މިދިޔަ އަހަރު 16،000އަށް ވުރެ ގިނަ ބިދޭސީން ފުރުވާލި

މެއި 14، 2020: ބާޒާރުމަތީގައި ބިދޭސީއިން މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި އުޅޭ ބިދޭސިންގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ މީހުންނާއި، އަމިއްލައަށް އެދިގެން ގައުމަށް އަނބުރާ ދާން ބޭނުން މީހުންގެ ތެރެއިން މިދިޔަ އަހަރު 16،000 ވުރެ ގިނަ ބިދޭސީން ފޮނުވާލައިފި އެވެ.

އަނބުރާ ގައުމަށް ފޮނުވާލި ބިދޭސީންގެ އަދަދު ހާމަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ބިދޭސީންގެ މައްސަލަ ހައްލުވަންދެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން މީގެކުރިން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން 2020 ވަނަ އަހަރު 20،000 ބިދޭސީން އަނބުރާ ފޮނުވާލުމަށް ސަރުކާރުން އަމާޒުހިފި އެވެ.

ނަމަވެސް އެ އަމާޒު ހާސިލްނުވުމުން، ދެން މަސައްކަތް ކުރީ ޑިސެމްބަރުގެ ނިޔަލަށް 10،000 މީހުން ފޮނުވާލުމަށެވެ.

ރައީސް މިއަދު ވިދާޅުވީ މިދިޔަ އަހަރު ޖުމްލަ 16،775 ބިދޭސީން ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. އެއީ ސައްހަ ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންގެ ތެރެއިން، 8775 މީހަކާއި ލިޔެކިޔުންތައް ހުރި 8000 އަށް ވުރެ ގިނަ ބިދޭސީންނެވެ.

ރައީސް ވިދާޅުވީ އެ އެންމެން ވެސް ފޮނުވާލީ އެމީހުން އަމިއްލައަށް އެދިގެން ކަމަށެވެ. އަދި ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމަށް، ސަރުކާރުން ފެށި ޕްރޮގްރާމްގައި، މިހާތަނަށް 41000 ބިދޭސީއަކު ބައިވެރިވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދު ވިދާޅުވީ އިޖްތިމާއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

"އެފަދަ އެއް ކަމަކީ، އިންސާނީ ވަގުފާރިއަކަށް ވާގޮތަށް، ސައްހަ ލިޔެކިޔުންތައް ނެތި ރާއްޖޭގައި ގެންގުޅެމުން އަންނަ ބިދޭސީންގެ މައްސަލަ. ބަޔަކު ގަސްދުގައި ހިންގާފައި އޮތް މިބޮޑު ޖަރީމާ ތަކުރާރުވިޔަ ނުދިނުމަށް މިއަންނަނީ ފިޔަވަޅުތަކެއް އަޅަމުން،" ރައީސް ވިދާޅުވި އެވެ.

އިންސާނުންގެ ވަގުފާރި ހުއްޓުވުމުގެ ގޮތުން، މިހާރު ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި، ނޭޝަނަލް އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އޭގެ ތެރެއިން އެންޓި-ޓްރެފިކިން އިން ޕާސަންސް އޮފީހެއް ގާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށް ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި އަހަރުވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ 20،000 ބިދޭސީން ފޮނުވާލަން ސަރުކާރުން ވަނީ އަމާޒުހިފައިފަ އެވެ.

comment ކޮމެންޓް