ހުޅުމާލެ ރަށު މާރުކޭޓު ސަރަހައްދުގައި އެމްއައިބީގެ އޭޓީއެމްއެއް ބަހައްޓައިފި

ހުޅުމާލެ ރަށު މާރުކޭޓު ސަރަހައްދުގައި ބެހެއްޓި އެމްއައިބީގެ އީސީއާރުއެމް މެޝިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް އިސްލާމިކް ބޭންކުން ހުޅުމާލޭގައި ޒަމާނީ އޭޓީއެމްއެއް ބަހައްޓައި، ހިދުމަތްދޭން ފަށައިފި އެވެ.

ހުޅުމާލޭ ރަށު މާރުކޭޓު ސަރަހައްދުގައި ބަހައްޓާފައި ވަނީ އީސީއާރުއެމް އޭޓީއެމްއެކެވެ. މާނައަކީ ކޭޝް ކާޑަކާ ނުލައި ވެސް އެ އޭޓީއެމްއަށް ފައިސާ ޖަމާކުރެވޭނެ އެވެ.

މިއަދު ބޭއްވި ހަފްލާގައި އެމްއައިބީގެ ސީއޯއޯ އަހްމަދު ރިޒާ ވިދާޅުވީ މިފަދަ އިތުރު އީސީއާރުއެމް މެޝިންތައް މި އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓަން ރާވާފައިވާ ކަމަށެވެ.

"މި އަހަރު އަޅުގަނޑުމެން ގަސްތުކުރަނީ މީގެ 10 ވަރަކަށް މެޝިން ރާއްޖޭގެ އެކި ހިސާބުތަކުގައި ބަހައްޓަން. މިހާރު ވެސް އެބަހުރި މެޝިންތައް. ޖާގަ ލިބޭ ވަރަކުން ބަހައްޓަމުން މިދަނީ." އޭނާ ވިދާޅުވި އެވެ.

ރަށު މާރުކޭޓު ސަރަހައްދުގައި ހުޅުވި އީސީއާރުއެމް މެޝިނުން ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމުގެ އިތުރުން ޗެކު ޖަމާ ކުރުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ.

އެ މެޝިނުން ކާޑާ ނުލައި ފައިސާ ޖަމާ ކުރެވުނު ނަމަވެސް، ފައިސާ ނުނެގޭނެ އެވެ.

މިއަދު ހުޅުވި އޭޓީއެމްއަކީ ހުޅުމާލޭގެ ދެވަނަ އަދި އެމްއައިބީގެ 19 ވަނަ އޭޓީއެމް އެވެ.

comment ކޮމެންޓް