ތުރުކީގެ ބަޣާވާތުގެ ފަހަތުގައި އޮތީ އެމެރިކާ: ތުރުކީގެ އިންޓީރިއާ މިނިސްޓަރު

ތުރުކީގެ ރައީސް އުރުދުޣާން އާއި އިންޓީރިއާ މިނިސްޓަރު ސުލެއިމާން ސޮއިލޫ -- ފޮޓޯ: ރޮއިޓާސް

އަންކާރާ (ފެބްރުއަރީ 5): ތުރުކީއަށް 2016 ވަނަ އަހަރު ގެންނަން އުޅުނު ބަޣާވާތުގެ ފަހަތުގައި އޮތީ އެމެރިކާ ކަމަށް ތުރުކީގެ އިންޓީރިއާ މިނިސްޓަރު ތުހުމަތު ކުރެއްވި ކަމަށް އެގައުމުގެ ހުއްރިޔެތު ނޫހުން ރިޕޯޓުކޮށްފި އެވެ.

ހުއްރިޔެތު ނޫހުގައިވާ ގޮތުން އިންޓީރިއާ މިނިސްޓަރު ސުލެއިމާން ސޮއިލޫ ވިދާޅުވި ގޮތުގައި ނާކާމިޔާބުވި ބަޣާވާތް ކުރިއަށް ގެންދިޔުމުގެ ކަންތައްތައް ބެލެހެއްޓީ އެެމެރިކާއިންނެވެ. އަދި އެ ބަޣާވާތް ކުރީ އެމެރިކާގައި ދިރިއުޅުއްވާ ތުރުކީގެ ދީނީ އިލްމުވެރިޔާ ފަތުހުﷲ ގުލެން އެވެ.

މީގެ އިތުރުން ޔޫރަޕުންވެސް އެ ބަޣާވާތް ކުރުމަށް ތާއިދު ކުރި ކަމަށް ސޮއިލޫ ވިދާޅުވި ކަމަށް ހުއްރިޔެތު ނޫހުގައިވެ އެވެ.

"ޖުލައި 15 [ބަޣާވާތުގެ] ފަހަތުގައި ވަނީ އެމެރިކާކަން ވަރަށް ސާފު. އެމީހުންގެ އަމުރަށް އެ ބަޣާވާތް ކުރީ ފެޓޯ [ފަތުހުﷲ ޓެރަރިސްޓު އޯގަނައިޒޭޝަން]އިން،" ސޮއިލޫ ވިދާޅުވި އެވެ.

އެ ރިޕޯޓަށް ރައްދު ދެމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަނީ ތުރުކީގައި 2016 ވަނަ އަހަރު ކުރަން އުޅުނު ބަޣާވާތުގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެ، އެގައުމުން ބަޣާވާތް ކުށްވެރި ކުރިކަން ފާހަގަކޮށްފަ އެވެ.

ތުރުކީގެ ސަރުކާރުން ވަނީ 15 ޖުލައި 2016އިގައި އެގައުމަށް ގެންނަން އުޅުނު ބަޣާވާތަށް ޒިންމާ ވަނީ ގުލެން ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. އަދި އެ މައްސަލައިގައި ގުލެން ތުރުކީއާ ހަވާލު ކުރަން އެގައުމުން އެމެރިކާއަށް އެންގި ނަމަވެސް އެމެރިކާއިން ވަނީ އޭނާއާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެފަ އެވެ. އަދި ގުލެން ތުރުކީއާ ހަވާލު ކުރަން ދެކޮޅު ހަދާފަ އެވެ.

ތުރުކީގެ ސިފައިންގެ ބަޔަކު ސަރުކާރު ބަދަލު ކުރަން ކުރި މަސައްކަތުގައި އެގައުމުގެ ހަނގުރާމަ މަތީ ބޯޓުތަކާއި ޓޭންކުތައް ބޭނުންކޮށް، ގައުމުގެ ޕާލިމެންޓަށާއި ސަރުކާރުގެ އިމާރާތްތަކަށް ހަމަލާ ދިނެވެ. އޭގެ ސަބަބުން 250އަށް ވުރެ ގިނަ މީހުން މަރުވެ، 2،000އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.

އެ ބަޣާވާތް ކުރިއަށް ދިޔަ އިރު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ހުންނެވީ ޗުއްޓީ ހޭދަ ކުރައްވަން އެގައުމުގެ ރިޒޯޓު ރަށެއްގަ އެވެ. އަދި ސަރުކާރު ވައްޓާލުމަށް ތާއިދު ނުކުރާ ސަލާމަތީ ބާރުތަކުގެ މެމްބަރުންނާއި ގައުމުގެ ރައްޔިތުން ނުކުމެ އެ ބަޣާވާތް ނާކާމިޔާބު ކުރި އެވެ.

comment ކޮމެންޓް