ޖުމްލަ ރިޒާވުގައި 984.8 މިލިއަން ޑޮލަރު

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ޖުމްލަ ރިޒާވް (ގްރޮސް އިންޓަނޭޝަނަލް ރިޒާވް) 984.8 މިލިއަން ޑޮލަރަށް އަރައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާންމުކޮށްފައިވާ އިކޮނޮމިކް އަޕްޑޭޓުގައި ވާގޮތުން މިދިޔަ ޑިސެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި 984.8 މިލިއަން ޑޮލަރު ހުއްޓެވެ. އެއީ 2019 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 31 ޕަސެންޓު އިތުރު އަދަދެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މީގެ އިތުރުން މި އަދަދަކީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު 56 ޕަސެންޓު އިތުރުވުމެއް ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭގެ ހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު ޖުމްލަ ރިޒާވުގައި ހުރީ 629.9 މިލިއަން ޑޮލަރެވެ. 2019 ވަނަ އަހަރު ނިމުނު އިރު 753.5 ޑޮލަރު ރިޒާވްގައި ހުރިކަމަށްވެސް އެމްއެމްއޭގެ ހިސާބުތައް ދައްކައެވެ.

ޑިސެމްބަރު މަހުގެ ރިޒާވް ރަނގަޅުވެފައިވަނީ ޓޫރިޒަމް ސިނާއަތް މަޑުޖެހިފައި އޮތުމަށްފަހު ނޮވެމްބަރުން ފެށިގެން އެ ސިނާއަތަށް ދިރުން އަންނަން ފަށާފައި ވަނިކޮށެވެ.

comment ކޮމެންޓް