މި ދައުރު ނިމެންދެން ރައީސް ޔާމީންގެ ތަހުގީގުތައް ސިލްސިލާކޮށް ހިންގާނެ: ޑރ. ޖަމީލު

ޖޫން 25، 2020: ރައީސް ޔާމީންގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ރިޔާސީ ދައުރު ނިމެންދެން ސިލްސިލާކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތަހުގީގުތައް ހިންގަމުންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނުގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

މިއަދު 13:00 އަށް ރައީސް ޔާމީން ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އެކަމާ ގުޅޭ ގޮތުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޑރ. ޖަމީލު ވިދާޅުވީ، ރައީސް ޔާމީން ހާޒިރު ކުރީ ކުރިންވެސް ތަހުގީގު ކުރަމުން ދިޔަ މައްސަލައަކާ ގުޅިގެން ކަމަށާއި، އާ މައްސަލައަކާ ގުޅިގެން ނޫން ކަމަށެވެ.

އަދި ކުރިއަށް އޮތްތަނުގައިވެސް އެމަނިކުފާނުގެ މައްސަލަތައް ސިލްސިލާ ގޮތެއްގައި ބަލަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެެވެ. ސަރުކާރު ޕްރެޝަރަށް ވެއްޓޭ ކޮންމެ ފަހަރަކު ތަހުގީގެއް ހިންގާނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ކުރެވޭނީ ކިތައް ތަހުގީގުތޯ ތެދަށް ދަންނަވަންޏާ ނޭނގެ. ނޭނގެއޭ މި ދަންނަވަނީ، އަޅުގަނޑުމެން ގަބޫލު މި ކުރަނީ 2023 އަންނަންދެން ސިލްސިލާ ގޮތެއްގައި ތަހުގީގުތަކެއް އަންނާނެ ކަމަށް. އެކަމަށް ތައްޔާރުވެގެން މި ތިބީ،" ޑރ. ޖަމީލު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް މިހާރު ތަހުގީތައް ހިންގުމުގެ ބޭނުމަކީ ތުހުމަތުތަކުން ދިފާއުވުމުގެ ހައްގުން އެމަނިކުފާނު މަހުރޫމު ކުރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމަނިކުފާނުގެ މަނީ ލޯންޑަރިންގެ މައްސަލަ ސުޕްރީމް ކޯޓު މަރުހަލާއަށް ގެންދަން ތައްޔާރުވެފައިވާއިރު، އަދި ދަށު ކޯޓުގައި އެހެން މައްސަލަތަކެއް ކުރިއަށްދާއިރު، ތަހުގީގުތައް ހިންގުމުން، އެ މައްސަލަތަކުން ދިފާއުވާން އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން، އެއް ފަރުދެއްގެ މައްޗަށް ތަކުރާރު ގޮތެއްގައި މަތީ މަރުހަލާ ކޯޓާއި ދަށު ކޯޓާއި އަދި އެއާއެކުއެކީގައި ޖިނާއީ އަދުލުގެ ނިޒާމުގައި ފުލުހުންގެ ފަރާތުން ތަހުގީގުތަކެއް ކުރިއަށްގެންދާ ކަމަށް ވަންޏާ ދެން އެ މީހަކަށް އެކަަށީގެންވާ ފުރުސަތާއި އެ މީހަކަށް ތައްޔާރުވުމަށް އެކަށީގެންވާ ފުރުސަތު ނޯންނާނެ ކަމީ އެންމެ އާދައިގެ އިންސާނަކަށްވެސް ވިސްނޭނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" ޑރ. ޖަމީލު ވިދާޅުވި އެވެ.

ޑރ. ޖަމީލު އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގު ކުރުމުގެ ނިޔަތެއް ނެތް ކަމަށާއި، ބޭނުމަކީ ރައީސް ޔާމީނަކީ އިދިކޮޅު ލީޑަރަށްވާތީ، އެމަނިކުފާނަށް ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެ ގޮތް ހެދުން ކަމަށެވެ.

ފުލުހުން މިއަދު "ސަން"އަށް ވިދާޅުވީ، ރައީސް ޔާމީން މިއަދު ހާޒިރުކޮށްފައި ވަނީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އިތުރު ރަށެއް ދޫކުރި މުއާމަލާތެއްގެ ތަހުގީގަކާ ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ. ނަމަވެސް، އެމަނިކުފާނާ މިއަދު ސުވާލު ކުރީ ކޮން ރަށެއްގެ މުއާމަލާތަކާ ގުޅިގެން ކަމެއް އަދި ނޭނގެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަގައި ދޫކުރި ދެ ރަށެއްގެ މުއާމަލާތްތަކާ ގުޅިގެން މީގެ ކުރިން ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެއީ ގއ. ވޮޑަމުލާ ދޫކުރި މުއާމަލާތާއި ރ. ފުއްގިރި ދޫކުރި މުއާމަލާތެވެ.

ފުއްގިރީގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތުގެ ދައުވާގެ މައްސަލަ މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެ އެވެ. ވޮޑަމުލާ ދޫކޮށްގެންގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރުގެ މައްސަލައާ ގުޅިގެން އެމަނިކުފާނު މިހާރު ހުންނެވީ ފަސް އަހަރަށް ޖަަލަށް ލާފަ އެވެ. އަދި އެ މައްސަލައިގެ ހުކުމުގައި އެމަނިކުފާނު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައިވެ އެވެ.

comment ކޮމެންޓް