އިގްތިސާދު އަލުން ކޮޅަށް ޖަހަން ދެ އަހަރު ނަގާނެ: ރައީސް

2021 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ -- ފޮޓޯ/ މަޖިލިސް

ކޮވިޑް19 އާ ދެކޮޅަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ދުވެލި ހުރި ގޮތަށް ބަލާއިރު، ރާއްޖޭގެ އިގްތިސޯދު އަލުން އާރާސްތުކުރުމަށް، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައިދެއްވައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ ކޮވިޑްގެ ސަބަބުން، ނިސްބަތުން އިގްތިސޯދީ އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމަކީ ރާއްޖެ ކަމަށެވެ. އަދި ގައުމުގެ އިގްތިސޯދު އޮތީ ވަރަށް ފުން ވަޅުގަނޑެއްގެ ތެރޭގައިކަން ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑާ ދެކޮޅަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ދުވެއްޔަށް ބަލާއިރު، އިގްތިސޯދު އަލުން އާރާސްތުކުރުމަށް، އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ނަމަވެސް، ވީއެންމެ އަވަހަކަށް ކުރީގެ ހާލަތަށް އެނބުރި ދިއުމަށްޓަކައި، އިގްތިސޯދު ސިންދަފާތުކޮށް، އިގްތިސޯދީ ހަރަކާތްތައް އެތައް ގުނައަކަށް އިތުރުކުރުމަށް، ސަރުކާރުން މިހާރު ވާނީ މަސައްކަތް ފަށާފައި،" ރައީސް ވިދާޅުވި އެވެ.

އެގޮތުން ފަތުރުވެރިކަން އަލުން ކޮޅަށްޖެހުމަށް މަސައްކަތްކުރާއިރު، އެ ސިނާއަތުގެ ފައިދާ ރާއްޖޭގެ އެންމެ އުތުރާ ދެކުނަށްވެސް ލިބޭނެކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެ އަމާޒަށް ވާސިލުވުމަށް، ރަށު ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން، ޓޫރިސްޓް ހޮޓަލާއި ގެސްޓް ހައުސް ހެދުމަށް، ރާއްޖޭގެ އެކި ރަށްރަށުން، މިދިޔަ އަހަރުގެ ފަހުކޮޅު ބިންތަކެއް ބީލަމަށް ހުޅުވާލައިފައިވާނެކަން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ރިސޯޓްތަކުގެ ވަކިވަކި ވިލާތަކާއި ކޮޓަރިތައް، ދިގު މުއްދަތަށް އެހެން ފަރާތްތަކަށް ކުއްޔަށް ދެވޭ ގޮތަށް، ގާނޫނަށް ގެނެސްފައިވާ ބަދަލަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ސިންދަފާތުކުރުމަށް ކުރެވޭ، ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.

އިގްތިސޯދީ ސިނާއަތްތައް ފުޅާކުރާއިރު، އެ ސިނާއަތްތަކަށް ބޭނުންވާ މީހުން ބިނާކުރުމުގެ ގޮތުން، އަހަރަކު މަދުވެގެން 1200 ޒުވާނުން ތަމްރީން ކުރުމުގެ މަސައްކަތް މިހާރުވާނީ ފަށާފައިފަ އެވެ. މި ޕްރޮގްރާމްގެ ދަށުން މިވަގުތުވެސް، ފަތުރުވެރިކަމުގެ ދާއިރާއާއި، އެ ދާއިރާއާ ގުޅުން ހުރި ކޮންސްޓްރަކްޝަން ދާއިރާއާއި، އައިސީޓީ ދާއިރާއިން ޒުވާނުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދު ވިދާޅުވީ ކޮވިޑްގެ ސަބަބުން، ގައުމުގެ ފަތުރުވެރިކަމާއި އިގްތިސޯދީ ހަރަކާތްތައް ހުއްޓިގެން ދިޔައިރުވެސް، ވިންދު ޖަހަޖަހައި އޮތީ ދިވެހި މަސްވެރިކަން ކަމަށެވެ.

ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް، މިދިޔަ އަހަރުވެސް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި މަސް ގަންނަ ކުންފުނިތަކަށް ދީފައި އޮތް އެކްސްކްލޫސިވިޓީ މިދިޔަ އަހަރު އުވާލައި، މަސް ގަތުމުގެ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ފުރުސަތު، މިހާރު އާންމުކޮށް ހުޅުވާލާފައިވާކަން ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ފެލިވަރާއި ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަށް 8200 މެޓްރިކް ޓަނު، އިތުރުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށެވެ. އެމަސައްކަތް ނިމުމުން މިފްކޯއަށް މަސް ގަނެވޭ މިންވަރު ދުވާލަކަށް 61 ޕަސެންޓު އިތުރުވާނެ އެވެ.

އޭގެ އިތުރުން، މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ގދ. ތިނަދޫގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ފެށުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

މިދިޔަ އަހަރަށް މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓްގެ، ޖުމްލަ ހަރަދަކީ، 37.9 ބިލިއަން ރުފިޔާ ކަމަށާއި ނަމަވސް ކޮވިޑްގެ ތެރޭގައި އިގްތިސޯދީ ހަރަކާތްތައް ހުއްޓުމާ ގުޅިގެން، ސަރުކާރުގެ މާލީ ސިޔާސަތު ތަންފީޒުކުރުމުގައި، ހަރަދު ކުޑަކުރުމަށް ވަރަށް ބޮޑަށް އިސްކަންދީފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ހަރަދުތަކާ އެކު، މިދިޔަ އަހަރު ނިމުނުއިރު ހިނގި ޖުމްލަ ހަރަދަކީ 28.5 ބިލިއަން ރުފިޔާ ކަމަށެވެ.

comment ކޮމެންޓް