މުލީ އެއާޕޯޓުގެ މަސައްކަތް މިމަހު ބަޔަކާ ހަވާލު ކުރަނީ

މ. މުލި --

މ. މުލީގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް މި މަހުގެ ތެރޭ ބަޔަކާ ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައިދެއްވާ ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ލާމަރުކަޒު ކުރުމުގެ ނާރެހަކީ ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުން ކަމަށެވެ.

"މި މަސައްކަތުގެ ދަށުން އަޅުގަނޑުމެން ތަރައްގީކުރި ހއ. ހޯރަފުށީ އެއާޕޯޓު، މިދިޔަ އަހަރު ހުޅުވައި، މިހާރު އަންނަނީ ހިދުމަތް ދެމުން. އަދި މި އަހަރުގެ ތެރޭގައި އިތުރު ފަސް ރަށެއްގައި އެއާޕޯޓް ހެދުމަށް ގަސްތުކުރަން. އޭގެ ތެރެއިން، މ. މުލީގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މިމަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ -- ފޮޓޯ/ މަޖިލިސް

އިތުރު ހަތަރު ރަށުގައި އެއާޕޯޓު ތަރައްގީ ކުރަން ބީލަމަށް ހުޅުވާލާފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ބ. ތުޅާދޫ އާއި ށ. ބިލަތްފަހި އަދި ތ.ވިލިފުއްޓާއި ހދ. މަކުނުދޫގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

https://sun.mv/148385

މުލީގައި އެއާޕޯޓެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. 2019 ވަނަ އަހަރުގެ ބަޖެޓުގައި އަދި 2020 ވަނަ އަހަރުގެ ބަޖެޓުގައިވެސް މުލީ އެއާޕޯޓު މަޝްރޫއު ހިމެނިއެވެ.

މީގެ އިތުރުން ހަލުވިގެ ފެރީގެ ނިޒާމުން އުތުރުގެ ތިން އަތޮޅު ގުޅައިލުމަށް އެމްޓީސީސީ އާއެކު އެއްބަސްވުމެއް އެކުލަވަލާ އެ ކުންފުންޏަ އެ މަސައްކަތް ހަވާލުކޮށްފައިވާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މި ފެރީގެ ނިޒާމުގެ ދަށުން މިއަހަރގެ ނިވެމްބަރު މަހު ދަތުރުތައް ފެށޭނެ ކަމަށް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް