ޕޮޒިޓިވް ކޭސްތަކެއް ފެނި ހުޅުމީދޫ މޮނިޓަރިންއަށް ލައިފި

އައްޑޫ ސިޓީ، ހުޅުމީދޫ

އައްޑޫ ސިޓީ ހުޅުމީދޫއަށް މަސައްކަތަކަށް ގޮސް ކަރަންޓީނުވެގެން ތިއްބާ މިދިޔަ ހަފްތާގައި ޕޮޒިޓިވްވި ދެ މީހަކާ ކޮންޓެކްޓުވި ހަތަރު މީހަކު މިއަދު ޕޮޒިޓިވްވުމުން އެ ރަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މޮނިޓަރިންއަށް ލައިފި އެވެ.

ހުޅުމީދޫ މޮނިޓަރިންއަށް ލާފައިވާކަން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ، މިއަދު ޕޮޒިޓިވްވި މީހުންނަކީ މިދިޔަ ހަފްތާގައި ހުޅުމީދޫއަށް މަސައްކަތަކަށް ގޮސް ކަރަންޓީނު ނިންމާލައިގެން ނެގި ރިލީސް ސާމްޕަލުން ޕޮޒިޓިވްވި ދެ މީހުންގެ ކޮންޓެކްޓުން ކަމަށެވެ.

މިދިޔަ ހަފްތާގައި ޕޮޒިޓިވްވި މީހުން ކަރަންޓީނުވެ ތިބީ އެ މީހުން މަސައްކަތް ކުރާ ސައިޓުގަ އެވެ.

އެ ސައިޓްގައި ޖުމްލަ 60 މީހުން އެބަ ތިބި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިރޭ ވަނީ ބުނެފަ އެވެ.

އެޗްއީއޯސީއިން ބުނީ މިދިޔަ ހަފްތާގައި ޕޮޒިޓިވްވި ދެ މީހުންނާ ކޮންޓެކްޓެއް ނެތް ކަމަށް އޭރު މައުލޫމާތު ދީފައި ވުމުން އެހެން ބަޔަކު ކަރަންޓީނު ނުކުރާ ކަމަށެވެ.

ނަމަވެސް، މިއަދު ހަތަރު މީހުން ޕޮޒިޓިވްވީ ކޮވިޑް-19ގެ އަލާމާތްތައް ފެނިގެން ނެގި ސާމްޕަލްތަކުން ކަމަށް އެޗްއީއޯސީއިން ބުންޏެވެ.

comment ކޮމެންޓް