ހޮންކޮންގްގެ ރައްޔިތުންނަށް އިނގިރޭސި ރަށްވެހިކަން ލިބޭނެ އާ ވިސާ ސްކީމް ތައާރަފްކޮށްފި

އިނގިރޭސިވިލާތުން ހޮންކޮންގްގެ ރައްޔިތުންނަށް އާ ވިސާ ސްކީމް ތައާރަފް ކޮށްފައި ވަނީ ޗައިނާއިން ފާސް ކުރި އަމަނާ ބެހޭ ގާނޫނާ ގުޅިގެން -- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖެނުއަރީ 31): ހޮންކޮންގްގެ ރައްޔިތުންނަށް އިނގިރޭސިވިލާތުގެ ރަށްވެހިކަން ލިބޭނެ ގޮތެއް ފަހިކޮށްދޭ އާ ވިސާ ސްކީމެއް އެގައުމުން މިއަދު ތައާރަފްކޮށްފި އެވެ.

އިނގިރޭސިވިލާތުގެ އާ ވިސާ ސްކީމުގައި އޮންނަ ގޮތުން، ބްރިޓިޝް ނެޝަނަލް އޯވަސީސް (ބީއެންއޯ) ޕާސްޕޯޓު އޮންނަ ކޮންމެ މީހަކާއި އޭނާގެ އާއިލާގެ މެމްބަރުންނަށް މިހާރު އެގައުމުގައި ދިރިއުޅުމަށާއި މަސައްކަތް ކުރުމަށް ހުއްދަ ދޭ ވިސާއަކަށް އޮންލައިންކޮށް އެދެވޭނެ އެވެ. އަދި ފަސް އަހަރު އަހަރު ފަހުން އިނގިރޭސި ރަށްވެހިކަމަށް އެދެވޭނެ އެވެ.

އިނގިރޭސިވިލާތުން އެ ވިސާ ސްކީމް ތައާރަފް ކުރީ ޗައިނާއިން މިދިޔަ އަހަރު ފާސް ކުރި ހޮންކޮންގްގެ އަމަނާ ބެހޭ ގާނޫނާ ގުޅިގެންނެވެ. އެ ގާނޫނުގައި ވަނީ އެ ސަރަހައްދުން ޗައިނާގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރުމާއި ޓެރަރިޒަމްގެ އަމަލުތަކާއި ބޭރުގެ ފަރާތްތަކާ ގުޅިގެން ސިއްރިއްޔާތުގައި މަސައްކަތް ކުރުން މަނާކޮށްފަ އެވެ. އަދި އެ ގާނޫނާ ހިލާފުވާ މީހުން އުމުރަށް ޖަލަށް ލެވިދާނެ ކަމަށް ކަނޑައަޅާފަ އެވެ.

އިނގިރޭސިވިލާތުން ބުނި ގޮތުގައި އެ ގާނޫނު ފާސްކޮށްފައި ވަނީ އެގައުމުން 1997ގައި ހޮންކޮންގް، ޗައިނާއާ ހަވާލު ކުރި އިރު ދެ ގައުމުގެ މެދުގައި ހެދި އެއްބަސްވުމާ ހިލާފަށެވެ. އެ އެއްބަސްވުމުގައި "އެއް ގައުމެއް، ދެ ނިޒާމެއް'ގެ އުސޫލުގެ ދަށުން 2047އާ ޖެހެންދެން ހޮންކޮންގްއަށް ޗައިނާއިން އިތުރު މިނިވަންކަން ދޭން ޖެހޭނެކަމަށް ބުނެފައިވެ އެވެ.

ބީއެންއޯ ޕާސްޕޯޓަކީ "ހޮންކޮންގްއާ ގުޅުން ހުރި ބްރިޓިޝް އޯވަސީސް ޓެރިޓަރީސް ރައްޔިތުންނަށް" ހާއްސަކޮށް 1987އިގައި ހަދާފައިވާ ޕާސްޕޯޓެކެވެ. އޭރު ހޮންކޮންގްގެ ގިނަ އަދަދެއްގެ މީހުން އިނގިރޭސި ރަށްވެހިކަން ބޭނުންވި ނަމަވެސް ޗައިނާއިން އެފަދަ ފިޔަވަޅަކަށް ދެކޮޅު ހެދި އެވެ. އަދި ބީއެންއޯ ސްޓޭޓަސް ދީފައި ވަނީ 1997އާ ޖެހެންދެނެވެ.

comment ކޮމެންޓް