މެސީގެ އެއްބަސްވުމުގެ ތަފްސީލް ފަޅާ އަރުވާލީ ކުލަބަކުން ނޫން: ބާސެލޯނާ

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ --- ފޮޓޯ/ ޖޭމީ ސްމިތް: ލައިވްސްކޯ

ބާސެލޯނާއާ އެކު އެކުލަބުގެ ކެޕްޓަން ލިއޮނެލް މެސީ ހަދާފައިވާ އެއްބަސްވުމުގެ ތަފްސީލް މީޑިއާއަށް ފަޅާއަރުވާލުމުގައި ކުލަބުގެ އިހުމާލެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް އެކުލަބުން ބުނެފި އެވެ.

ސްޕެއިނުގެ ނޫހެއް ކަމަށްވާ އެލް މުންޑޯ އިން އިއްޔެ ހާމަކުރި ރިޕޯޓެއްގައި 2017 ވަނަ އަހަރު މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ތަފްސީލުތަކެއް ވަނީ ހިމަނައިފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ނިޔަލަށް ހަމަވާ އެ އެއްބަސްވުމުގެ ދަށުން ފަސް އަހަރުގެ ތެރޭ މެސީއަށް 555 މިލިއަން ޔޫރޯ މުސާރައާއި އިނާޔަތުގެ ގޮތުގައި ކުލަބުން ދޭން ވަނީ އެއްބަސްވެފަ އެވެ.

މެސީގެ މި އެއްބަސްވުން ލީކް ކޮށްލުމާ ގުޅިގެން ބާސެލޯނާގެ ގިނަބަޔަކު ވަނީ ކުލަބު މިވަގުތު ދަރަނިވެރިވެފައި އޮތް އޮތުމާއި، މެސީގެ މުސާރައާ ގުޅުވައިފަ އެވެ. އެންމެ ފަހުން ބާސެލޯނާގެ ތަފާސް ހިސާބުތަކުން ދެއްކި ގޮތުން އެކުލަބުން އެއް ބިލިއަން ޑޮލަރުގެ ދަރަންޏެއް އޮތް އިރު، މި ދަނޑިވަޅުގައި މެސީގެ އަގުވައްޓާލަން އެފަދަ މައުލޫމާތެއް ލީކް ކޮށްލުމުން އެކަން ތަހުގީގުކޮށް، އެ ތަފްސީލް ލީކް ކުރި ނޫހާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބާސެލޯނާއިން ވަނީ ބުނެފަ އެވެ.

"އެލް މުންޑޯ ނޫހުން މިއަދު ހާމަކުރި މައުލޫމާތުތަކަކީ ކުލަބުގެ ކުޅުންތެރިޔާ މެސީ އާއި ކުލަބާ ދެމެދު ވެވިފައި އޮތް ޕްރޮފެޝަނަލް އެއްބަސްވުމެއްގެ މައުލޫމާތުތަކެއް. އަދި މިއީ އެއްބަސްވުމުގައި ހިމެނޭ ދެފަރާތް ފިޔަވާ އެހެން އިތުރު ބަޔަކަށް ލިބެން ނުޖެހޭ ސިއްރު މައުލޫމާތުތަކެއްކަން ފާހަގަ ކުރަން،" ބާސެލޯނާއިން މެސީގެ އެއްބަސްވުން ލީކް ކުރުމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ބާސެލޯނާއިން އިތުރަށް ބުނީ، މި އެއްބަސްވުން ލީކުވުމުގައި އެކުލަބުގެ އެއްވެސް އިހުމާލެއް ނޯންނާނެ ކަމަށާއި، އެކަމަކު އެ މައުލޫމާތުތައް ލީކު ކުރި ގޮތް ތަހުގީގްކޮށް އެ މައްސަލައިގައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން މިއަހަރަށް ހަމަވާ އިރު، އޭނާ އިތުރަށް އައު އެއްބަސްވުމެއް އަދި ހެދުމަށް ގޮތެއް ނިންމާފައެއް ނުވެ އެވެ. ރިޕޯޓްތައް ބުނާގޮތުން މެސީގެ އެއްބަސްވުން ހަމަވުމާ އެކު އޭނާ އައު އެއްބަސްވުން ހެދުމުގެ ބަދަލުގައި އެހެން ކުލަބަކަށް ސޮއި ކުރުމާ ގާތެވެ.

comment ކޮމެންޓް