ދަ ގްރާންޑޭ ކޮޅަށް ފަސް ގޯލު ޖަހައި މާޒިޔާ ލީޑު ފުޅާކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ދަ ގްރާންޑޭ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ ކުރި ހޯދީ 0-5 ގެ ބޮޑު ނަތީޖާއަކުން --- ސަން ފޮޓޯ/ފަޔާޒް މޫސާ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ދަ ގްރާންޑޭ ކޮޅަށް ގޯލު ފުންޏެއް ޖަހައި މާޒިޔާއިން ލީގުގައި ބަލިނުވުމުގެ ރެކޯޑަށް އިތުރު ބޮޅެއް އިތުރުކޮށް، އެއްވަނައިގެ ލީޑު ފުޅާ ކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން މާޒިޔާ މޮޅުވީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު މާޒިޔާއިން އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގައި އޮތް ކުލަބު ވެލެންސިއާ އާއި ތިންވަނައިގައި އޮތް ދަ ގްރާންޑޭއަށް ނުވަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ދަ ގްރާންޑޭ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ ކުރި ހޯދީ 0-5 ގެ ބޮޑު ނަތީޖާއަކުން --- ސަން ފޮޓޯ/ފަޔާޒް މޫސާ

ލީގުގެ ފުރަތަމަ ބުރުގައި ދަ ގްރާންޑޭއިން ފަހަތުން އަރައި މާޒިޔާ ކޮޅަށް ޖެހި ދެ ގޯލާ އެކު އެ މެޗު އެއްވަރުކޮށް؛ި ނަމަވެސް ރޭގެ މެޗުގައި ފެނުނީ ތަފާތު މަންޒަރެކެވެ. މެޗު ފަށައިގެން ނިމެންދެން ވެސް މާޒިޔާއިން މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު އިރު، އެ ޓީމުން ވަނީ ރޭގެ މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އުފައްދައިފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ނުވަ ވަނަ މިނެޓުގައި ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ހަމްޕު އަށް ލިބުނު ބޯޅަ ފޮނުވާލުމުން ގޯލަށް ވަނީ ކީޕަރު އަތުގައި ޖެހިފަ އެވެ. މާޒިޔާގެ ދެ ވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. މާޒިޔާގެ ތިން ވަނަ ގޯލު އޭގެ ހަތް މިނެޓުފަހުން ކާމިޔާބުކުރީ ހަމްޕު އެވެ.

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ދަ ގްރާންޑޭ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ ކުރި ހޯދީ 0-5 ގެ ބޮޑު ނަތީޖާއަކުން --- ސަން ފޮޓޯ/ފަޔާޒް މޫސާ

ފުރަތަމަ ހާފުގައި ތިން ގޯލުގެ ލީޑެއް ނަގައިދިން މާޒިޔާ އުންމީދާ އެކު ކުޅެމުން ދިޔައިރު، ދެވަނަ ހާފުގައި މާޒިޔާގެ ހަތަރު ވަނަ ގޯލު ޖަހައިދިނީ ހުސެއިން ނިހާން (ނިހާޓް) އެވެ. އޭރިއާތެރެއިން ލިބުނު ބޯޅަ ނިހާޓް ވަނީ ފަސޭހައިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ 10 މިނިޓް ފަހުން ކޯނޭ ވަނީ ދަ ގްރާންޑޭ ޑިފެންޑަރުންނާއި ކީޕަރު އިޔާނަށް ލިބުމުގެ ކުރިން ބޯޅަ ހޯދައި މާޒިޔާ އަށް ފަސް ވަނަ ގޯލެއް ޖަހައިދީފަ އެވެ.

ރޭގެ މޮޅާ އެކު މާޒިޔާއިން ވަނީ މިފަހަރުގެ ލީގުގައި ބަލިނުވެ ނުވަ މެޗު ހަމަކޮށްފަ އެވެ. އެ ޓީމުން މި ސީޒަނުގައި މިހާތަނަށް ބަލިވީ ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުން އެކަންޏެވެ. އެ މެޗުގައި މާޒިޔާއިން ދެ ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި އީގަލްސް މޮޅުވީ 2-3 ގެ ނަތީޖާއަކުންނެވެ.

comment ކޮމެންޓް