ރައީސް ޔާމީން ހާޒިރު ކުރީ އެމްއެމްޕީއާރްސީން ދޫކުރި އެހެން ރަށެއްގެ މައްސަލައިގައި

މިއަދު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ފުލުހަށް ހާޒިރު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް މިއަދު ފުލުހަށް ހާޒިރު ކުރީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރި އެހެން ރަށެއްގެ މައްސަލައިގެ ތަހުގީގަށް ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު މެންދުރު 13:00އަށް ރައީސް ޔާމީން ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. އެމަނިކުފާނުގެ ވަކީލުންގެ ޓީމުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެމަނިކުފާނު ހާޒިރު ކުރަނީ މީގެ ކުރިން ސުވާލު ކުރި މައްސަލައެއްގައި ބަޔާން ނެގުމަށް ކަމަށެވެ. އަދި އެއީ އާ މައްސަލައަކާ ގުޅިގެން ނޫން ކަމަށެވެ.

ނަމަވެސް ފުލުހުން މިއަދު "ސަން"އަށް ވިދާޅުވީ، ރައީސް ޔާމީން މިއަދު ހާޒިރުކޮށްފައި ވަނީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އިތުރު ރަށެއް ދޫކުރި މުއާމަލާތަކާ ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.

ނަމަވެސް، އެމަނިކުފާނާ މިއަދު ސުވާލު ކުރީ ކޮން ރަށެއްގެ މުއާމަލާތަކާ ގުޅިގެން ކަމެއް އަދި ނޭނގެ އެވެ.

އެނގިފައިވާ ގޮތުގައި މިއަދު އެ މައްސަލައިގައި ރައީސް ޔާމީނާ ސުވާލު ކުރި ނަމަވެސް، އެމަނިކުފާނު ބަޔާނުގައި ސޮއި ކުރައްވާފައި ނުވެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަގައި ދޫކުރި ދެ ރަށެއްގެ މުއާމަލާތްތަކާ ގުޅިގެން މީގެ ކުރިން ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެއީ ގއ. ވޮޑަމުލާ ދޫކުރި މުއާމަލާތާއި ރ. ފުއްގިރި ދޫކުރި ދޫކުރި މުއާމަލާތެވެ.

ފުއްގިރީގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތުގެ ދައުވާގެ މައްސަލަ މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެ އެވެ.

ވޮޑަމުލާ ދޫކޮށްގެންގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރުގެ މައްސަލައާ ގުޅިގެން އެމަނިކުފާނު މިހާރު ހުންނެވީ ފަސް އަހަރަށް ޖަަލަށް ލާފަ އެވެ. އަދި އެ މައްސަލައިގެ ހުކުމުގައި އެމަނިކުފާނު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައިވެ އެވެ.

comment ކޮމެންޓް