ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓެކްސީ އަގުތައް އާންމުކޮށްފި

މާލޭގެ މަގުމަތި --ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލެ ދެވަނަ ފިަޔވައްސަށް ދަތުރުކުރާ ޓެކްސީތަކަށް ޗާޖު ކުރެވޭނެ އަގުތައް އާންމުކޮށްފިއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީ އިން މިއަދު އާންމު ކުރި އިއުލާނުގައިވާގޮތުން މާލެ އާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސެކޭ އެއްގޮތަށް ދެވަނަ ފިޔަވަހީގެ އެތެރޭ ކުރާ ދަތުރުތަކަށް ނެގޭނީ ގިނަވެގެން 25 ރުފިޔާ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފަށާފައިވާއިރު އެ ސަރަހައްދަށް ޓެކްސީ ކުރާނެ އަގު ކަނޑަނާޅާ އޮތުމުން އެ ސަރަހައްދުގައި އުޅޭ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަގުތައް ކަނޑައަޅާ އިއުލާނުކޮށްފައިވާއިރު އިއުލާނުގައިވާގޮތުް މާލެ އާއި ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ ދެމެދު ކުރާ ދަތުރުތަކަށް ނެގޭނީ 90 ރުފިޔާ ކަމަށާއި ދެވަނަ ފިޔަވައްސާ ހުޅުލެ އާއި ދެމެދު ކުރާ ދަތުރުތަކަށް ނެގޭނީ 75 ރުފިޔާ ކަމަށް ބުނެފައި ވެއެވެ.

އަދި ދެވަނަ ފިޔަވައްސާއި ފުރަތަމަ ފިޔަވައްސާ ދެމެދު ކުރާ ދަތުރުތަކަށް ނެގޭނީ 40 ރުފިޔާ ކަމަށް އެ އިއުލާނުގައި ވެއެވެ.

މާލެ ސަރަހައްދުގެ ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަލާއިރު މާލެ އާއި ހުޅުމާލެ ފިޔަވަހި 1 އާއި ދެމެދު ކުރާ ދަތުރުގެ އަގަކީ 75 ރުފިޔާ އެވެ. ހުޅުމާލެ ފިޔަވަހި 1 އާއި ހުޅުލެ އާއި ދެމެދު އަދި މާލެ އާއި ހުޅުލެ އާއި ދެމެދު ކުރާ ޓެކްސީ ދަތުރުގެ އަގަކީ 60 ރުފިޔާ އެވެ.

މާލެ އާއި ހުޅުމާލެ ގުޅާލާ ސިނަމާލެ ބްރިޖު ހުލުވާލުމާއެކު 100 ރުފިޔާ އިން ފެށިގެންގޮސް 200 ރުފިޔާ އާއި ހަމައަށްވެސް ޓެކްސީ ދަތުުރުކުރި އެވެ. އަގުތައް ބޮޑުވެ، ރެގިޔުލޭޓު ނުކުރާ މައްސަލައިގެ ޝަކުވާ ބޮޑުވެފައިވަނިކޮށް އެންމެފަހުން ޓްރާންސްޕޯޓުންވަނީ މި އަގުތައް ކޮންޓްރޯލުކޮށް މާލެ ސަރަހައްދުގައި ޓެކްސީ ކުރެވޭނެ އެންމެ މަތީ އަގުތައް ކަނޑައަޅައި އާންމުކޮށްފަ އެވެ.

comment ކޮމެންޓް