ރައީސް ހިމެނޭގޮތުން ދައުލަތުގެ ތިން ބާރުގެ ވެރިން ވެކްސިން ޖައްސަވައިފި

މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑް-19 ވެކްސިން ޖައްސަވަނީ -- ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ދައުލަތުގެ ތިން ބާރުގެ އިސްވެރިން މިއަދު ކޮވިޑް-19 ވެކްސިން ޖައްސަވައިފި އެވެ.

އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ދޭން މިއަދު ވަނީ ފަށާފަ އެވެ. ވެކްސިން ދޭން ފަށާފައި ވަނީ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ ވެކްސިން ޖައްސަވައިފަ އެވެ.

އެ ބޭފުޅުންގެ އިތުރުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޑިފެންސް މިނިސްޓަރު މާރިޔާ މުހައްމަދު ދީދީ، ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީވެސް މިއަދު ވެކްސިން ޖައްސަވާނެ އެވެ.

އޭގެ އިތުރުން، އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރާއި ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ވެސް ވެކްސިން ޖައްސަވާނެ އެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި މިއަދު ވެކްސިން ދޭން ވަނީ ފަށައިފަ އެވެ. އެއީ މާލޭގެ އިތުރުން ކުޅުދުއްފުށި އަދި އައްޑޫ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ، ކުރިއަށް އޮތް ހައެއްކަ މަސް ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދީ ނިންމާލެވޭނެ ކަމަށެވެ.

comment ކޮމެންޓް