އިންޑިއާގެ އެންމެ ބޮޑު އެއް އޮންލައިން ޓްރެވަލް އެޖެންސީ، މޭކް މައި ޓްރިޕް އާ ގުޅިގެން އިންޑިއާގައި ރާއްޖެ އިޝްތިހާރު ކުރަން ކެމްޕެއިނެއް ފަށައިފިއެވެ.
ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކެމްޕެއިނާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް އިން ބުނީ އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ޓޫރިޒަމް އެސްޓެބްލިޝްމެންޓުތަކުން ކުރިއަށްގެންދާ ޕްރޮމޯޝަންތަކާ ރާއްޖެއިން މި ހާލަތުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ، ރާއްޖޭގެ ރަށްތައް އުފެދިފައިވާގޮތުން މި ހާލަތުގައި ރާއްޖެއަކީ ޓޫރިސްޓުންނަށް ރައްކާތެރި ތަނެއްކަން އަންގައިދިނުމަށް ހަރަކާތްތައް ހިންގައި މައުލޫމާތު ފޯރުކޮށްދޭނެއެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ މޭކް މައި ޓްރިޕަކީ އިންޑިއާގެ އެންމެ ބޮޑު ޓްރެވަލް އެޖެންޓު ކަމަށާއި 42 މިލިއަން ކަސްޓަމަރުންނަށްވުރެ ބޮޑު ކަސްޓަމާ ބޭސްއެއް އެ ކުންފުނީގައި އޮންނައިރު ރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު އެއް މަންޒިލެވެ.
މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުްން އައިސްފައި ވަނީ ވެސް އިންޑިއާ އިންނެވެ. މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި ދެވަނަ މާކެޓަކީ ވެސް އިންޑިއާ އެވެ.
މިދިޔަ އަހަރު އިންޑިއާ އިން ރާއްޖެ އައި ފަތުުރުވެރިންގެ އަދަދަކީ 62،960 އެވެ. މިއަހަރުގެ މިހާތަނަށް އެގައުމުން 19،503 ޓޫރިސްޓިން އައިސްފައިވެއެވެ.
އިންޑިއާގެ ހަތަރު އެއާލައިނަކުން ރާއްޖެއަށް މިހާރުވެސް ދަތުރު ކުރެއެވެ.