްވެތޯ އަދުރޭ ވަނީ ސުވާލު އުފައްދަވާފަ އެވެ.

މީގެ އިތުރުން އެމްޑީޕީއިން މަސައްކަތް ކުރަމުންދަނީ ޕީޕީއެމް، ޕީއެންސީ މެމްބަރުން ފްރޭމް ކުރަން ކަމަށްވެސް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"މި ސަރުކާރު އައި އިރުއްސުރެ ކުރަމުންގެންދާ ކަމަކީ އެއީ. އެންމެ ފުރަތަމަ ކަމަކަށް ރައީސް ޔާމީން އެހެރީ ފްރޭމްކޮށްފައި. ރައީސް ޔާމީނަށް ނުހައްގުން އަނިޔާ ކުރަމުން އެދަނީ. އެއްވެސް ހާލެއްގައި ރައީސް ޔާމީންގެ މައްޗަށް ސާބިތުވާނެ މައްސަލައެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،"

"އޭގެ ފަހުން މިހާރު ހަމަ ފަހަރަކު މީހެއްގެ މައްޗަށް އެކި ތުހުމަތުކޮށްގެން، އެކިއެކި ދައުވާ ކުރުމުގެ މަރުހަލާ ފެށިގެން އެދަނީ. ސަރުކާރާއި އެމްޑީޕީގެ މަގްސަދަކީ ވާދަވެރިންގެ އަޑުކަނޑުވާލައި، ވާދަވެރިންނަށް މިގައުމުގައި ފުރުސަތު ނުދިނުން. ހުދުމުހުތާރު ވެރިކަމަކަށް މަގުފަހިކުރުން."

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މިއަދުވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ މުޒާހަރާ ކޮށްފަ އެވެ.

comment ކޮމެންޓް