ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުން ފެށުނީއްސުރެ ކުރާ ޝަކުވާއަކީ އެ މީހުންނަށް ސާވިސްޗާޖުގެ ގޮތުގައި ލިބޭ އެތިކޮޅު ކުޑަވުމެވެ. މި ޝަކުވާއަށް ނިމުމެއް ނައިސް ދިގު ދެމިގެންދާތާ މިހާރު އެތައް ޒަމާނެއް ވެއްޖެ އެވެ. ރިސޯޓް މުވައްޒަފުންގެ މި ކަންބޮޑުވުންތަކަށް ނިމުމެއް ގެންނަން ވަޒީފާއާ ބެހޭ ގާނޫނަށް މިފަހުން ގެނައި އިސްލާހަކީ ޓޫރިޒަމް ސިނާއަތުގައި ދޭ ކޮންމެ ހިދުމަތަކުން 10 ޕަސެންޓުގެ ސާވިސް ޗާޖެއް ނެގުމަށް މަޖުބޫރު ކުރުވުމެވެ. އަދި އެ ގޮތަށް ނެގޭ ފައިސާ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަޔަށް ބަހަން ގާނޫނުން ލާޒިމްކުރީ އެވެ.
މި ބަދަލުތަކާ އެކު ސާވިސް ޗާޖާ މެދު މުވައްޒަފުން ކުރާ ޝަކުވާއަށް ނިމުމެއް އަންނާނެ ކަމަށް ބެލެވުނެވެ. އެކަމަކު އެ އިސްލާހުތަކަށް އަމަލު ކުރަން ފެށިތާ އަދި މަހެއްހާ ދުވަސްވީއިރު އެ ޝަކުވާތަކަށް ނިމުމެއް އައުމުގެ ކޮޅުމައްޗެއް އަދި ނުފެނެ އެވެ. މިހާރު އާ ޝަކުވާތަކެއް އުފަން ވެއްޖެ އެވެ.
ރިސޯޓު މުވައްޒަފުންގެ ޝަކުވާ އަކީ ސާވިސް ޗާޖު ދިނުމުގައި ގެންގުޅޭ އުސޫލުގެ ދޯހަޅިކަމުގެ ވާހަކަ އެވެ. މުވައްޒަފުންނަށް ހައްގު މިންވަރު ސާވިސް ޗާޖުގެ ގޮތުގައި ނުދޭ ވާހަކަ އެވެ. މިފަހަރުގެ ޝަކުވާ މި އަންނަނީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް އެންމެ ފުރަތަމަ މަރުހަބާ ކިޔާ އެއާޕޯޓު ރެޕުންގެ ފަރާތުންނެވެ. އެ މީހުން ގާނޫނުގެ މަޖުބޫރާ އެކު ސާވިސްޗާޖުން އެ މީހުން "ބާކީ" ވެއްޖެ ކަމަށެވެ.
"ރާއްޖެ އަންނަ ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ފުރަތަމަ އިމްޕްރެޝަނެއްގެ ގޮތުގައިވެސް، ގެސްޓުން ފުރާއިރު ވަދާއު ކިޔަންވެސް މިތިބެނީ އަހަރެމެން. ދުވާލަކު 10-12 ގަޑިއިރު މަސައްކަތުގައި ހޭދަކުރަން. އެކަމަކު ސާވިސްޗާޖުގެ ގޮތުގައި އަހަރެމެންނަށް އެއްވެސް އެއްޗެއް ނުލިބޭ،" މިއީ ގިނަ ރިސޯޓުތަކެއް ހިންގާ ދިވެހި ކުންފުންގެ އެއާޕޯޓު ރެޕެއްގެ ގޮތުގައި މަސައްކަތްކުރާ މީހެއްގެެ ޝަކުވާ އެވެ.
ދުވާލަކު މަދުވެގެން 10-12 ގަޑިއިރު އެއާޕޯޓު ރެޕުން އެމީހުން މަސައްކަތުގައި ހޭދަކުރާއިރު ބުރަ ދުވަހެއްނަމަ ކާނެ ވަގުތެއްވެސް ނުލިބެ އެވެ.

އެއާޕޯޓު ރެޕުން މަސައްކަތުގައި -- ސަން ފޮޓޯ: އިބްރާހިމް އިފާޒް
ރެޕުން ބުނާ ގޮތުގައި އާންމުކޮށް ހެނދުނު ފަހެއް ޖަހާއިރު އެމީހުންގެ ދުވަހުގެ މަސައްކަތް ފަށަ އެވެ. މަސައްކަތް ނިންމާ އާއިލާ ކައިރިއަށް، ގެއަށް ދެވޭއިރު އޮންނަނީ އިރުއޮއްސި އަނދިރިވެފަ އެވެ. ބައެއްފަހަރު އެއަށްވުރެވެސް އޮންނަނީ ލަސްވެފަ އެވެ.
ނަމަވެސް ބައެއް ރިސޯޓުތަކުން ގަބޫލު ކުރަނީ ގާނޫނުގެ ބަދަލާ އެކު ސާވިސްޗާޖު ބަހަން ޖެހެނީ އެ އެޝްޓެބްލިޝްމަންޓެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގަ އެވެ. ރެޕުންނަކީ ވަކި އެޝްޓެބްލިޝްމަންޓެއްގައި މަސައްކަތް ކުރާ ބައެއް ނޫނެވެ. އެހެންވެ، އެ މީހުން ސާވިސްޗާޖުން ބާކީ ކޮށްލަނީ އެވެ. ނޫނީ ގާނޫނު އޮތް ގޮތުން ވާކީވީ އެވެ.
"އަހަރެމެންނަށާ [އެއާޕޯޓު ރެޕުން] ރިސޯޓުގެ މާލެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއްވެސް އިރަކު ސާވިސް ޗާޖެއް ނުދޭ. ދުވާލަކު މަދުވެގެން 10 ގަޑިއިރު މަސައްކަތްކުރަން އެބަޖެހޭ. ހެނދުނު އަންނަގޮތަށް މިއުޅެނީ ގިނަ ފަހަރު އިރުއޮއްސެންދެން. ޓޫރިސްޓުންނަށް މަރުހަބާ ކިޔާ އެންމެ ފުރަތަމަ ބައްދަލު މިކުރަނީ ވެސް އަހަރެމެން. އެމީހުން ފުރުވާލުމުގެ ކަންތައް މިކުރަނީ އަހަރެމެން. އެކަމަކު އެ ސާވިސްޗާޖުގެ ގޮތުގައި ޓޫރިސްޓުން ދައްކާ އެއްޗަކުން އަހަރެމެންނަށް ލިބޭ އެއްޗެއް ނެތް،" އޭނާ މަސައްކަތްކުރާ ކުންފުނިން އަމަލުކުރާގޮތް ކިޔައިދެމުން ކުރިން ވާހަކަދެއްކި ފަރާތުން ބުންޏެވެ.

އެއާޕޯޓު ރެޕުން މަސައްކަތުގައި -- ސަން ފޮޓޯ: އިބްރާހިމް އިފާޒް
އެއާޕޯޓު ރެޕުންނަށް ސާވިސްޗާޖު ނުދޭ ބައެއް ކުންފުނިތަކުން އަމަލުކުރާ ގޮތަކީ، ސީދާ ރިސޯޓު މުވައްޒަފުންގެ ގޮތުގައި ރެޕުން ގެންގުޅުމުގެ ބަދަލުގައި އެހެން ކުންފުންޏެއްގެ ދަށުން އެމީހުން ރެކްރޫޓުކުރުމެވެ. މިހެން ހެދުމުން ރިސޯޓުން ލިބޭ ސާވިސްޗާޖު ބަހާއިރު އެ މުވައްޒަފުން އޭގެ ތެރޭގައި ހިމަނާކަށް ނުޖެހެ އެވެ.
އެއާޕޯޓުގައި މަސައްކަތްކުރާ ދިވެހި އެހެން ކުންފުންޏެއްގެ ރެޕަކު ބުނިގޮތުންނަމަ، އޭނާގެ ކުންފުނިން މުވައްޒަފުންނަށް ދޭންޖެހޭ ސާވިސްޗާޖު ތަފާތު ކުރުމެއްނެތި ދެ އެވެ.
"އަހަރެމެން ރިސޯޓުން 10 ޕަސެންޓު އެކީ އެމްޕްލޯއީސް އަށްދޭ. އެއާޕޯޓު މުވައްޒަފުންނާއެކީ. މަސް ނިމިގެން މުސާރައާއެކު އަހަރެމެންނަށްވެސް އޭތި ޖަމާވޭ. ޖެނުއަރީ ނިމުނުއިރު މުސާރައާއެކީ މިފަހަރުވެސް ހަމަ 10 ޕަސެންޓު ލިބުނު،" އޭނާ ބުންޏެވެ.
އެއާޕޯޓު ރެޕުންނަށް ސާވިސްޗާޖު ދިނުމާ ގުޅޭގޮތުން ވާހަކަ ދެއްކި އެހެންމީހަކު ބުނީ، ބައެއް ކުންފުނިތަކުން އެއާޕޯޓު ރެޕުންނަށް ސާވިސްޗާޖުދޭއިރު، އެކުންފުނިން ހިންގާ ހުރިހާ ރިސޯޓަކުންވެސް އެ ފައިސާ މުވައްޒަފުންނަށް ދެއެވެ.
"މިސާލަކަށް [ނަން ކަނޑާލާފައި] ކުންފުނި. އެމީހުން ހިންގާ ތިން ރިސޯޓުން ލިބޭ ސާވިސްޗާޖު އެއާޕޯޓު ރެޕުންނަށް ދޭނެ ފުލްކޮށް. ތިން ރިސޯޓުންވެސް ދޭނެެ. އެވެސް ދިވެހި ކުންފުންޏެއް. ބައެއް ދިވެހި ކުންފުނިތަކުން އެބައުޅޭ އެއްވެސް ވަރަކަށް ސާވިސްޗާޖު ނުދޭ ކުންފުނިތައް އެއާޕޯޓު ރެޕުންނަށް. އެމީހުން ހަދާފަ އިންނަގޮތަކީ ހެޑް އޮފީހުގެ ދަށުން ނޫނީ ވަކިން ކޮމްޕެނީއެއްގެ ދަށުން މުައްޒަފުން ރެކްރޫޓު ކުރަނީ. އަދި އެބައުޅޭ ސާވިސްޗާޖު ނުދޭންވެގެން ތަންކޮޅެއް މުސާރަ ބޮޑުކޮށް ދޭ ކުންފުނިތައްވެސް. މިސާލަކަށް މުސާރައަށް 20،000 ރުފިޔާ. އެއާޕޯޓު ރެޕަކަށް އެއީ ރަނގަޅު މުސާރައެއް،" އޭނާ ބުންޏެވެ.
"ކޮވިޑާ ހެދި ބައެއް ކުންފުނިތަކުން މުވައްޒަފުންގެ މުސާރަތައް ހުރީ ކުޑަވެސް ކޮށްފައި، މިހާލަތުގައި މުސާރަކުޑަކޮށް، އަނެއްކާ އެމީހުންނަށް ސާވިސް ޗާޖުވެސް ނުދޭ މައްސަލައަށް ކަންބޮޑުވަނީ. ހަޔެއްކަ އަށެއްކަ ރިސޯޓުގެ ކަންތައް ބަލަން އެބަތިބޭ ބައެއް ކުންފުނިތަކުން އެންމެ 10 ވަރަކަށް މުވައްޒަފުން. އެމީހުންނަށް މަސައްކަތް ހަމަ ވަރަށްް ބުރަވާނެ"
ވަޒީފާއާ ބެހޭ ގާނޫނު ބުނާގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން 10 ޕަސެންޓަށްވުރެ މަދުނޫން އަދަދަކުން ސާވިސްޗާޖު ނަގަން ޖެހެ އެވެ. ސާވިސްޗާޖުގެ ގޮތުގައި ނަގާ ފައިސާ، ވަޒީފާ ދޭ ފަރާތުގެ ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަހަމަކަމާއެކު ބަހަން ޖެހެއެވެ.

އެއާޕޯޓު ރެޕުން މަސައްކަތުގައި -- ސަން ފޮޓޯ: އިބްރާހިމް އިފާޒް
އެގޮތުން ސާވިސްޗާޖުގެ ގޮތުގައި ލިބޭ ފައިސާ، ޖެހިގެން އަންނަ މަސް ނިމުމުގެ ކުރިން މުވައްޒަފުންނަށް ދޭން ޖެހެ އެވެ. އަދި ސާވިސްޗާޖް ބެހުމުގައި އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެ ކަމަށް ގާނޫނު ބުނެ އެވެ.
އެގޮތުން ވިޔަފާރިއެއްގެ ތެރޭގައި ތަފާތު ހިދުމަތްދޭ ވަކިވަކި ވިޔަފާރިތައް މާނަކުރަންވާނީ އެއް ހަމައަކުން ކަމަށްވެސް ގާނޫނު ބުނެ އެވެ. އޭގެ ތެރޭގައި ހިދުމަތްދޭ ފަރާތުން، ހިދުމަތް ދިނުމުގައި ސީދާ ގޮތުން އަދި ނުސީދާ ގޮތުން ބައިވެރިވާ މުވައްޒަފުންވެސް ހިމެނޭ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ. ނަމަވެސް ގާނޫނުން އެކި މާނަތައް ނަގައިގެން ރިސޯޓުތަކުން އެ މީހުން ބާކީ ކުރަނީ އެވެ.
މީގެ ކުރިންވެސް ސާވިސްޗާޖުގެ ގޮތުގައި އެއްވެސް އެއްޗެއް ނުލިބޭ މުވައްޒަފުންނަށް މި ގާނޫނުންވެސް ލިބޭ ހިތްހަމަޖެހުމެއް ނެތެވެ. ހިތްހަމަ ޖެހުމަކަށްވާނީ ގާނޫނުން އެބުނާ ސާވިސްޗާޖު ލިބޭނެ މީހުންނާއި ލިބެންޖެހޭނެ ގޮތް ސާފުކޮށް ބަޔާން ކޮށްދީގެންނެވެ. އެހެންނޫނީ ކުރިންވެސް އެ ހައްގުން މަހުރޫމުވި މީހުން ދެންވެސް ތިބެންޖެެހޭނީ ސާވިސް ޗާޖު ނުލިބި، ހައްގު މިންވަރުން މަހުރޫމުވެގެންނެވެ. އެ މީހުން އެދެނީ މައްސަލަ ހައްލުކޮށް ދިނުމަށެވެ. ސަރުކާރުގެ ހަރުދަނާ ސިޔާސަތާއި ބަސް ބުނުން އެކަމުގައި ތެރެއަށް ގެނެސް އެކަންކަން ހައްލުކޮށްދިނުމެވެ.