ޑޮލަރުގެ ކަޅު ބާޒާރު ނައްތާލަން ސިޔާސަތުތައް ބަދަލުކުރަނީ

މީހަކު ބޭރު ފައިސާތަކެއް ހިފައިގެން --- ސަން ފައިލް ފޮޓޯ

ރައްޔިތުން ބޭނުންވާ ވަރަށް ދަތިނުވެ ޑޮލަރު ލިބޭނެ ގޮތް ހެދުމަށްޓަކައި، ސިޔާސަތުތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ ކޮވިޑް19ގެ ސަބަބުން ބޭރު ފައިސާގެ އާމްދަނީ ދަށްވެ، އިމްޕޯޓަށް ބޭނުންވާ ޑޮލަރު ހޯދުމުގައި، އާންމުންނަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ދަތިވި ކަމަށެވެ.

އަދި އެކަން ހައްލުކުރުމަށް ބޭންކުތައް މެދުވެރިކޮށް، ފޮރިން އެކްސްޗޭންޖް ބާޒާރަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން، މިދިޔަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން އިތުރުކޮށްދިން ކަމަށެވެ.

އޭގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ވަރަށް ޑޮލަރު ލިބުނު ނަމަވެސް، ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ޑޮލަރު ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އަދިވެސް އެބަހުރިކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީށް ވިދާޅުވީ ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ރާއްޖެއަށް ވަންނަ ބޭރު ފައިސާ، ރާއްޖޭގެ އިގްތިސޯދުގެ ތެރޭގައި ދައުރުކުރުވުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސަރުކާރުން ކުރަންޖެހިފައި އޮތް ކަމެއް ކަމަށެވެ.

"ރައްޔިތުން ބޭނުންވާ ވަރަށް ދަތިނުވެ ޑޮލަރު ލިބޭނެ ގޮތް ހެދުމަށްޓަކައި، ސިޔާސަތުތައް ބަދަލުކުރުމުގެ މަސައްކަތް މިއަންނަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.

ކޮވިޑް19 އާއި ގުޅިގެން އިގްތިސާދަށް ކުރިމަތިވި ދައްޗާއެކު، ޑޮލަރުގެ ދަތިކަން ކުރިމަތިވެ، ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ އެ ބޭންކުގެ ކާޑުތަކުން ބައިނަލްއަގުވާމީ މުއާމަލާތް ކުރެވޭ ލިމިޓް މަހަކަށް 250 ޑޮލަރަށް ބަދަލުކޮށްފަ އެވެ.

comment ކޮމެންޓް