ރަށަށް ބަދަލުވާން ބޭނުންް ފަރާތްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ބަޔަކު ފުރަން ބަނދަރުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެ އަތޮޅުތެރެއަށް ދިރިއުޅުން ބަދަލު ކުރަން އެދޭ މީހުންނަށް، އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސާވިސަސް އިން ބުނީ ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކުރަން އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އެކަމަށް އެދޭ ފޯމު މެދުވެރިކޮށް، ބަދަލުވާން އެދޭ ރަށެއްގެ ކައުންސިލަށް ހުށަހެޅޭނެ ކަމަށާއި ފޯމު، ޖެންޑާ މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ކޮވިޑުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެ އަތޮޅުތެރެއަށް ދިރިއުޅުން ބަދަލު ކުރަން އެދޭ މީހުންގެ ތެރެއިން ސަރުކާރުން އެހީ ފޯރުކޮށްދޭ މީހުންނަށް މަހަކު 3،000 ރުފިޔާގެ އެލަވެންސެއް ދޭގޮތަށް މިނިސްޓްރީ އިން ވަނީ ނިންމައިފައެވެ.

https://sun.mv/148388

"ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދު" ބުނާގޮތުން އަތޮޅުތެރެއަށް ބަދަލުވުމަށް އެދޭތާ 30 ދުވަހުގެ ތެރޭގައި އެހީ އަށް ޝަރުތު ހަމަވާނަމަ އެކަން ނުވަތަ ނުވާނަމަ އެކަންވެސް މިނިސްޓްރީގެ ފަރާތުން އެހީއަށް އެދޭ ފަރާތަށް އަންގަން ޖެހެއެވެ.

އެހީ އަށް އެދޭ ފަރާތުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރުނުވާ އެއް ކުއްޖަކު އެމީހެއްގެ ބެލުމުގެދަށުގައި ހުރުމާއި އެމީހެއްގެ ދިރިއުޅުން އެހެން ރަށަކަށް، ދިގުމުއްދަތަކަށް ބަދަލުކުރަން ބޭނުންވި ނަަމަވެސް އެކަން ކުރެވޭގޮތް ފަހިވެފައި ނެތުމާއި ބަދަލުވާން ބޭނުންވާ ރަށުގައި ދިރިއުޅޭނެ އިންތިޒާމް ހަމަޖެހިފައިވުން ނުވަތަ އެފަދަ އިންތިޒާމެއް ހަމަޖެއްސޭނެ ފަދަ ގޮތެއް ހުރުން ހިމެނެ އެވެ.

މީގެ އިތުރުން އެ މީހަކީ މާލެ ސަރަހައްދުގައި ދިރިއުޅޭތާ މަދުވެގެން އަހަރެއްވެފައިވާ ދިވެއްސަކަށްވެސް ވާން ޖެހޭނެ ކަމަށާއި ގަވައިދުގެ ދަށުން މާލި އެހީ ދޭނަމަ އެ މީހަކީ ފަގީރުކަމުގެ ހާލަތު ދެނެގަތުމާ ގުޅޭގޮތުން އެންސްޕާ އިން އާންމުކޮށްފައިވާ ގަވައިދު ބުނާ މިންވަރަށްވުރެ މަދުން އާމްދަނީ ލިބޭ މީހަކަށް ވާން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ރަށަށް ބަދަލުވާން 500 އާއިލާއަކަށް އެހީ ދޭނެ ކަމަށާއި އެކަމަށް 26.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށް ޖެންޑާ މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް