ފުރަތަމަ ފަހަރަށް ރާއްޖެއިން ފަލަސްތީނަށް ސަފީރެއް އައްޔަންކުރަނީ

2021 ވަނަ އަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާ: މި ޖަލްސާގައި ރައީސް ސޯލިހު ރިޔާސީ ބަޔާން ދެއްވާނެ -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

މި އަހަރު ތެރޭގައި، ރާއްޖެއިން ފުރަތަމަ ފަހަރަށް ފަލަސްތީނަށް "ނޮން-ރެސިޑެންޓް" ސަފީރެއް އައްޔަންކުރުމަށް ގަސްދުކުރައްވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހާމަކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ ހާރިޖީ ދާއިރާއިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އެކި ގައުމުތަކާ ރާއްޖެއާ ދެމެދު ހީނަރުވެފައި އޮތް ގުޅުންތައް އަލުން އިއާދަކޮށް ބަދަހިކޮށް އާލާކުރުމަށް ކަމަށެވެ.

އެގޮތުން ރާއްޖޭގެ ހާރިޖީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އިތުރު ގައުމުތަކަށް "ނޮން-ރެސިޑެންޓް" ސަފީރުން ކަނޑައެޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މިގޮތުން ފުރަތަމަ ފަހަރަށް ފަލަސްތީނަށް "ނޮން-ރެސިޑެންޓް" ސަފީރެއް މި އަހަރުގެ ތެރޭގައި އައްޔަންކުރުމަށް އަޅުގަނޑު ގަސްދުދުކުރާ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއާ ފަލަސްތީނާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކޮށްފައި ވަނީ 1988 ވަނަ އަހަރު އެވެ.

ރާއްޖެއާ ފަލަސްތީނާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރާނެ ގޮތްތަކާއި، މިހާރު އޮތް ގުޅުންތައް ވަރުގަދަކުރާނެ ގޮތްތަކާ މެދު ދެ ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އަދި ދިވެހި ރައްޔިތުންނާއި ސަރުކާރު ދެމިއޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމުގެ ޔަގީންކަން، އަބަދުވެސް ދެމުންގެންދެ އެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ދަތިކަމުގައިވެސް، ރަހްމަތްތެރި ގައުމުތަކުންނާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަކީ ހާރިޖީ ގުޅުން މިހާރު ބަދަހިވެފައިވާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށެވެ.

ހާރިޖީ ދާއިރާއިން ރާއްޖޭގެ އެންމެ އިސް ސިޔާސަތަކީ، ރާއްޖެއާ ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ކޮންމެ ކަމެއްގައިވެސް ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުން ކަމަށެވެ.

އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި، ތިމާވެއްޓަށް އަންނަ ބަދަލުތަކުން ރާއްޖެ ރައްކާތެރިކުރުމަކީވެސް ރާއްޖޭގެ ހާރިޖީ ގުޅުންތައް އެމައްޗަށް ބިނާވެފައިވާ ވަރަށް މުހިންމު އަސާސެއް ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް