އައްޑޫ ޒަމާނީ ސިޓީއަކަށް ބަދަލުކުރަން ފަންޑު އެބަހުރި، ހަ މަސް ދުވަހުގެ ތެރޭގައި މަޝްރޫއުތައް ފެށޭނެ: އަމީރު

އައްޑޫ ސިޓީ ހިތަދޫ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ތަރައްގީކުރަން ރާވާފައި ހުރި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މަޝްރޫއުތައް ފެށޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ އިއްވެވި ރިޔާސީ ބަޔާނާ ގުޅޭ ތަފްސީލީ މައުލޫމާތު ދިނުމަށް ޕީއެސްއެމްއިން ކުރިއަށްގެންދިޔަ ކަވަރޭޖްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އައްޑޫ ޒަމާނީ ސިޓީއަކަށް ބަދަލުކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.

"އައްޑޫ ޒަމާނީ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ މި ސަރުކާރުގެ އެއް އަމާޒު. ފަންޑްސްގެ އެއްވެސް ދަތިކަމެއް ނެތް، ފަންޑު ހަމަޖެހިފައި އޮތީ." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްރަށުގައި މިހާރުވެސް ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ މަޝްރޫއު ފަދަ މަޝްރޫއުތައް އައްޑޫ ސިޓީގައި ވަނީ ނިމިފައި ކަމަށާއި ދެން ހުރީ ބޮޑެތި ބަދަލުތައް ގެނުވާ ފަދަ މަޝްރޫއުތައް ކަމަށެވެ.

"ދެން ހުރީ ޓްރާންސްފޮމޭޝަނަލް، ބޮޑެތި ބަދަލުތަކެއް ގެނެވޭ ކަހަލަ ބޮޑެތި މަޝްރޫއުތައް. މިސާލަކަށް މިހާރު މަސައްކަތް ކުރަމުންދަނީ ރައީސްގެ ރިޔާސީ ބަޔާނުގައިވެސް ފާހަގަކޮށްފި، އައްޑޫ ރޯޑްސް ޕްރޮޖެކްޓުގެ ވާހަކަ. މިހާރު ޓެކްނިކަލް އިވެލުއޭޝަން ނިމި، އޭގެ ފައިނޭންޝަލް އިވެލުއޭޝަނަށް ދާ މަރުހަލާގައި މިއޮތީ. މި މަހުގެ ތެރޭގައި އައްޑޫ ރޯޑްސް ޕްރޮޖެކްޓް އެވޯޑު ކުރެވޭނެ." މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމާއި އައްޑޫ ސިޓީ ބިން ހިއްކުން އަދި އެ ސިޓީގައި ފަތުރުވެރިކަން ފުޅާކުރަން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އައްޑޫ މަގުހަދާ މަޝްރޫއު މި މަހުގެ ތެރޭަގއި އެވޯޑު ކުރަން ތައްޔާރުވަމުންދާއިރު، މިނިސްޓަރު އަމީރު ވިދާޅުވީ ދެން ހުރި މަޝްރޫއުތައް މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެވޯޑުކޮށް، މަސައްކަތް ފެށޭނެ ކަމަށެވެ.

comment ކޮމެންޓް