ޔޫރަޕް ގައުމުތަކުން ވެކްސިން ބައްކުރާތީ ޑަބްލިޔުއެޗްއޯއިން ފާޑު ކިޔައިފި

އީޔޫއިން ވަނީ ކޮވިޑް ވެކްސިން އެކްސްޕޯޓު ކުރުން ކޮންޓްރޯލް ކުރާނެ ކަމަށް ބުނެފަ -- ފޮޓޯ: އީޕީއޭ

ޖެނީވާ (ޖެނުއަރީ 31): ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގައި އުފައްދާ ކޮވިޑް ވެކްސިންތައް އެކްސްޕޯޓު ކުރުން އެ އިއްތިހާދުން ކޮންޓްރޯލް ކުރާނެކަން އިއުލާން ކުރުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ފާޑު ކިޔައިފި އެވެ.

އީޔޫގެ ޓްރޭޑް ކޮމިޝަނަރު ވިދާޅުވި ގޮތުގައި އެ އިއްތިހާދުން ކޮވިޑް ވެކްސިން އެކްސްޕޯޓު ކުރުން ކޮންޓްރޯލް ކުރާނީ އީޔޫގެ ވެކްސިން ސަޕްލައިއަށް ބުރޫ އަރާ ނަމަ އެވެ. އެއީ އެ ވެކްސިންއެއް އުފައްދާ ކުންފުންޏަކުން އީޔޫއާ އެކު ހަދާފައިވާ ކޮންޓްރެކްޓާ އެއްގޮތަށް ވެކްސިން ސަޕްލައި ކޮށްނުދޭ ނަމަ އެވެ. އަދި އެ ކޮންޓްރޯލްތައް ދެމި އޮންނާނީ މާޗް މަސް ނިމެންދެނެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔަސަސް ވިދާޅުވި ގޮތުގައި މުއްސަނދި ގައުމުތަކުން ވެކްސިން ހިފަހައްޓާތީ "ދުނިޔެ މިހާރު ދަނީ އަހުލާގިއްޔަތުގެ ގޮތުން ފެެއިލް"ވަމުންނެވެ.

"މި ފެއިލްވުމުގެ އަގަކީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ މީހުންގެ ފުރާނަ އާއި އާމްދަނީ،" ޓެޑްރޮސް ވިދާޅުވި އެވެ.

މީގެ އިތުރުން ޑަބްލިޔުއެޗްއޯގެ ތަރުޖަމާނު މާގަރެޓް ހެރިސް ވިދާޅުވި ގޮތުގައި ކޮންމެ ގައުމަކުންވެސް ފުޅާ ދާއިރާއެއްގައި ވެކްސިން ދޭން ފެށުމުގެ ކުރިން އެހެން ގައުމުތަކުގެ ހެލްތު ވޯކަރުންނާއި ހައި-ރިސްކު މީހުންނަށް ވެކްސިން ޖެހުމަށް ފުރުސަތު ދޭން ޖެހެ އެވެ.

އީޔޫގައި ވެކްސިން އުފައްދާ ކާރުހާނާތަކުން ދެން ވެކްސިން އެކްސްޕޯޓު ކުރުމުގެ ކުރިން އެކަން އެ ކާރުހާނާ ހުންނަ ގައުމެއްގެ ސަރުކާރަށް ފުރަތަމަ އަންގަން ޖެހޭނެ އެވެ. އެއަށް ފަހު އެގައުމަކުން ޔޫރަޕިއަން ކޮމިޝަންގެ ހުއްދަ ހޯދަން ޖެހޭނެ އެވެ.

އެ ވެކްސިން ކޮންޓްރޯލްގެ އަސަރު އިނގިރޭސިވިލާތާއި އެމެރިކާ އާއި ކެނެޑާ އާއި އޮސްޓްރޭލިއާ ހިމެނޭ ގޮތަށް 100 ގައުމަކަށް ކުރާނެ އެވެ. ނަމަވެސް ދުނިޔޭގެ ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭ ކޯވެކްސް ފެސިލިޓީއަށް ވެކްސިން ދިނުން ހުއްޓާނުލާނެ ކަމަށް އީޔޫއިން ބުންޏެވެ.

އީޔޫއިން އެ ފިޔަވަޅު އެޅީ އެސްޓްރާޒެނެކާއިން އެ އިއްތިހާދަށް ކޮވިޑް ވެކްސިން ސަޕްލައިކޮށްދޭން ޖެހޭ މިންވަރަށް ވެކްސިން ފޯރުކޮށް ނުދޭ ކަމަށް ބުނެ، ނުރުހުން ފާޅު ކުރުމަށް ފަހު އެވެ. ރިޕޯޓުތަކުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓްރާޒެނެކާއިން އީޔޫއަށް ފޯރުކޮށްދެވޭނީ ކުރިން ދެ ފަރާތުން އެއްބަސްވި މިންވަރަށް ވުރެ 60 ޕަސެންޓު މަދު މިންވަރެކެވެ. އަދި ފައިޒާ އާއި މޮޑާނާގެ ވެކްސިންވެސް އީޔޫއަށް ފޯރުކޮށްދިނުމުގައި ވަނީ ލަސްތަކެއް ކުރިމަތިވެފަ އެވެ.

comment ކޮމެންޓް