ފާރިސް ހައްޔަރުކުރަން ނެރުނު އަމުރު ރަނގަޅު: ހައިކޯޓު

ޝަރީއަތަކަށް ފާރިސް މައުމޫން ކޯޓަށް ހާޒިރުކުރުމަށް މާލެ ގެނައިސްފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް މެމްބަރުންގެ ސޮއި ހޯދުމަށް އަހްމަދު ފާރިސް މައުމޫން މަޖިލީހުގެ މެންބަރުންނަށް ނުފޫޒުފޯރުވައި ގާނޫނާ ހިލާފަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އޭނާ ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައިކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައި 17 ގައި ކްރިމިނަލް ކޯޓުން ފާރިސް ހައްޔަރުކުރަން އަމުރުކުރީ އޭނާ މުޖުތަމައަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަލައިގެ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި މައްސަލައާ ގުޅުންހުރި ހެކި ފޮރުވާ، ހެކިބަސްދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވައި، ހެކި ނައްތާލުމުގެ ފުރުސަތު ތަނަވަސް ވެގެންދާނެ ކަމެއް ކަމަށް ފެންނާތީ އެވެ.

ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތް ނޫން ކަމަށްބުނެ ފާރިސްގެ ފަރާތުން ވަނީ އެ އަމުރު އިސްތިއުނާފުކޮށްފަ އެވެ.

ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުގެ ހައްޔަރު އަމުރު ނެރުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ރ) އާ ހިލާފުވެފައިވާ ކަމަށެވެ.

އެ މާއްދާގައި ބުނެފައި ވަނީ ރައީސް މަގާމުން ދުރުކުރުމުގެ މައްސަލައެއް ނުވަތަ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ނުވަތަ ފަނޑިޔާރުންނާއި މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މެންބަރުންނާއި މިނިވަން މުސްތަގިއްލު މަގާމުތަކުގައި ތިބޭ މީހުން މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާ ވަގުތެއްގައި އެމައްސަލައާ މެދު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން މެންބަރަކު ހައްޔަރު ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އެ މާއްދާގެ މަގުސަދަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރުކުރުން މަނާކުރުންނޫން ކަމާއި، އެއީ އެ މާއްދާގައި ބަޔާންކުރާ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށާއި، މަޖިލީހުގައި ނެގޭ ވޯޓުތަކުގައި ބައިވެރިނުވެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހިފައި ހައްޔަރުކުރުމަށްފަހު ބަންދުގައި ނުބެހެއްޓުންކަމަށް ބެލެވެން އޮންނަކަމަށެވެ.

އެހެންކަމުން އެ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތުމަކީ ހައްޔަރު އަމުރު ނެރުމަށް މުޠުލަގަށް އޮތް ހުރަހެއް ނޫންކަމަށް ހުކުމްގައިވެ އެވެ.

ހަމައެއާއެކު ފާރިސް ހައްޔަރުކުރަން އަމުރުކުރި އިރު އިންޓެލިޖްންސް ރިޕޯޓް އަދި ސިއްރު ހެއްކެއްގެ ބަޔާން ކޯޓަށް ހުށަހަޅާފައިވާކަމާއި، އެ
ލިޔެކިޔުންތަކަށް ބަލާއިރު ސިއްރު ހެކިވެރިޔާގެ ބަހުން ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބޭ ކަމަށް ދެކޭ ކަމަށް ވެސް ހުކުމްގައިވެ އެވެ.

ހައިކޯޓުން މިއަދު ހުކުމް ކޮށްފައި ވަނީ ފާރިސް ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ބަދަލުގެންނާނެ ތަނެއް ނެތް ކަމަށެވެ. އެގޮތަށް ހުކުމް ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ރިޝްވަތުގެ ތުހުމަތުގައި ހަ މަސް ވަންދެން ފާރިސް ބަންދުކޮށްފައި ބެހެއްޓި އެވެ. އަދި ޝަހުސު އޮޅުވާލި ކަމުގެ ކުށް ސާބިތުވެ، ފާރިސް ހަތަރު މަހަށް ޖަލަށް ލާން ވެސް ހުކުމް ކުރިއެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފައެވެ.

ފާރިސްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާގެ އިތުރުން، ރިޝްވަތުގެ ދައުވާ ވެސް އުފުލިއެވެ. އެހެން ނަމަވެސް ދެ ދައުވާވެސް ވަނީ ފަހުން އަނބުރާ ގެންގޮސްފައެވެ.

comment ކޮމެންޓް