ޓީސީ ބަލިކޮށް ވެލެންސިއާ އަލުން ދެވަނައަށް

ޓީސީ ކޮޅަށް ގޯލު ޖެހުމަށްފަހު ވެލެންސިޔާގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ސަން ފޮޓޯ//ފަޔާޒް މޫސާ

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ މެޗު ވީކް ދޭއްގައި މިއަދު ޓީސީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ވެލެންސިއާ ތާވަލުގެ ދެވަނައަށް ޖެހިލައިފި އެވެ.

މިއަދު ހަވީރު ކުޅުނު އެ މެޗުން ޓީސީގެ މައްޗަށް ވެލެންސިއާ ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ވެލެންސިއާ ދެވަނައަށް އެރީ ކުޅުނު ނުވަ މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ވެލެންސިއާގެ ފަހަތުން ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ދެ ވަނައިގައި އޮތީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. އެ ޓީމު މިރޭ މާޒިޔާ އަތުން މޮޅުވެއްޖެ ނަމަ ނުވަތަ އެއްވަރު ވިޔަސް ދެވަނައަށް އަރާނެ އެވެ.

ޓީސީގެ ކުރީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އިސްތިއުފާ ދިނުމާ ގުޅިގެން އެ ޓީމާ އަލަށް ހަވާލުވި މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ ކޯޗުކަމުގައި އެ ޓީމުން މިއަދު ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން ޓީމުގެ މުހިއްމު ތިން ކުޅުންތެރިން މިވަގުޔު ކަރަންޓީނުގައި ތިބުމުން މެޗުގައި ކުޅެފައެއް ނުވެ އެވެ. އެއީ މެދު ތެރެއަށް ކުޅެމުން އަންނަ އަހުމަދު ރިލްވާން (ބެން) އަދި އިބްރާހިމް އަތީގް ގެ އިތުރުން އަލީ ޝާމިސް (ތޮއްޕެ) އެވެ.

ޓީސީއާއި ވެލެންސިއާ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗުން ވެލެންސިއާ މޮޅުވީ 0-2 ގެ ނަތީޖާއަކުން ---- ސަން ފޮޓޯ/ފަޔާޒް މޫސާ

ނިޒާމްބެ މެޗަށްފަހު ބުނީ މުހިއްމު ކުޅުންތެރިންތަކެއް ނުލައި މެޗު ކުޅެން ޖެހުމުން އުނދަގޫތަކެއް ކުރިމަތިވިކަމަށާއި، މެޗުގައި ކުޅުންތެރިން ދެއްކި ހިތްވަރާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށެވެ. އެހެން ނަމަވެސް މި ނަތީޖާ އަކީ އެންމެ ހިތްހަމަ ޖެހޭ ނަތީޖާ ނޫން ކަމަށާއި، ވެލެންސިއާ ކުޅުންތެރިންގެ ތަޖުރިބާ މެޗުގައި ފެނިގެން ދިޔަ ކަމަށެވެ.

މިއަދުގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު، އެ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ) އަށެވެ. ޓީސީއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް އެ ހާފުގައި ތަނަވަސްވެފައި ނުވާ އިރު ދެވަނަ ހާފުގެ ކުރީކޮޅު މެލްކޮމް ކަސިއުސް ސްޓެވާޓް އޭރިޔާ ތެރެއަށް ވަނުމަށް ފަހު މެލްކޮމް ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯކުގެ އަރިމަތީ ދަނޑިއަށެވެ.

އެ ހާފުގައި ވެލެންސިއާއަށް ލީޑު ނަގައިދިނީ ސެންޓޭ އެވެ. މެޗުގެ 57 ވަނަ މިނެޓުގައި ޖެހީ ސެންޓޭ އޭރިޔާ ބޭރުން ލިބުނު ބޯޅަ ސެންޓޭ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ. މި ގޯލާ އެކު މެޗުގެ އޮއެވަރު ބަދަލުވެގެން ދިޔައިރު، ވެލެންސިއާއިން ވަނީ މެޗު ނިމެން ދިޔަ އިރު ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ.

ލެންސިއާގެ ދެ ވަނަ ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އަހުމަދު އިމާޒް (އާއްކޮ) އެވެ. އޭރިޔާ ތެރެއިން އާއްކޮ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޓީސީގެ ކުޅުންތެރިއެއް ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ.

މިއަދުގެ މެޗުން ހޯދި ތިން ޕޮއިންޓާ އެކު ލީގުގައި ކުރިއަށް ދިއުމަށް ވެލެންސިޔާއަށް ފުރުސަތު ތަނަވަސްވި ނަމަވެސް އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގަށް މެޗުގައި އަނިޔާވެގެން ވަނީ ބަދަލު ކުރަން ޖެހިފަ އެވެ.

ޓީސީގެ ކީޕަރާ އެކު ބޯޅަ ހޯދަން އެރިވަގުތު ދަގަނޑޭ އަށް އަނިޔާވެގެން ބޭލީ 67 ވަނަ މިނެޓުގަ އެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސެންޓޭ އެވެ.

comment ކޮމެންޓް