އެސްޓްރާޒެނެކާއިން އީޔޫއަށް ވެކްސިންގެ އިތުރު ނުވަ މިލިއަން ޑޯޒް ދެނީ

އީޔޫއިން ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓްރާޒެނެކާގެ ވެކްސިންގެ އިތުރު ނުވަ މިލިއަން ޑޯޒް ލިބޭނެ ކަމަށް ބުނެފަ -- ފޮޓޯ: ރޮއިޓާސް

ލަންޑަން (ފެބްރުއަރީ 1): އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން ގުޅިގެން އުފައްދާފައިވާ ކޮވިޑް ވެކްސިންގެ އިތުރު ނުވަ މިލިއަން ޑޯޒް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އަށް ދޭނެ ކަމަށް ބުނެފި އެވެ.

އެސްޓްރާޒެނެކާއިން އީޔޫއަށް ވެކްސިންގެ އިތުރު ޑޯޒްތައް ފޮނުވާނެކަން ޔޫރަޕިއަން ކޮމިޝަންގެ ރައީސް އާސަލާ ވޮން ޑާ ލަޔަން ވިދާޅުވީ، އެ ދެ ފަރާތުން މީގެ ކުރިން އެއްބަސްވެފައިވާ މިންވަރަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެކްސިން ސަޕްލައި ނުކުރެވޭނެ ކަމަށް އެސްޓްރާޒެނެކާއިން ބުނި ފަހުންނެވެ.

ވޮން ޑާ ލަޔަން ވިދާޅުވި ގޮތުގައި "މިދިޔަ ހަފްތާގައި އެސްޓްރާޒެނެކާއިން ފުރަތަމަ ކުއާޓަރުގައި ފޮނުވާނެ ކަމަށް ބުނި މިންވަރަށް ވުރެ އިތުރަށް ނުވަ މިލިއަން ޑޯޒް (ޖުމްލަ 40 މިލިއަން ޑޯޒް) އެ ކުންފުނިން ފޮނުވާނެ" އެވެ. އަދި ކުރިން އެއްބަސްވެފައިވާ ތާރީހަށް ވުރެ އަވަހަށް އެ ޑޯޒްތައް ޔޫރަޕްގެ ގައުމުތަކަށް ފޮނުވަން ފަށާނެ އެވެ.

މިދިޔަ އޮގަސްޓު މަހު އީޔޫއިން އަސްޓްރާޒެނެކާ ވެކްސިންގެ 300 މިލިއަން ޑޯޒް ހޯދުމަށް އެއްބަސްވުމެއް ހެދި އެވެ. ރިޕޯޓުތަކުގައިވާ ގޮތުން އީޔޫއިން އުއްމީދު ކުރީ އޭގެ ތެރެއިން 80 މިލިއަން ޑޯޒް މިއަހަރުގެ ފުރަތަމަ ތިން މަސް ތެރޭ ލިބޭނެ ކަމަށެވެ. ނަމަވެސް އެސްޓްރާޒެނެކާގެ ދެ ފެކްޓަރީއެއްގައި މައްސަލަތައް ޖެހުމާ ގުޅިގެން ވެކްސިންގެ ސަޕްލައިއަށް ބުރޫ އަރާ، ފުރަތަމަ ކުއާޓަރުގައި އީޔޫއަށް ފޮނުވާ ޑޯޒްގެ އަދަދު 60 ޕަސެންޓު މަދުވާނެކަން އެ ކުންފުނިން އެންގި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އޭގެ ފަހުން އީޔޫ އާއި އެސްޓްރާޒެނެކާއާ ދެމެދު ވެކްސިންގެ އެއްބަސްވުމާ ބެހޭ ގޮތުން ދެބަސްވުން އުފެދުނެވެ. އަދި ޔޫރަޕްގެ ގައުމުތަކުގައި އުފައްދާ ކޮވިޑް ވެކްސިންތައް އެކްސްޕޯޓު ކުރުން ކޮންޓްރޯލް ކުރާނެ ކަމުގެ އިންޒާރު އީޔޫއިން ދިނެވެ. އޭގެ ސަބަބުން އީޔޫއަށް ޑަބްލިޔުއެޗްއޯ އާއި އެހެން ގައުމުތަކުގެ ފާޑު ކިޔުން އަމާޒުވި އެވެ.

comment ކޮމެންޓް